ދިރާގު ހަލުއި އިންޓަނެޓު މަޑުއްވަރީ އަށް

ދިރާގުގެ ހައިސްޕީޑް ފައިބަރ ގެ ހިދުމަތް ރ. މަޑުއްވަރީ އަށް ތައާރަފުކޮށްފި އެވެ.

ދިރާގުން ބުނީ މަޑުއްވަރީއަށް މި ހިދުމަތް ތައާރަފުކުރި މި ދުވަސްކޮޅަކީ ޑިޖިޓަލް ޓެކްނޮލޮނީ ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންދާ ދުވަސްވަރެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް އިންޓަނެޓަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހިފައިވާ ދުވަސްކޮޅެއް ކަމަށެވެ.

ރިމޯޓްކޮށް ކިޔެވުން ކަމުގައި ވިޔަސް ނުވަތަ މަސައްކަތް ކުރުން ކަމުގައި ވީނަމަވެސް ނޫނީ އާއިލާ އާއި ގާތް ރައްޓެހިންގެ ހާލު ބަލާލަން ވީނަމަވެސް ހައި ސްޕީޑް އިންޓަނެޓަކީ މިހާރު އެންމެ މުހިންމު ވަސީލަތް ކަމަށް ދިރާގުން ބުންޏެވެ.

ވީހާވެސް ގިނަ ކަސްޓަމަރުންގެ ބޭނުންތަކަށް ބަލައި، ވީހާވެސް ގިނަ ޕެކޭޖްތަކުން އިހްތިޔާރު ކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ދިރާގު ފައިބާ ބްރޯޑްބޭންޑްގައި ކަސްޓަމަރުންނަށް ތަފާތު އަގުތަކާއި ޑޭޓާ އެލަވަންސްތައް ހިމެނޭ ގިނަ ޕެކޭޖްތަކެއް ހިމަނާފައިވެ އެވެ.

ރާއްޖޭގެ ގޭބިސީތަކަށް ފޯރުކޮށްދޭ އެންމެ ގިނަ ޑޭޓާ އެލަވަންސް ހިމެނޭ ޕެކޭޖްވެސް ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތުން ފޯރުކޮށްދޭއިރު މަޑުއްވަރީގެ ކަސްޓަމަރުންނަށް ވެސް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހުރިހާ ޕެކޭޖެއް ތަޖުރިބާ ކޮށްލެވޭނެ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މުހައްމަދު މިރްޝާން ހަސަން ވިދާޅުވި ގޮތުގައި ދިރާގު ފައިބާ ނެޓްވޯކް ފުޅާކޮށް ވީހާވެސް ގިނަ ރަށްތަކަށް މި ހިދުމަތް ފޯރުކޮށްދެވިގެން ދިޔުމަކީ ވަރަށް އުފާ ކުރާ ކަމެއްކަމާއި، ދިރާގުގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް އިތުބާރު ހިފޭ ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ، ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގުން ފޯރުކޮށްދޭ ހިދުމަތްތައް ބޭނުންކުރެވޭނެ ގޮތްތައް ފަހިކޮށްދިނުން ކަމަށެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކް ކަމަށް ދިރާގުން ބުންޏެވެ.

މިހާރު ރާއްޖޭގެ ގޭބިސީގެ 75 އިންސައްތައަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 61 ރަށް ހިމެނެ އެވެ.

ދިރާގުން ބުނީ އެކުންފުުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް ދިރާގުން މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

comment ކޮމެންޓް