ގަސްތުގައި ބަލި ފަތުރާ މީހެއް ކަމަށް ބުނާ ވީޑިއޯއެއް އާންމުވެ، ފުލުހުން މައްސަލަ ބަލަނީ

ގަސްތުގައި ކޮވިޑް19 ފަތުރަން މަސައްކަތް ކުރާ ކަމަށް ބުނާ މީހަކު ފެންނަ ވީޑިއޯއެއް އާންމުވެ، އެ ވީޑިއޯގެ މައްސަލަ ފުލުހުން ބަލަން ފަށައިފި އެވެ.

ވައިބާ ގްރޫޕުތަކުގައި ވީޑިއޯއާ އެކު ދައުރުކުރާ މެސެޖުގައި ބުނެފައި ވަނީ ބަލީގެ އަލާމާތް ހުންނަ، މާލޭގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ބަލި އިތުރަށް ފެތުރުމަށް ޓަކައި، މީހުން އެއްވެ އުޅޭ ތަންތަނުގައާއި މީހުން ނިދާފައި ތިބޭ ގަޑިތަކުގައި ގޭގޭގެ ދޮރުތަކާއި، ފިހާރަތަކުގެ ދޮރުގެ ތަޅުގައި ކުޅު ހާކަމުން އަންނަ ކަމަށެވެ.

އެ ވީޑިއޯގައި ފެނިގެން ދަނީ ފިރިހެނަކު ގެއެއްގެ ދޮރުގައި ޓަކި ދިނުމަށް ފަހު، އަޅައިގެން ހުރި މާސްކް ނަގައި، ނޭފަތް ފޮޅާ މަންޒަރެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ ވީޑިއޯ ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ ވީޑިއޯގައި ތުހުމަތު ކުރެވޭ ގޮތަކަށް މީހެއްގެ އަމަލުތައް ހުރުމާ ގުޅިގެން، ބަލަން ޖެހޭ ކަންކަން ފުލުހުން ބަލަމުން އަންނަ ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ވީޑިއޯއާ ގުޅޭ އިތުރު މައުލޫމާތެއް ލިބިފައިިވާ ފަރާތެއްވާ ނަމަ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު، 9631696 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.

މާލެ ސަރަހައްދުގައި ކޮވިޑް19 ފެތުރުންް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެ އެކަނި 137 މީހަކު ވައިރަހަށް ޕޮޒިޓިވްވެފައި ވާއިރު، މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ ވަނީ 3506 އަށް އަރައިފައެވެ.

comment ކޮމެންޓް