ގައިދުރުކުރުމުގެ ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން ފަށައިފި

ގެފުޅު ސަރަހައްދު--

ކޮރޯނާ ވައިރަސްގެ ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައި ހައްޖުގެ މަތިވެރި އަޅުކަން މިއަދު ފަށައިފި އެވެ.

އެހެން އަހަރުތަކުގައި 2.5 މިލިއަނެއްހާ މީހުން ކޮންމެ ހައްޖު މޫސުމަކު ހައްޖުގެ އަޅުކަން އަދާކުރި ނަމަވެސް މިފަހަރު ހައްޖުގެ އަޅުކަން އަދާކުރަނީ 10،000 އެއްހާ މީހުންނެވެ.

ހައްޖުގެ އަޅުކަން އަދާކުރާ މީހުން ކުރީބައިގައި ވަނީ އެމީހުންގެ ފިނި ހޫނުމިން ބަލައި ކޮރޯނާއަށް ޓެސްޓްކޮށް ކުޑަ ދުވަސްކޮޅަކަށް ކަރަންޓީނު ވެސްކޮށްފަ އެވެ. އަދި ހައްޖުގެ އަޅުކަން އަދާކުރާ އިރު ފަސް ފޫޓު ދުރުމިނުގައި ގައިދުރުކޮށް މާސްކު އަޅައިގެން ތިބެން ޖެހެ އެވެ.

އޭގެ އިތުރުން ހައްޖާޖީން އުޅޭ ނޫޅޭ ގޮތް ބަލަން އެމީހުންގެ އަތުގައި ވަނީ އިލެކްޓްރޯނިކް ޓެގްވެސް އަޅުވައިފަ އެވެ.

މިފަހަރުގެ ހައްޖުގައި ގެފުޅުގައި ބޮސް ނުދެވޭނެ އެވެ.

ސައުދީގެ އިދާރާތަކުން ބުނީ މިފަހަރުގެ ހައްޖަށް ޓަކައި އެތަކެއް މޮބައިލް ކްލިނިކްތަކާއި އެމްބިއުލެންސްތައް ހާއްސަކޮށްފައިވާ ކަމަށެވެެ.

މިފަހަރުގެ ހައްޖުގައި ބައިވެރިވާ 70 ޕަސެންޓް މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނެވެ.

ސައުދީއަކީ މިހާރު މެދުއިރުމަތީގައި އެންމެ ބާރަށް ކޮރޯނާ ފެތުރެމުންދާ އެއްގައުމު ވެސްމެ އެވެ. އެ ގައުމުގައި 270،000 ހެއްހާ މީހުންނަށް ވަނީ ކޮރޯނާ ޖެހިފަ އެވެ.

ކޮރޯނާއާ ގުޅިގެން ހައްޖާޖީންގެ އަދަދު ވަރަށް ބޮޑަށް މަދުވުމުން، ހައްޖާޖީންނަށް އަމާޒުކޮށް އެކި ވިޔަފާރިތައް ހިންގާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ބުނީ ކޮރޯނާ އަދި ތެލުގެ އަގު ދަށަށް ދިއުމުން ސައުދީގެ ޖީޑީޕީން 6.8 ޕަސެންޓް ދަށަށް ދާނެ ކަމަށެވެެ.-- އަލްޖަޒީރާ--

comment ކޮމެންޓް