ބައެއް ގައިދީންނަށް މައާފުދީ އިގްތިސޯދީ މަސައްކަތަށް ނެރެން ގޮވާލައި ގަރާރެއް

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުދި ކުށްތަކުގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގައިދީންނަށް މައާފުދީ، އެމީހުން އިގްތިސޯދީ މަސައްކަތަށް ނެރެން ސަރުކާރަށް ލާޒިމުކުރަން ގޮވާލައި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފިއެވެ.

ޖާބިރު ހުށަހެޅުއްވި ގަރާރުގައި ވިދާޅުވެފައި ވަނީ ކޮވިޑް19 ގެ ސަބަބުން ރާއްޖޭގެ އިގްތިސޯދު އަޑިއަޅާލާފައިވާ މި ހައްސާސް ދަނޑިވަޅުގައި ރާއްޖޭގެ އިގްތިސޯދު ނެގެހެއްޓުމަށް ރާއްޖޭގެ މަސައްކަތްތެރި ސިނާއަތްތަކުގައި މަސައްކަތް ކުރަމުންދާ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލަން ޖެހިފައިވާ ކަމަށެވެ.

އަދި އެކަމާ ގުޅިގެން ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ރައްޔިތުންނާ މުހާތަބުކޮށް، ދެއްވި ހިތޯބުގައި ދިވެހިން މަސައްކަތުގެ މައިދާނަށް އަހުލުވެރިވެ، މަސައްކަތް ކުރުމަށް ނިކުތުމަށް އިލްތިމާސްކުރައްވާފައިވާކަން ގަރާރުުގައި ފާހަގަކުރެއްވިއެވެ.

އެހެންކަމުން، ޖަލުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ގައިދީންގެ ތެރެއިން ޖިނާއީ ބޮޑެތި ކުށްތައް ކަމުގައިވާ ކުޑަކުދިންނާ ބެހުމާއި، މަސްތުވާތަކެތީގެ ވިޔަފާރި ކުރުމާއި މީހުން މެރުން ފަދަ ކުށްތަކުގައި ހުކުމް ކުރެވި ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން އިސްތިސްނާވާނެ ގޮތަށް އެހެން ގައިދީންނަށް މައާފު ދިނުމަށް ޖާބިރު ވަނީ ގޮވާލައިފަައެވެ.

އެހެންކަމުން "ދިވެހި އިގްތިސޯދު އިޔާދަކުރުމުގެ މަސައްކަތްތައް ކުރުމަށް ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ، މަތީގައި ބަޔާންކުރެވިފައިވާ ގައިދީން އިސްތިސްނާ ވާނެ ގޮތުގެ މަތިން، ބާކީތިބި ގައިދީން، ދޫކޮށްލުމުގެ އަފްއާމެއް ނެރެދެއްވުމަށް ދިވެހި ސަރުކާރުގެ މައްޗަށް ލާޒިމުކުރުމަށް" ޖާބިރުގެ ގަރާރުގައި ވަނީ ގޮވާލައިފައެވެ.

comment ކޮމެންޓް