ގެސްޓްހައުސް އިންޑަސްޓްރީ ކަރުއެލި، ގޮތްހުސްވެފައި

ކ. މާފުށީ މަގެއްގެ މަތީން ފަތުރުވެރީންތަކެއް ދަނީ-- ސަން ފޮޓޯ: މުޒައްޔިން ނާޒިމް

ރަށްރަށުގެ އިގްތިސާދަށް ދިރުން އައިސް ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ އަތްމަތި ތަނަވަސްވަން ފެށީ ރާއްޖޭގައި ގެސްޓްހައުސް ޓޫރިޒަމް ކުރިއަރައި ތަރައްގީވާން ފެށި ހިސާބުންނެވެ. ފާއިތުވި 10 ވަރަކަށް އަހަރު ތެރޭ މި އިންޑަސްޓްރީ ކުރިއަރައި، ތަރައްގީވެ، ރަށަށް ވަންނަ ޑޮލަރުގެ އަދަދު މިލިއަނުން މައްޗަށް ހިނގައްޖެ އެވެ. ރައްޔިތު މީހާ ރަށުގައި ހުރެގެން އާމްދަނީ ހޯދޭނެ އެތައް މަގެއް މި އިންޑަސްޓްރީއާއެކު ފުޅާވެ ތަރައްގީވި އެވެ. ނަމަވެސް ކުރިއަރަމުންދިޔަ މި އިންޑަސްޓްރީ ކުއްލިއަކަށް ހުއްޓުވާލީ ނޭނގި ތިއްބާ މުޅި ދުނިޔެއަށް ބިންދާލި ކޮވިޑް19ގެ ރާޅުންނެވެ.

ކޮވިޑް19ގެ ރާޅާއެކު މި އަހަަރުގެ މާޗު 17 އިން ފެށިގެން ރާއްޖޭގެ ގެސްޓުހައުސްތަކަށް ގެސްޓުން ގެނައުން މަނާކުރި އެވެ. އޭރު ރާއްޖެއިން ކޮވިޑްގެ ކޮމިޔުނިޓީ ސްޕްރެޑެއް ނުފެނެ އެވެ. ބަލި މުޅިންވެސް ފެންނަމުންދިޔައީ ފަތުރުވެރިންގެ ފަރާތުންނެވެ. ގެސްޓްހައުސްތައް ބަންދުކޮށް ގެސްޓްހައުސްތަކުގެ މުވައްޒަފުންނާއި ވެރިން އަތްއުރާލައިގެން ތިބޭތާ ހަތަރު މަސް ވީ އެވެ.

މާޗު 27 އިން ފެށިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، މި މަހުގެ 15 ގައި ބޯޑަރު އަލުން ހުޅުވާލާ ރިސޯޓުތަކާއި ސަފާރީތައް އޮޕަރޭޓު ކުރަން ފެށިއިރު ގެސްޓްހައުސް އިންޑަސްޓްރީ އަށް އޮތްް އެންމެ ބޮޑު އުއްމީދަކީ އަންނަ މަހުގެ އެކަކުން ފެށިގެން ގެސްޓްހައުސްތައް ހުޅުވާލެވޭނެކަމަށް ބެލެވިފައި އޮތުމެވެ.

ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބޯޑަރު ހުޅުވާލާ، ޓޫރިޒަމް އަލުން ފެށުމަށް ޓޫރިޒަމް މިނިސްޓްރީ އިން އާންމުކުރި ސޭފްޓީ ގައިޑްލައިންގައި، ލަފާކޮށްފައި އޮތީ އޮގަސްޓު އެކަކުން ފެށިގެން ގެސްޓުހައުސްތައް ހުޅުވާލެވޭނެ ކަމަށެވެ.

ގައިޑްލައިން ބުނާގޮތުން ގެސްޓްހައުސް ހިންގާ ރަށްތަކުގައި ހުންނަ ޑޮކްޓަރަކީ ކޮވިޑް-19އާ ގުޅޭ ޓެސްޓު ހެދުމާއި އައިސޮލޭޝަން އާ ގުޅޭ ތަމްރީނު ލިބިފައިވާ މީހަކަށް ވާންޖެހެ އެވެ. މި ތަމްރީނުތައް ފުރިހަމަ ކުރާ ޑޮކްޓަރުން ތިބޭ ރަށްރަށުގެ ގެސްޓުހައުސްތައް ހުޅުވުމަށް ހުއްދަ ދޭނެ ކަމަށް ގައިޑްލައިންގައި ބުނެފައިވެ އެވެ.

ފަތުރުވެރިއަކު އައިސޮލޭޓު ކުރަން ޖެހިއްޖެނަމަ އައިސޮލޭޝަން ފެސިލިޓީ ފޯރުކޮށްދޭންޖެހޭނީ ގެސްޓުހައުސްގެ ފަރާތުންނެވެ. ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތަށް ބޭނުންވާ މައުލޫމާތު ގެސްޓުހައުސް އަދި ކެފޭ ރެސްޓޯރެންޓުން ބަލަހައްޓަންވާނެ ކަމަށް ގައިޑްލައިންގައި ބުނެ އެވެ.

ހުޅުވާލުމުގެ ކުރިން ކޮންމެ ގެސްޓްހައުސްއަކުންވެސް އެތަނަކުން އެކުލަވާލާފައިވާ ހެލްތު އެންޑް ސޭފްޓީ ގައިޑްލައިނެއް ޓޫރިޒަމް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެ އެވެ.

ނަމަވެސް މި ތާރީހު ބަދަލުވެދާނެ ކަމަށް އެ ގައިޑްލައިން ގައި ބުނެފައިވެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓްގައި ފަތުރުވެރިންތަކެއް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިހާރު ކޮވިޑް19 ފެތުރެމުންދާ ނިސްބަތާއި މިހާރުގެ ހާލަތަށް ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން އޮގަސްޓު އެކެއްގައި ގެސްޓްހައުސްތައް ނުހުޅުވާގޮތަށް ނިންމާފައިވާކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވުމާއެކު ގެސްޓްހައުސް އިންޑަސްޓްރީ އިން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަން ފަށައިފަ އެވެ.

ގެސްޓްހައުސް އެސޯސިއޭޝަން (ގޭމް) އިން ސިފަކުރިގޮތުގައި ކޮވިޑް19ގެ ބަލިމަޑުކަމާ ގުޅިގެން ގިނަ ދުވަސްތަކެއްވަންދެން ގެސްޓްހައުސް އިންޑަސްޓްރީ ބަންދުވެފައި އޮތުމުގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާއެކު، ގެސްޓްހައުސްތައް ހުޅުވުން ލަސްވުމަކީ އިންޑަސްޓްރީގެ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމެކެވެ.

އޮގަސްޓު އެކަކުން ފެށިގެން ގެސްޓްހައުސްތައް ހުޅުވަން ތައްޔާރުވެ، ބުކިންގްތައް ނަގަމުން ދަނިކޮށް، ގެސްޓްހައުސްތައް ހުޅުވުން ފަސްކުރުމަކީ މުޅި އިންޑަސްޓްރީ އަށް ކުރިމަތިވި ތަކުލީފެއް ކަމަށްވެސް އެ ޖަމްއިއްޔާ އިން ވަނީ ބުނެފަ އެވެ.

އއ. ތޮއްޑޫ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ސަން" އާ ވަހަކަދެއްކި ގެސްޓްހައުސްތަކުންވެސް ވަނީ ސަރުކާރުގެ މި ނިންމުމާއެކު މުޅި އިންޑަސްޓްރީ މާޔޫސްވެއްޖެެ ކަމަށް ބުނެފަ އެވެ.

އއ ތޮއްޑޫގައި ހިންގާ ސަމާއިން ގެސްޓްހައުސްގެ އޮފިޝަލަކު ވިދާޅުވީ މާޗު މަހުން ފެށިގެން އާމްދަނީ ލިބޭނެ ގޮތެއް ނެތް ކަމަށެވެ.

"އޮގަސްޓަށް ވަރަށް ރަނގަޅު ބުކިންގްސް ލިބިފައި ހުރީ. އެކަމަކު އޮގަސްޓުމަހު ނުހުޅުވާގޮތަށް ނިންމީމާ، އެ ބުކިންގްސް ކެންސަލް ކޮށްލައިފިން. ތޮއްޑޫގައި ވެސް 32 ގެސްޓްހައުސް އެބަ ހިންގާ. ގޮތަކަށް ބުނާނަމަ މިތިބެނީ ވިދިފައި. ފޫ ނުބެއްދޭވަރުގެ ގެއްލުންތައް މިދަނީ ވަމުން،" އޭނާ ވިދާޅުވި އެވެ.

ޓޫރިސްޓުންތަކެއް ތޮއްޑޫ މަގެއްގެ މަތިން ހިނގާފައި ދަނީ: ގެސްޓް ހައުސް ވިޔަފާރީގައި ތޮއްޑޫއަކީ މަޝްހޫރު ރަށެއް-- ސަން ފޮޓޯ/ މުހައްމަދު އަފްރާހު

މާޗުމަހުގެ ތެރޭގައި ރާއްޖެއަށް އިޓަލީ އިން ދަތުރުކުރުން މަނާކުރުމުގެ ކުރިން އެ ގެސްޓްހައުސްއަށް 18،000 ޑޮލަރުގެ ބުކިންގް ލިބުނު ކަމަށާއި ނަމަވެސް އިޓަލީ އިން ލިބުނު އެ ބުކިންގްތައް އޭރު ކެންސަލް ކޮށްލަން ޖެހުނީ ކަމަށް ގެސްޓްހައުސް އިން ވަހަކަދެއްކެވި އޮފިޝަލު ވިދާޅުވި އެވެ.

"އެއްވެސް ހޯޕެއް ނެތް މިދާގޮތުން. ރަށްތައް ސޭފް. މާލެ ނުގޮސް ގެސްޓުން މި އަންނަނީ ރަށްރަށަށް. ދެ ތަނަކުން އެބަ ސްކްރީން ކުރޭ ބައްޔަށް. އަތޮޅުތެރޭގެ ގެސްޓްހައުސްތައް ބަންދުކޮށްފައި ބޭއްވުމަކީ ހައްލެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ސަމާ އިންއިން ވާހަކަ ދެއްކި އޮފިޝަލު ވިދާޅުވީ ސަލާމަތީ ފިޔަވަޅުތަކާއެކު ރަށްރަށުގެ ގެސްޓްހައުސްތައް ހިންގުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ.

ތޮއްޑޫ ސަމާ އިން ގެސްޓްހައުސް -- ފޮޓޯ: ޓްރިޕް އެޑްވައިޒާ

"އެއްކޮށް އަތްމަތި ހުސްވެއްޖެ. ރަށުގެެ ހުރިހާ ކަމެއްވެސް ގުޅިފައި އޮންނަނީ ގެސްޓުންނާ. ވިޔަފާރިއަކަސް ކެފޭ ރެސްޓޯރެންޓަކަސް މި ހިނގަނީ، އާމްދަނީ އެއް ވަންނަނީ ގެސްޓުން އަންނަންޏާ،" އޭނާ ވިދާޅުވި އެވެ.

ގެސްޓްހައުސް އެސޯސިއޭޝަންގެ ކުރީގެ ރައީސް އަދި ޔޫއައިގެ މެނޭޖިން ޑިރެކްޓަރު މޫސާ ނާސިހު ވެސް ވަނީ ގެސްޓްހައުސްތައް ހުޅުވުން ފަސްކުރުމާއެކު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގެސްޓްހައުސްތަކުގައި އޮގަސްޓުމަހަށް ހުރި ބުކިންތައް ކެންސަލްކޮށް ކުރިއަށް ހުރި ބުކިންތައް ވެސް އެހެން ޑެސްޓިނޭޝަންތަކަށް ބަދަލުކުރަމުންދާ ކަމަށެވެ.

ގެސްޓްހައުސްތައް ހުޅުވުން ފަސްކުރުމުން އޭނާ ވަނީ "ރަށްފުށު ފަތުރުވެރިކަން ކުރިއަރުވަން ވައުދުވި ސަރުކާރުން ރަށްފުށު ފަތުރުވެރިކަމުގެ މަހާނަ ވަޅު ކޮނުނީތޯ" ސުވާލު އުފައްދަވައިފަ އެވެ.

މާފުށީގައި ދެ ފަތުރުވެރިޔަކު --- ސަން ފައިލް ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ބ. ފެހެންދޫ ޓްރޮޕިކަލް ވިލެޖުގެ ވެރިޔާ މުފީދު ވިދާޅުވި ގޮތުގައި ބޯޑަރު ބަންދުކޮށް ފަތުރުވެރިން ގެނައުން ހުއްޓާލިއިރުވެސް އެ ގެސްޓްހައުސް އޮތީ ފުލް އޮކިއުޕެންސީގަ އެވެ. އޭޕްރީލް ހަތަރަކާ ހަމައަށް އެތަނުގައި ގެސްޓުން ތިއްބެވެ. އޭގެ ފަހުން މިވީހާތަނަށް މަހެއްގެ މައްޗަށް 50،000 - 70،000 ޑޮލަރުގެ ގެއްލުމެއް ވަމުންދާކަން މުފީދު ފާހަގަ ކުރެއްވި އެވެ.

"އޮގަސްޓް މަހުގެ ތެރޭ 12 ރޫމް ފުލްވެފައި އޮތީ. އެކަމަކު ގެސްޓްހައުސްތައް ނުހުޅުވަން ނިންމުމުން ކެންސަލް ކޮށްލަންތާ ޖެހޭނީ. އަޅުގަނޑުމެން ގެސްޓުން ގެންނަނީ އެޖެންޓުން ތްރޫކޮށް. އެހެންވީމާ ގެސްޓުން ލިބޭ،" މުފީދު ވިދާޅުވި އެވެ.

އާންމު ހާލަތުގައި އޮގަސްޓުމަހަކީ އޮކިއުޕެންސީ ފުލް މަހެއްކަމަށް އޭނާ ވިދާޅުވި އެވެ. އާންމުކޮށް ރަޝިއާ، ސްލޮވޭކިޔާ އަދި ޕޮލެންޑު ފަދަ ގައުމުތަކުން ފަތުރުވެރިން އައިސް ތިބޭ އެ ގެސްޓުހައުސްގައި އެންމެ ދަށް އޮކިޔުޕެންސީގައި ވެސް ހިންގަނީ 35 ޕަސެންޓުގަ އެވެ.

ނަމަވެސް އޭޕްރީލް ހަތަރަކުން ފެށިގެން ފަތުރުވެރިން ހުސްވެ މިހާރު އެތަންވެސް އޮތީ ފަޅުވެފަ އެވެ. ނަމަވެސް މުވައްޒަފުންނަށް މުސާރަދީ، ތަނު ކުލި ދައްކަން ޖެހެ އެވެ. ސަރުކާރުގެ ރިލީފް ލޯނުން ފަރުޖައްސާލެވޭނީ ގާތްގަނޑަކަށް ދެމަހަށް ކަމަށް މުފީދު ލަފާކުރައްވަ އެވެ.

"އެކަމަކު މިވަގުތު އެނޫންގޮތެއްވެސް ނެތް. އަޅުގަނޑުމެންގެ އެބަހުރި މާލޭ އޮފީހެއް. 17 މުވައްޒަފުން އެބަތިބި. ރެންޓު ދައްކަންޖެހޭ،" މުފީދު ވިދާޅުވި އެވެ.

ގެސްޓްހައުސްތައް ހުޅުވުން ފަސްކުރުމާ ގުޅޭގޮތުން އޭނާ ވިދާޅުވީ މި ހާލަތާ ގުޅިގެން ޕޮލިސީ ލެވެލްގައި ނިންމާނީ ހާލަތާ ގުޅޭ ނިންމުން ކަމަށެވެ. ނަމަވެސް ހުއްދަ ދިންހާ އަވަހަކަށް ސަލާމަތީ ފިޔަވަޅުތަކާއެކު ޓްރޮޕިކަލް ވިލެޖު ހުޅުވާލަން މުފީދު ހުރީ ތައްޔާރަށެވެ.

ފެހެންދޫ ޓްރޮޕިކަލް ވިލެޖު -- ފޮޓޯ: ބުކިން.ކޮމް

މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭގައި 563 ގެސްޓްހައުސް ރެޖިސްޓާ ކޮށްފައިވެ އެވެ. އޭގެ ތެރެއިން އޮޕަރޭޓު ކުރަމުން ދަނީ 562 ގެސްޓްހައުސް އެވެ. އެއީ 9،216 އެނދެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމެއްގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގު މިދިޔަ އާދިއްތަދުވަހުގެ ރޭ ވިދާޅުވީ ގެސްޓްހައުސްތައް ހުޅުވާނެ ތާރީހެއް ދަންނަވަން އެނގޭނީ ހާލަތަށް އަންނަ ބަދަލަށް ބެލުމަށް ފަހު ކަމަށެވެ. ހާލަތަށް އަންނަ ބަދަލާ ގުޅިގެން ސެޕްޓެމްބަރަށް ތާރީހު ފަސްވެދާނެ ކަމަށް ނަޒްލާ ވަނީ ވިދާޅުވެފަ އެވެ.

ކޮވިޑް19ގެެ ކޮމިޔުނިޓީ ސްޕްރެޑެއް މާލޭގައި އޮތްއިރު ރަށްރަށުގައި ބަލި ފެތުރުނަ ނުދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. ރަށްރަށުގެ ގެސްޓުހައުސްތައް އޮޕަރޭޝަނަށް ގެންދިޔުން މަޑުޖައްސާލާފައިވާ ސަބަބަކީ ރަށްރަށުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ޖާގަ ނުދިނުން ކަމަށް ސަރުކާރުން ބުނެ އެވެ.

comment ކޮމެންޓް