މަޖިލީހުގައި ރެސްޓޯރެންޓެއް ހެދުމުން ހަރަދު ވާނީ ކުޑަ: ނަޝީދު

މިރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގައި ރެސްޓޯރެންޓެއް ހެދުމުން މަޖިލީހުގެ ހަރަދު ވާނީ ކުޑަ ކަމަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސޯޝަލް ކްލަބުގެ ދަށުން މަޖިލީހުގެ އިދާރާގައި ރެސްޓޯރެންޓަކާއި ޖިމެއް ހުޅުވަން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު އިއުލާން ކުރެއްވީ މިމަހުގެ އެއްވަނަ ދުވަހު އެވެ. އަދި އެތަންތަން ހަދާނެ ފަރާތެއް ހޯދަން މި މަހުގެ 22 ވަނަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ.

މިރޭ އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ، ރެސްޓޯރެންޓު ހެދުމުން މެމްބަރުންގެ ކޮއްތަށް ދާ ހަރަދު ކުޑަވެ، މަޖިލީހުގެ ބަޖެޓަށް ލުއިވެގެންދާނެ ކަމަށެވެ.

"މަޖިލީހުގައި ރެސްޓޯރެންޓަކާއި ކަސްރަތު ކޮޓަރިއެއް މި ހަދަނީ ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕެއްގެ ގޮތުގައި. އެއީ ކޮންޓްރެކްޓާ ފައިނޭންސްގެ އުސޫލުން. އެހެންވީމަ މަޖިލީހުގެ ބަޖެޓަށް ލުއިވެގެން ދާނީ ހަގީގަތުގައި ރެސްޓޯރެންޓު ހެދުމާ ގުޅިގެން. އެނގިވަޑައިގަންނަވާނެ މިހާރު ވަރަށް ބޮޑު އެއްޗެއް އެބަ ހަރަދު ކުރަން ޖެހޭ ކޮއްތަށް،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގައި ހަދާ ރެސްޓޯރެންޓު ހުންނާނީ މަޖިލީހުގެ އާ އިމާރާތުގެ ޓެރަސްގައެވެ. އެ ރެސްޓޯރެންޓް ހުޅުވުމުން ދާއިރާގެ ރައްޔިތުންނާއެކު ކޮފީ ބޯލަން، މަޝްވަރާކޮށްލަން އެތަނަށް މެމްބަރުންނަށް ވަޑައިގެންނެވޭނެ ކަމަށް ނަޝީދު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ. މިރޭ އޭނާ ވިދާޅުވީ، ކުރީގެ މަޖިލިސް މެމްބަރުންނަށްވެސް އެތަނަށް ވަޑައިގެންނެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިގެންދަނީ ކޮއްތަށް ދޭ އެއްޗެއް ކުޑަކޮށްފައި އެތަނުގައި ރެސްޓޯރެންޓެއް ހުރެ އެ ރެސްޓޯރެންޓުން މަޖިލިސް މެމްބަރުންނަށް ހިދުމަތް ލިބޭނެ ގޮތް ވުން. އަދި އެއީ ކުރީގެ މެމްބަރުންވެސް ހިމެނޭ ގޮތަށް އަދި މަޖިލީހުގެ މުވައްޒަފުންނަށްވެސް. އަދި ހަމައެއާއެކު މެމްބަރެއްގެ ކޮންސްޓިޓުއަންޓެއް ކަމަކާ ވާހަކަ ދައްކަން މަޝްވަރާ ކުރަން ބޭނުންވިޔަސް އެ ފުރުސަތުވެސް އެތަނުގައި ހުޅުވިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރެސްޓޯރެންޓަކާ ފިޓްނަސް ސެންޓަރެއް ހަދަން ނިންމާފައިވާއިރު، މަޖިލީހުން ފާސްކުރާ ގާނޫނުތަކާއި މަޖިލީހާ ބެހޭ އެހެނިހެން ވެސް މައުލޫމާތު ގަންނަން ލިބޭނެ ފަދަ ފިހާރައެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް މަޖިލީހުގެ ސޯޝަލް ކުލަބުގެ ފަރާތުން ކުރައްވާނެ ކަމަށް ރައީސް ނަޝީދު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް