ފުވައްމުލަކު ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެހެން ހޮސްޕިޓަލަކުން އޮންލައިން ކޮންސަލްޓޭޝަން ހަދައިފި

ފުވައްމުލަކު ހޮސްޕިޓަލުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އެހެން ހޮސްޕިޓަލެއްގެ ހާއްސަ ޑޮކްޓަރަކާ އޮންލައިން ކޮންސަލްޓޭޝަން ހަދައިފި އެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ މެނޭޖަރ، ހެލްތު ސާވިސް އަހްމަދު ސައީދު ވިދާޅުވީ ހުޅުމާޅޭ ހޮސްޕިޓަލާ ގުޅިގެން އިންޑިއާގެ އަމްރީތާ ހޮސްޕިޓަލުގެ ކެންސަރަށް ފަރުވާ ދޭ ޑިމޕާޓްމަންޓުގެ ހާއްސަ ޑޮކްޓަރަކާ ކޮންސަލްޓޭޝަން ހެދުމުގެ ފުރުސަތު ފުވައްމުލަކު ސިޓީގެ މީހަކަށް ހޯދައިދީފައިވާ ކަމަށެވެ.

މިގޮތަށް ބޭރު ހޮސްޕިޓަލެއްގެ އޮންލައިން ކޮންސަލްޓޭޝަން ހެދުމުގެ ހިދުމަތް ފެށުމުގައި އިންޑިއާގެ ބޮޑު ހޮސްޕިޓަލަކާއެކު ހިދުމަތް ފެށުމަކީ ފުވައްމުލަކު ހޮސްޕިޓަލުގެ މުވައްޒަފުންނަށް ލިބުނު ފަހުރެއްގެ ގޮތުގައި ސައީދު ފާހަގަކުރެއްވި އެވެ.

"މި ހިދުމަތުގެ ސަބަބުން ބޮޑެތި ބަލިތަކުގައި ފަރުވާ ހޯދާ ފަރާތްތަކަށް ދޭތެރެ ދޭތެރެއިން ދަތުރުކުރުމުގެ ބަދަލުގައި ފުވައްމުލަކުގައި ތިބެގެން ފަރުވާ ހޯދާ ޑޮކްޓަރާ ބައްދަލުވެވޭ ގޮތް ހަމަޖެހުމަކީ ކުރަން ޖެހޭ ހަރަދު ކުޑަވެ، އެތައް ގޮތަކުން ލުއިފަސޭހަކަން ލިބޭނެ ކަމެއް ކަމަށް ހޮސްޕިޓަލުން އުންމީދުކުރޭ،" ސައީދު ވިދާޅުވި އެވެ.

މި ހިދުމަތް ދިނުމުގައި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަން ފާހަގަކޮށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެކަމަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތްތަނުގައި ރާއްޖެއާއި ބޭރުގެ ބޮޑެތި އެހެން ހޮސްޕިޓަލުތަކުގެ ޑޮކްޓަރުންނާއެކު ކޮންސަލްޓޭޝަން ހޯދުމުގެ ފުރުސަތު ހޯދައި ދިނުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް ފުވައްމުލަކު ހޮސްޕިޓަލުން ބުނެ އެވެ.

comment ކޮމެންޓް