ބޮޑެތި ވިޔަފާރިތަކަށް 475.5 މިލިއަން ރުފިޔާ ދޫކޮށްފި

ޕެރެޑައިސް އައިލެންޑް ރިސޯޓު -- ފޮޓޯ/ ވިލާ ހޮޓެލްސް

ކޮވިޑް19 އާ ގުޅިގެން ބީއެމްއެލް މެދުވެރިކޮށް 330 ވިޔަފާރިއަކަށް ޖުމްލަ 475.5 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ބީއެމްއެލް މެދުވެރިކޮށް ވިޔަފާރިތަކަށް ހަ މިލިއަން ޑޮލަރު ވެސް ލޯނުގެ ގޮތުގައި ވަނީ ދޫކޮށްފަ އެވެ.

ބީއެމްއެލް މެދުވެރިކޮށް ދޫކުރާ ލޯނަށް އެދި 542 ވިޔަފާރިއަކުން ވަނީ ހުށަހަޅައިފަ އެވެ. މިހާތަނަށް 367 ވިޔަފާރިއަކަށް ލޯނު ދޫކުރަން އެޕްރޫވް ކޮށްފައިވާ ކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކަ އެވެ.

ކޮވިޑް ރިކަވަރީ ސްކީމުގެ ދަށުން ބީއެމްއެލް އިން ރިސޯޓުތަކަށް 7.7 މިލިއަން ރުފިޔާ އާ ހަމައަށް ލޯނު ދޫކުރާ އިރު ރިސޯޓު ނޫން ވިޔަފާރިތަކަށް އެއް މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރެ އެވެ.

ކޮވިޑް ރިކަވަރީ ލޯނު ސްކީމް އަކީ ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ވިޔަފާރިތަކަށް ބޭނުންވާ ހިންގުމުގެ ހަރަދު ހަމަޖެއްސުމަށް ސަރުކާރުގެ އިސްނެގުމާ އެކު ތައާރަފްކުރި ލޯން ސްކީމެކެވެ. މި ސްކީމުގެ ދަށުން ލޯނު ދޫކުރަނީ ބީއެމްއެލް މެދުވެރިވެގެންނެވެ.

މި ސްކީމުގެ ދަށުން ރިސޯޓުތަކަށް ލޯނު ދޫކުރާނޯ އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭ އެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯނެއް ނުވަތަ ފައިނޭންސިން ފެސިލިޓީއެއް ނެތް، އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާ ވެފައިވާ އަދި ކުރިޔަށް އޮތް ތިން އަހަރަށް ލަފާކުރާ ކޭޝްފްލޯ ޕޮޒިޓިވް ރިސޯޓު ވިޔަފާރިތަކަށެވެ.

ރިސޯޓު ނޫން ވިޔަފާރިތަކަށް ލޯނު ދޫކުރަނީ އެނުއަލް ޓާންއޯވާގެ ގޮތުގައި 10 މިލިއަނަށް ވުރެ މަތިން ހޯދާފައިވާ އަދި އެއްވެސް މާލީ އިދާރާއެއްގައި އެންޕީއޭ އެއް ދައްކަންޖެހި، ނުދައްކާ ހުރި ލޯން ފައިނޭންސިން ފެސިލިޓީއެއް ނެތް އަދި މިދިޔަ އަހަރުގެ ވިޔަފާރިން ފައިދާވެފައި ވާނަމަ އެވެ.

މި ލޯނު ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް ތިން އަހަރު ލިބޭއިރު، ލޯނު އިންޓްރެސްޓަކީ އަހަރަކު ހަ ޕަސެންޓެވެ.

comment ކޮމެންޓް