ސުޝާންތުގެ "ސޯންޗިރިޔާ" އަލުން ސިނަމާތަކަށް

ފިލްމުގެ މަންޒަރެއްގައި ސުޝާންތު--

މިދިޔަ މަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ ފިލްމު "ސޯންޗިރިޔާ" އަލުން ސިނަމާތަކުގައި އެޅުވުމަށް ނިންމާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ސުޝާންތަށް ދޭ ޓްރިބިއުޓެއްގެ ގޮތުގައި އޭނާގެ މި ފިލްމު އަލުން ސިނަމާތަކުގައި އަޅުވާނީ އިންޑިއާގައި ސިނަމާތަށް އަލުން ހުޅުވަން ފުރުސަތު ދިނުމުންނެވެ. ސުޝާންތުގެ ވަރުގަދަ އެކްޓިން ފެނިގެންދާ މި ފިލްމު ބޮކްސް އޮފީހުގައި މާބޮޑު ކާމިޔާބީއެއް ލިބިފައެއްނުވެއެވެ. ނަމަވެސް މި ފިލްމުގެ ޓްރެއިލާ ރިލީޒްކުރި ދުވަސްވަރު ފިލްމުގެ ޓްރެއިލާއަށް ގިނަ ބަޔަކު ވަނީ ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ. މި ފިލްމު އިންޑިއާގެ 720 ސްކްރީނުގައި ވަނީ އަޅުވާފައެވެ. އެހާ މަދު ސިނަމާތަކުގައި މި ފިލްމު އަޅުވާފައިވާތީ ސުޝާންތު އޭރު ވަނީ ކަންބޮޑުވުން ފާޅުވެސްކޮށްފައެވެ.

ސުޝާންތު އާއި ބަތަލާ ބޫމީ ޕެޑްނޭކަރު ލީޑު ރޯލުން ފެނިގެންދާ މި ފިލްމަކީ އިންޑިއާގެ ޗަމްބަލް ސަރަހައްދުގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ. ސުޝާންތު އަދި ބޫމީގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން މަނޯޖް ބާޖްޕާއީ ރަންވިރް ޝޯރޭ، އަދި އަޝުތޯޝް ރާނާ ވަނީ ފެނިގެން ގޮސްފައެވެ.

މި ފިލްމު ރިލީޒްކުރުމުގެ ކުރިން ސުޝާންތު ވަނީ ފޭނުން ގާތު މި ފިލްމު ބަލަން ދިޔުމަށް އެދި އާދޭސްކޮށްފައެވެ. އޭނާ ބުނީ އާންމުން އޭނާގެ ފިލްމުތައް ބަލަން ނުދާކަމަށް ވާނަނަ ބޮލީވުޑުން އޭނާ ނެރެ އެއްލާލާނެ ކަމަށެވެ. އަދި އޭނާއަކީ ބޮލީވުޑްގައި ގޯޑްފާދާއެއް ނެތް އެކްޓަރަކަށްވުމާއެކު ބޮލީވުޑްގައި ހަރުލުމަކީ އުނދަގޫކަމެއް ކަމަށާއި ބޮލީވުޑުން އޭނާ ފެންނަން ބޭނުންނަމަ މި ފިލްމު ބަލަން ދިޔުމަށްވެސް އޭނާ ވަނީ އެދިފައެވެ.

އަބީޝެކް ޗައުބޭ ޑައިރެކްޓު ކޮށްފައިވާ މި ފިލްމު ޑިޖިޓަލް ޕްލެޓްފޯމްތަކުގައި ރިލީޒްކުރުމަށް ނިންމާފައިވާކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ.

comment ކޮމެންޓް