ޑިއުޓީގެ ބަދަލާ އެކު ގިނަ ތަކެތީގެ އަގު ހެޔޮވާން ޖެހޭނެ: ކަސްޓަމްސް

އޭޕްރީލް 5، 2020: އެމްޕީއެލް ސަރަހައްދު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނެސް، ބައެއް ތަކެތީގެ ޑިއުޓީއަށް ބަދަލުތައް ގެނައުމާ އެކު އާންމު ރައްޔިތުންނާ ގުޅުންހުރި ގިނަ އަދަދެއްގެ ބާވަތްތަކުގެ އަގަށް ހެޔޮ ބަދަލު އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށް ކަސްޓަމްސް އިން ބުނެފި އެވެ.

ކަސްޓަމްސްގެ ޓެރިފް އެންޑް ސްޓެޓިސްޓިކްސް ސެކްޝަންގެ ޑެޕިޔުޓީ ހެޑް އަލީ ޒުބައިރު މިއަދު "ސަން" އަށް ވިދާޅުވީ އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު އަހަރަކު ގާތްގަނޑަކަށް 178 މިލިއަން ރުފިޔާގެެ ޑިޔުޓީގެ މާފުވުމެއް ވިޔަފާރިވެރިންނަށް ލިބޭނެ ކަމަށެވެ. މިއީ އާންމުންނަށްވެސް އޭގެ ސަބަބުން ލުއި ލިބޭނެ ކަމެއްކަން އޭނާ ފަހަގަ ކުރެއްވި އެވެ.

މީގެ ކުރިން ކަސްޓަމްސް އިން ޑިޔުޓީ ނަގަމުން ގޮސްފައިވަނީ މުދަލުގެ ސީއައިއެފް އަގުންނެވެ. ނަމަވެސް ގާނޫނަށް ގެނައި އިސްލާހާއެކު އަންނަ މަހުގެ އެކަކުން ފެށިގެން ޑިޔުޓީ ނަގާނީ އެފްއޯބީ އަގުންނެވެ.

އެމްޕީއެލް ސަރަހައްދުން މުދާ ދޯންޏަކަށް ބަރުކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

"މީގެ ކުރިން ޑިޔުޓީ ނަގަމުންދިޔައީ ސީއައިއެފް އަގުން. އޭގެ ތެރޭ ހިމެނޭނެ މުދާ ގެނައުމަށް ހިނގާ ހުރިހާ ހަރަދެއް. ނާލު، އިންޝުއަރެންސް. އެފްއޯބީ އިން ޑިޔުޓީ ނަގަން ފެށުމުން އޭގައި ހިމެނޭނީ ރާއްޖެއަށް އެތެރެ ކުރާ މުދާ ބޯޓާ ހަމައަށް ގެންދިޔުމާ ހަމައަށް މި ހިނގާ ހަރަދު،" ޒުބައިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ބަދަލާއެކު ވިޔަފާރިވެރިން ކަސްޓަމްސް އަށް ޑިކްލަރޭޝަން ލިޔެކިޔުންތައް ހުށަހެޅުމުގައިވެސް ފަސޭހަތައް ލިބޭނެ ކަމަށެވެ. އެގޮތުން އިންޝުއަރެންސް އަދި ފްރައިޓު ޑޮކިޔުމެންޓުތައް ލިބެންދެން މަޑުކުރަން ނުޖެހޭނެ ކަމަށް ވިދާޅުވި އެވެ.

"ތަކެތީގެ އަގު ހެޔޮވުމުގެ އިތުރުން މިއީ ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމް ވެގެންދާނެ އިސްލާހެެއް،" ކަސްޓަމްސް އިން ބުންޏެވެ.

އެގޮތުން ތެލުގެ އަގަށް އަންނަ ބަދަލާއެކު ފްރައިޓު އަގަށް އަންނަ ބަދަލުގެ ސަބަބުން ޑިޔުޓީ ބޮޑުވުން ފަދަ މައްސަލަތައް ދެން ކުރިމައްޗެއް ނުވާނެ އެވެ.

އަންނަ އޮގަސްޓް އެކަކުން ފެށިގެން އާ އިސްލާހަށް އަމަލު ކުރަން ފަށާނެ އެވެ.

އިމްޕޯޓު އެކްސްޕޯޓު ގާނޫނަށް ގެނައި އިސްލާހާއެކު، އާންމުންނާ ގުޅުންހުރި ތަކެތިން ނަގާޑިޔުޓީ ކުޑަކޮށް، ސްޕެސިފިކް ޑިޔުޓީ ނަގާ ތަކެޓީގެ ތެރެއިން އާންމު ސިއްހަތަށް ގެއްލުންދޭ ތަކެތިން ނަގާ ޑިޔުޓީ ވަނީ ބޮޑުކޮށްފަ އެވެ. މިއާއެކު ކަސްޓަމްސް ޑިޔުޓި އިން ނަގާ ޖުމްލަ އާމްދަނީ އިތުރުވާނެ ކަމަށާއި ނަމަވެސް އާންމުންނާ ގުޅުންހުރި މުދަލުން ނަގާ ޑިޔުޓީ އިން ލިބޭ އާމްދަނީ ދަށްވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ގާނޫނަށް ގެނައި ބަދަލާއެކު މީގެ ކުރިން ރެވެނިޔު ސްޓޭމްޕް ފީ އެއް ނަގަމުން ދިޔަ ނަމަވެސް، ދެން ނަގާނީ ރެވެނިޔު ފީ އެކެވެ. އެގޮތުން ރާއްޖެއަށް އިމްޕޯޓުކުރާ މުދަލުން، ކަސްޓަމްސް އިން ކަނޑައަޅާ އަގުގެ ކޮންމެ 100 ރުފިޔާ އަކުން އެއް ރުފިޔާގެ މަގުން ރެވެނިޔު ފީ އެއް ދައްކަން ޖެހޭނެ އެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނަށް ގެނައި އިސްލާހާއެކު އަހަރަކު ގާތްގަނޑަކަށް 500 މިލިއަން ރުފިޔާގެ އާމްދަނީ އިތުރުވާނެ ކަމަށެވެ.

"މި އިސްލާހާއެކު ސްޕެސިފިކް ޑިޔުޓީ ނަގާ މުދަލުން ނަގާ ޑިޔުޓީ އެބަ އިތުރުވޭ. އެހެންވީމާ މުޅި ޖުމްލަ ބަލާނަމަ 500 މިލިއަން ރުފިޔާގެ ރެވެނިޔު އިންކްރިމެންޓެއް އަންނާނެ ކަމަށް ލަފާކުރެވޭ،" ޒުބައިރު ވިދާޅުވި އެވެ.

މީހަކު މަގުމަތީގައި ސިނގިރޭޓު ބޮނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކަސްޓަމްސް ޑިޔުޓީ ބޮޑުކުރި ތަކެތީގެ ތެރޭގައި ސިނގިރޭޓާއި، ދުންފަތް އަދި ދުންފަތާ ގުޅުންހުރި ބާވަތްތަކާއި، އެނާޖީ ޑްރިންކްސް، ޕްރޮސެސްޑް މީޓް، ގިނައިން ހަކުރު އެކުލެވޭ ބުއިންތަކާއި ލުއިކާނާގެ ބާވަތްތައް ހިމެނެ އެވެ.

މީގެ ކުރިން ރާއްޖެ އެތެރެކުރާ ކޮންްމެ ސިނގިރޭޓަކުން ދެ ރުފިޔާ އަދި އިންވޮއިސްގެ ޖުމްލަ އަގުން 25 ޕަސެންޓުގެ ޑިޔުޓީއެއް ނަގަ އެވެ. ގާނޫނަށް ގެނައި އިސްލާހާއެކު ސިނގިރޭޓަކުން ދެން ނަގާނީ ތިން ރުފިޔާ އެވެ. އަދި އިންވޮއިސްގެ ޖުމްލަ އަކުން 25 ޕަސެންޓުގެ ޑިޔުޓީ އެއް ނަގާނެ އެވެ. މިއާއެކު ސިނގިރޭޓު ފޮއްޓަކުން 20 ރުފިޔާ ބޮޑުވެގެންދާނެ އެވެ.

ކަސްޓަމަސް އިން ބުނީ ސިނގިރޭޓުން ނަގާ ޑިޔުޓީ އިން މީގެެ ކުރިން ދައުލަތަށް އާމްދަނީގެ ގޮތުގައި އަހަރަކު ބިލިއަނެއްހާ ރުފިޔާ ލިބޭކަމަށެވެ. ގާނޫނަށް ގެނައި ބަދަލާއެކު، މިހާރުވެސް އެތެރެކުރާ މިންވަރަށް ސިނގިރެޓު އެތެރެކުރާ ނަމަ، ގާތްގަނޑަކަށް އަހަރަކު އިތުރު 500 މިލިއަން ރުފިޔާގެ އާމްދަނީ އެއް ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

"މީގެެ ބޭނުމަކީ ހަމައެކަނި އާމްދަނީ އިތުރު ކުރުމެއް ނޫން. ދުންފަތާ ދުރުކުރުމަކީ ވެސް ޑިޔުޓީ ބޮޑު ކުރުމުގެ އެއް ބޭނުން،" ކަސްޓަމްސް އިން ބުންޏެވެ.

ސިނގިރޭޓުގެ އިތުރުން ރާއްޖެ އެތެރެކުރާ ކޮންމެ ބިޑިއަކުން ވެސް ތިން ރުފިޔާ އަދި އިންވޮއިސްގެ ޖުމްލައަގުން އިތުރު 25 ޕަސެންޓް ޑިޔުޓީ ނަގަން ވަނީ ގާނޫނުގައި ހިމަނައިފަ އެވެ. އީ ސިނގިރޭޓު އަދި ވޭޕުން ނަގާ ޑިޔުޓީ 25 ޕަސެންޓަސް އިތުރު ކުރާއިރު، ވޭޕްގައި ބޭނުންކުރާ ލިކުއިޑުން ނަގާ ޑިޔުޓީ 200 ޕަސެންޓަށް ބޮޑުކުރަން ވެސް ވަނީ ގާނޫނުގައި ހިމަނައިފަ އެވެ.

މީގެ ކުރިން ރާއްޖެ އެތެރެކުރާ އެނާޖީ ޑްރިންކު ލީޓަރަކުން 33.64 ރުފިޔާ ޑިޔުޓީ އަށް ނެގިނަމަވެސް އަންނަ މަހުގެ އެކަކުން ފެށިގެން ނަގާނީ ލީޓަރަކުން 66.55 ރުފިޔާ އެވެ. ސޮފްޓް ޑްރިންކު ލީޓަރަކުން އަށް ރުފިޔާގެެ ޑިޔުޓީ އެއް ނަގާނެ އެވެ. މެޓާ އާއި ޗުއިންގަމު، ކޮންފެކްޝަނަރީގެެ އިތުރުން ސޮސެޖު ފަދަ ސިއްހަތާ ބީރަށްޓެހި ޕްރޮސެސްޑް މީޓުން 15 ޕަސެންޓުގެެ ޑިޔުޓި އެއް ނަގާނެ އެވެ.

މީގެެ އިތުރުން ބައެއްކަހަލަ ލުއިކާނާ އާއި އެޑެޑް ޝުގާ ނުވަތަ ސްވީޓްނާ ހިމެނޭ ބުއިންތަކުން ވެސް ޑިޔުޓީ އެއް ނަގަން ގާނޫނުގައި ހިމަނާފައިވެ އެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނަށް ގެނައި އިސްލާހާއެކު 1600 އެއްހައި އައިޓަމްގެ ޑިޔުޓީ އަށް ބަދަލު އަންނާނެ ކަމަށެވެ. މީގެ ތެރެއިން 75 ޕަސެންޓު އައިޓަމްގެ ޑިޔުޓީ ދަށްވާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ޑިޔުޓީ ދަށް ކުރެވޭ ނުވަތަ މައާފު ކުރެވޭ ތަކެތީގެ ތެރޭގައި އިންވާޓާ އޭސީ، ފެން ފިލްޓަރު، ފަހާފޮށި، އިމާރަތްކުރުމުގައި ބޭނުންކުރާ ބައެއް ސާމާނު، ލިޔެކިޔުމަށް ބޭނުންކުރާ ސާމާނު، ތިމާވެއްޓާ ރައްޓެހި ލެޑް ބޮކި، ޖިއޯ ބޭގް ފަދަ ތަކެތި ހިމެނެ އެވެ.

މަސްވެރިން މަސް ބާނަނީ: --- ފައިލް ފޮޓޯ/ ދިވެހި މަސްވެެރިން

މީގެެ އިތުރުން މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ ދޮއްޓާއި އެންދާ، ފިޝްފައިންޑާ، ދުރުމި ފަދަ ތަކެތިން ނަގާ ޑިޔުޓީ ކުޑަކޮށްފައިވާއިރު ދޯނި ފަހަރުގައި އަޅާ އިންޖީނާއި އިންޖީނުގެ ބައިތަކުން ނަގާ ޑިޔުޓީ އަށްވެސް ލުއި އަންނާނެ އެވެ. ފައިބަރު ދޯނި ބަނުމަށް ބޭނުންކުރާ ސާމާނުންވެސް ލުއިދޭން ނިންމާފައިވާއިރު ކަސްޓަމްސް އިން ބުނީ ހަމައެކަނި މަސްވެރިކަމުގެ ދާއިރާ އަށް ބެލިނަމަވެސް 91 ޕަސެންޓުގެ މާފުވުމެއް ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން އަންނާނެ ކަމަށެވެ.

ކަސްޓަމްސް އިން ވަނީ ގާނޫނަށް ގެނައި އިސްލާހާއެކު ޑިޔުޓީ އަށް އަންނަ ބަދަލުތަކާ ގުޅޭ މައުލޫމާތު ސާފުކުރުމަށް އިމްޕޯޓަރުންނަށް އިލްތިމާސްކޮށްފަ އެވެ.

ކަސްޓަމްސް އިން ބުނީ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އެކެއް އޮގަސްޓުގެ ކުރިން ރާއްޖެ އެތެރެކޮށްފައިވާ މުދަލުން ނަގާނީ ކުރީގެ ޑިޔުޓީ ކަމަށެވެ. އެގޮތުުން ޑިކްލަރޭޝަން ހުށަހަޅާ، ރާއްޖެ އައިސްފައިވާ ތަކެތިން މިހަރުވެސް ނަގާ ރޭޓުން ޑިޔުޓީ ނަގާނެ ކަމަށައި، މުދާ އައުމުގެ ކުރިން ޑިކްލަރޭޝަން ހުށަހެޅި ނަމަވެސް އެކެއް އޮގަސްޓުުގެ ކުރިން މުދާ ރާއްޖެ ނާންނަމަ، ޑިޔުޓީ ނަގާނީ ގާނޫނަށް ގެނައި އިސްލާހުގައިވާގޮތަށް ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

ކަސްޓަމްސް ގާނޫނަށް ގެނައި ބަދަލާ އެކު، އަތޮޅު ތެރޭގައި ގާއިމްކޮށްފައިވާ ބައިނަލްއަގުވާމީ ޕޯޓްތަކާއި އެއާޕޯޓްތަކަށް ސީދާ އެތެރެކޮށް އެ ސަރަހައްދެއްގައި ގުދަން ކުރާ މުދަލުގެ ޑިއުޓީއަށް ބޮޑު މާފުވުމެއް ލިބޭނެ އެވެ. ނަމަވެސް ސިނގިރޭޓާއި ރަލުގެ ބާވަތްތަކާއި އަދި އޫރުމަހުގެ ޑިއުޓީ އެ ލުއިން އިސްތިސްނާވާނެ އެވެ.

comment ކޮމެންޓް