މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ވަނީ ހައްޕުނޑުޖަހާފައި، އެކަން ކުށްވެރިކުރަން: ސީޕީ ހަމީދު

މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑު ޖަހާފައި-- ފޮޓޯ/ ޕޮލިސް

މިރޭ ޕީޕީއެމް/ޕީއެންސީއިން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި ދެ ފުލުހެއްގެ ގަޔަށް ހައްޕުނޑުު ޖަހާފައިވާތީ އެކަން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުށްވެރިކުރައްވައިފިއެވެ.

ޕޮލިސް ކޮމިޝަނަރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ ދެ ފުލުހުންގެ ގަޔަށް ހައްޕުނޑު ޖެހީ އެމީހުން ފުލުހުންގެ ވާޖިބު އަދާކުރަމުންދަނިކޮށް ކަމަށެވެ. އަދި އެހާ ބޮޑަށް ކޮވިޑް ފެތުރެމުންދާ މިދަނޑިވަޅުގައި އެކަން ކުރުމަކީ ވަރަށް ނާތަހުޒީބީ އަމަލެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"މި މައްސަލަ އަޅުގަނޑުމެން ބަލާނަން" ސީޕީ ހަމީދު ވިދާޅުވިއެވެ.

މިރޭ ކުރިއަށް ދިޔަ މުޒާހަރާގައި ބައެއް މީހުން މާސްކު ނާޅައި ގައިދުރުކަމެއް ނެތި އުޅޭތަންވެސް ފެނިގެންދިޔައެވެ.

ހަމީދު މިރޭ ކުރެއްވި ޓުވީޓާއެކު އާންމުކުރެއްވި ފޮޓޯގައި ފުލުހެއްގެ ޔުނީފޯމްގެ އެތައް ތަނަކަށް ހައްޕުނޑު ޖަހާފައި ހުރިތަން ފެނެއެވެ.

މިއަދު އެކަނިވެސް ކޮވިޑަށް 137 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި 92 ދިވެހީން ހިމެނެއެވެ.

ކޮވިޑްގެ ނުރައްކަލުގެ ރަނގަބީލުގެ އަޑު ގަދަވަމުންދާ ކަމަށާއި އެހެންކަމުން މާސްކު އަޅައި ގައިދުރުވުމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވަނީ އިލްތިމާސްވެސް ކުރައްވައިފައެވެ.

comment ކޮމެންޓް