ހައްޖު ދުވަހުގެ ހެޔޮ ދަރުމަ ހޯދުމަށް އަވަސްވެގަނޭ

އަރަފާތު ދުވަހަކީ މާތްﷲ މި އުންމަތަށް ލައްވާފައިވާ އެންމެ މާތް ދުވަސްތަކުގެ ތެރެއިން އެއް ދުވަހެވެ. އަދި އެ ދުވަހެއްގެ ހެޔޮ ހަބަރު ކީރިތި ގުުރުއާނުގައި އެކަލާންގެ ވަހީކުރައްވާފައިވެ އެވެ. މި އަހަރުގެ އަރަފާތު ދުވަހަކީ، މި ހަފްތާގެ ބުރާސްފަތި ދުވަސްކަމުގައިވާ ޖުލައި މަހުގެ 30 ވަނަ ދުވަހެވެ.

އަރަފާތު ދުވަހުގެ ދަރުމަ ހޯދުމަށް ކުރެވިދާނެ ކަންތައްތަކާއި ބެހޭގޮތުން ޝެއިޚް ނިމާލް މުހައްމަދު މިވަނީ "ސަން"އަށް މައުލޫމާތު ދެއްވާފަ އެވެ.

ޞަޙީޙު މުސްލިމުގައި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔައް ﷲ ޢަންހާގެ އަރިހުން ރިވާވެގެންވެ އެވެ. ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވި އެވެ.

ما من يوم أكثر من أن يعتق الله فيه عبدأ من النار من يوم عرفة، وإنه ليدنو ثم يباهي بهم الملائكة فيقول: ما أراد هؤلاء؟

" މާނައީ: "ޢަރަފާތްދުވަހަށްވުރެ ގިނައިން އަޅުތަކުން ނަރަކައިން މުއްތިކުރައްވާ ދުވަހެއް ދުވަސްތަކުގެ ތެރޭގައި ނުވެއެވެ. އެދުވަހުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ކުއްތަންވެވޮޑިގެން އެކަލާނގެ މަލާއިކަތުންނަށް ޢަރަފާތުގެ އަހުލުވެރިންނާމެދު އެކަލާނގެ ފަޚުރުވެވޮޑިގަންނަވާނެތެވެ. އަދި ވަޙީކުރައްވާނެތެވެ. އެމީހުން ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟"

ރަސޫލާ صلى الله عليه وسلم ހަދީޘް ކުރެއްވި ހަދީޘް ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ޢަރަފާތް ދުވަހަށްވުރެ، ގިނައިން ﷲ އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ". އެހެންކަމުން އެދުވަހުގެ މާތްކަމާއި މަތިވެރިކަން މި ހަދީޘް ބަސްފުޅުންވެސް ހާމަވެ އެވެ.

ހައްޖުގެ އަޅުކަން މިހާރު ފެށިފައިވާއިރު، މިއަރަކީ މި ވޭތުވެެދިޔަ އަހަރުތަކާއި ޚިލާފަށް ވަރަށް މަދު ބަޔަކަށް ހައްޖުވުމުގެ ފުރުސަތު ލިބޭ ފަހަރެކެވެ. އެހެންނަމަވެސް ނާއުންމީދު ވާންވީ އެއްވެސް ސަބަބެއް ނެތެވެ.

އަރަފާތު ދުވަހު ރޯދަ ހިފުމީ، އިސްވެދިޔަ އަހަރާއި، އަންނާން އޮތް އަހަރުފެ ފާފަ ފުއްސަވާނޭ ކަމެކެވެ. އަދި ރޯދަ ހިފުމާއިއެކު، ހެޔޮ އަމަލްތައް ކުރުންމަތީ އެ ގަސްތުގައި ދެމިހުރުމަކީވެސް މުހިންމު ކަމެއް ކަމުގައި ޝެއިޚް ނިމާލް ފާހަގަކުރެއްވި އެވެ.

މީގެ އިތުރުންވެސް އަޅުތަކުންނަށް އަރަފާތު ދުވަސް ހާއްސަވާ އަނެއް ސަބަބަކީ އަރަފާތު ދުވަހުގެ ދުއާއަކީ އެންމެ މާތް ދުއާކަމުގައި ލައްވާފައިވުމެވެ.

" لأ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ "

އެހެންކަމުން ގިނަގިނައިން ދުއާކޮށް ތިމާއާއި ތިމާގެ އާއިލާޢަށް އަދި މުޅި މުޖްތަމައުއަށާޢި ދިމާވެފައިވާ މިވަބާއިން ސަލާމަތްކޮށްދެއްވުމަށް ދުއާކުރުން އެދެވިގެންވެ އެވެ.

comment ކޮމެންޓް