03 ޖެނުއަރީ 2012 އާ ގުޅޭ

ހިތުގައި ޔޫހާއަށް ޚާއްޞަކަމެއް ދެވިފައިވިޔަސް އޭނަ ދެއްކި ވާހަކަތަށް ގަބޫލު ކުރަން ޒައުލްއަށް އުނދަގޫވިއެވެ. ސަބަބަކަށްވީ ކުރިންސުރެވެސް އަންހެނުންނާއިމެދު އޭނަ ދެކެމުން އައިގޮތެވެ. ޔޫހާގެ ވާހަކަތަކުގައި ވެސް އެފަދަ މަކަރުވެރިކަމެއް އެކުލެވިފައިވެދާނެ ކަމަށް އޭނައަށް ހީކުރެވެނީ އެވެ. އިންތިހާއަށް ރުޅި އަންނަނީ ހިތުގައި ޔޫހާއަށް ދެވިފައިވާ ޚާއްޞަ މަގާމުގެ ސަބަބުންކަން ޔަގީނެވެ. ހަދަންވީ ކިހިނެއްކަމެއް ޒައުލްއަކަށް ނޭގެއެވެ.

"ހާދަ ލަހުން ދޮންބެ ތިއައީ، މިހާރު އެންމެން ކައިނިމިއްޖެ" އީލާކް ހިނިއައިސްފައި ބުނެލި އެވެ. ޒައުލް ކުޑަކުޑަކޮށް ހިނިތުންވެލަމުން ކާ މޭޒުދޮށުގައި އިށީނެވެ. ލާއިގާއަށް ޒައުލްގެ މާޔޫސްވެފައިވާ މޫނު ދެނެގަނެވުނެވެ. އެހެންނަމަވެސް ޒައުލް ކަންބޮޑުވެ ހާސްވާންޖެހޭވަރުގެ ކަމެއް އޮވެދާނެ ކަމަކަށް ލާއިގާ ނުދެކެއެވެ.
"މިހާރަކަށް އައިސް ދަރިފުޅު ތިއުޅެނީ މާބުރަކޮށް، މާމައަށް ތަންކޮޅެއް ކުރިންވެސް މިހެން ބުނެވުނު ކަންނޭގެ" ލާއިގާ ފުން ނަޒަރަކުން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ. މިފަހަރުވެސް ޒައުލްގެ އަނގައިން ބަހެއް ނުނިކުތެވެ. އޭނަގެ ހަރަކާތްތައް އަވަސްކޮއްލާފައި ލުއިގޮތެއް ހަދައިލައިގެން ބެލީ ކާމޭޒު ކައިރިން ދުރަށް ދެވޭތޯ އެވެ.
"ދޮންބެ ކިތަންމެ ބިޒީވިޔަސް އަޅުގަނޑުގެ ޝޯގެ ކަންތައްތައް ކޮއްދޭންވާނެ... ޕްލީޒް" ޒައުލް ތެދުވިތަން ފެނުމުން އީލާކް އަވަސް އަވަހަށް ބުނެލި އެވެ.
"އެކަން ހަނދާން އެބަހުރި، މިވަގުތު މިދަނީ ވަރަށް މުހިއްމު ކަމެއް ހަނދާންވެގެން، މާމާ، ބައްޕާ އަޅުގަނޑު ދިއުމުގެ ހުއްދައަކަށް އެދެން" ޒައުލް ތެދުވެ ހުރެ އީލާކްއަށް ޖަވާބު ދެމުން ލާއިގާ އަށާއި މަންސޫރަށް ބަލާލިއެވެ. އެދެމީހުން އެކުއެކީހެން ބޯޖަހާލި އެވެ.

ޝާއިން ގެއަށް އައިއިރު މުޅި ގޭތެރޭގައިވަނީ ހަމަހިމޭން ކަމެވެ. މަޑުމަޑުންގޮސް ޔޫހާގެ ކޮޓަރީގެ ތަޅުގައި ހިފާލިއިރު ހުރީ ތަޅުލާފަ އެވެ. ކަރުގައި އޮތް ދިގު ޓައި ދޫކޮއްލަމުން ފަޓުލޫނު ޖީބުގައި އޮތް މޯބައިލް ފޯނު ނަގާ ޔޫހާގެ ނަންބަރަށް ގުޅާލި އެވެ. ދެތިން ފަހަރު ރިންގުވުމާއިއެކު ޔޫހާ ފޯނު ނެގިއެވެ.
"ނިދަނީތަ؟" ޔޫހާގެ އަޑުގައި ނިދިބަރުކަމެއް އެކުލެވިފައި ވާހެން ޝާއިންއަށް ހީވުމުން އަހާލެވުނެވެ.
"ހޫމް... ސައިހަދަންވީދޯ" ޔޫހާ ބުނެލި އެވެ.
"ނޫނޭ، އަހަރެން އެކަނި ސައިބޯލަ ފާނަން، ޔޫހާ ނިދާލާ... ކިޔާން ކޮބާ؟ ސްކޫލްގަތަ؟" ޝާއިން ސުވާލުކޮއްލިއެވެ.
"ނޫން، މިއަދު ނުގެންދަން، އަހަރެން ކައިރީ ނިދާފަ މިއޮތީ" ޔޫހާ ބުނެލި އަޑުއިވުނެވެ.
"އެހެންތަ، އޯކޭ އަވަހަށް ނިދާލާ ދެން..." ޝާއިން މިހެން ބުނަމުން ފޯނު ބޭއްވި އެވެ. އަދި ކުޑައިރުކޮޅަކު ވިސްނާލަން މަޑުކޮއްލެވުނެވެ. ޔޫހާގެ އަޑުން މިހާރު ހީވަނީ ވަރަށް ހަމަޖެހިފައި ހުރިހެންނެވެ. މިވީ ކިހިނެއްކަމެއް ޝާއިންއަށް ނުވިސްނުނެވެ. އޭނަ އަފްލީންއަށް ގުޅާފައި ކޮންތާކުތޯ ސުވާލު ކުރިއެވެ. އަދި އޭނަގެ ކޮޓަރިއަށް ވަދެގެންދިޔައެވެ.

ރޮޒޭން އާއި ޝުދުފާ އެކުއެކީ އައިއިރު ނަހުލާ އައީ ވަކިންނެވެ. ތިން ކުދިންގެ އިންތިޒާރުގައި އީލާކު ސިޓިން ރޫމު ދޮރުމަތީ މަޑުކޮއްލައިގެން ހުއްޓެވެ. އިރުއިރު ކޮޅާ އަތުގައި އޮތް ފޯނަށް ބަލާލާފައި ބޭރު ގޭޓާއި ދިމާލަށް ބަލާލާނެއެވެ. މިއަދުމީ އޭނަގެ މަސައްކަތް ފަށާ ދުވަހެވެ. އެކަންވެސް ހުރިހާ ރަޙުމަތްތެރިންނާއި ޙިއްޞާކުރަން ބޭނުންވަނީއެވެ.

ގޭތެރޭގައި އުޅުނު ލޫލުއާއަށް ހައިރާންކަމެއް ވެރިވެގެންދިޔައީ ޒައުލް އާއިއެކު ވަދެގެން އައި ހާޒިމް ފެނުމުންނެވެ. މޫނުމައްޗަށް ރަކި ހިނިތުންވުމެއް ވެރިވެގެން ދިއުމާއިއެކު އަވަސް އަވަހަށް އިސްޖަހާލައިގެން އެމީހުންނާއި ދުރަށް ހިނގައިގަތެވެ. ހާޒިމްގެ ނަޒަރު ސިއްރު ސިއްރުންނަމަވެސް ލޫލުއާ ހޯދަމުން ދިޔައެވެ. އޭނަ ލޫލުއާ އާއި ބައްދަލުވެވޭނެ އިރަކަށް އިންތިޒާރު ކުރިއެވެ. ޒައުލްގެ ވާހަކަތަކަށް ސަމާލުކަން ދެމުން މައްޗަށް އަރަންހުރި ސިޑީގެ ހަރުފަތްތައް ގިރާ ކުރަމުންދިޔައިރު އޭނަގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވެފައިވެއެވެ.
"އީލާކް...ކޮއްކޯ..." ލޫލުއާ ޒައުލް އާއި ހާޒިމްގެ ފަހަތުން ސިޑިން އަރައިގެން ގޮސް ލައިބްރަރީ އާއި ޖެހިގެން ހުރި ބޮޑުކޮޓަރީގެ ދޮރު ހުޅުވާލަމުން ބުނެލިއެވެ. އެއީ އީލާކްގެ މަސައްކަތަށް މަންސޫރު ދެއްވި ކޮޓަރިއެކެވެ.
"ލައްބަ، އާދޭ އާދޭ... އެތެރެއަށް އާދޭ" އެތަނުގެ ތެރޭގައި ހުރި މޭޒުތަކުން މޭޒެއްގެ މަތީ އަތްއަޅުވާލައިގެން އޮތް އީލާކް ދޮރާދިމާލަށް ބަލާލަމުން ބުނެލިއެވެ.
"މިއައީ ފުރަތަމަ ދުވަހުގެ މަސައްކަތްދަނީ ކިހިނެއްތޯ ބަލާލަން، ހުރިހާ އެއްޗެއް އެބަހުރިދޯ؟ އަނެއްކާ ދޮންތަގެ އެހީތެރިކަމެއް ބޭނުންވޭތަ؟" ލޫލުއާ އެތެރެއަށް ހިނގައިގަންނަމުން ބުނެލިއެވެ. އަދި އީލާކްގެ ރަޙުމަތްތެރިންނަށް ހިނިތުންވެލިއެވެ.
"ހާޒިމް، އަހަރެން މިވިސްނަނީ ގާޑަންވިއު ހުޅުވުމަށް އީއްކޮގެ ފެޝެންޝޯ ވަރަށް ކަމުދާނެކަމަށް، އަނެއްކާ ސްޕޭސް ވެސް އެތަނުގައި އެބައޮތް... ކީކޭ ހާޒިމް ބުނަނީ" ޒައުލް ފައިލަކާއި ވަކިންހުރި ލިޔެކިޔުންތަކެއް ބަލަމުން ހިޔާލެއް ފާޅުކޮއްލި އެވެ.
"އެހާ އަވަހަށް އެހޮޓެލް ހުޅުވޭނެތޯ" ހާޒިމް ސުވާލުގެ ނަޒަރަކުން ޒައުލްއަށް ބަލާލަމުން ބުނެލިއެވެ.
"އާން، އަހަރެން އެތަނުގެ މަސައްކަތް ދާގޮތް ވަރަށް ރަނގަޅަށް އެބަ ބަލަން، އިންޓީރިއާ ޑިޒައިންނިންގެ ބައި ދެން އޮންނާނީ، އެކަންވެސް އިސާ ހިތަކު ނިމުމަކަށް އައިސްދާނެ، އީއްކޮގެ މަސައްކަތް ވެސް ނިންމާލެވޭނީ ގާތްގަޑަކަށް މަންތެއްހާ ދުވަސްތެރޭ... ސޯ މާ ރަނގަޅަށް ވެސް އެތަން ހަދާ އެއްކޮށް ނިންމާލެވޭނެ، އެކަމަކު ބުނަން، އަހަރެން ހާޒިމް އާއި ޓާސްކެއް ހަވާލު ކުރަން މިވިސްނަނީ" ޒައުލް އަތުގައި އޮތް ލިޔުން މޭޒުމަތީ ބާއްވާލަމުން ހާޒިމްއަށް ސަމާލުކަން ހުއްޓާލިއެވެ.
"ކޮންކަހަލަ ޓާސްކެއްތޯ" ހާޒިމްއަށް ހައިރާންވެފައި އަހާލެވުނެވެ.
"ހެ ހެ ހެ ހެ، ހާޒިމްއަށް ނުވާވަރުގެ ކަމެއް އަހަރެން ނުޖައްސާނަން، ދެން ޓާސްކު ދޯ، ހާޒިމް ކޮއްދޭންވީ ކަމަކީ ފެޝަންޝޯ ޕްރޮޖެކްޓުގެ ހުރިހާ ކަމެއް ބަލަހައްޓާދޭންވީ، މިވަގުތު އަހަރެން އެންމެ އިތުބާރު ކުރާ އެއްފަރާތް ހާޒިމްއަކީ އެހެންވެ މިއެދެނީވެސް، އީއްކޮގެ އެ ޕްރޮޖެކްޓަށް ހިނގާނެ ހުރިހާ ހަރަދެއް ބަލަހައްޓާނީ މަންސޫރު ކޯ އިން... ވަރަށް ޑީޓެއިލްކޮށް ހުރިހާ ހަރަދެއް ފެންނަން ހުންނަންވާނެ، މިކަން ވާނެތަ؟" ޒައުލް އަހާލިއެވެ.
"އަޅުގަނޑު... ލޯޔަރ..." ހާޒިމްއަށް ބުނާނެ އެއްޗެއް ނޭގުނެވެ.
"އެނގޭ ހާޒިމްއަކީ ލޯޔަރެއްކަން، އެކައުންޓެއްޓެއް ނޫނީ ފައިނޭންޝަލް ކޮންސަލްޓެންޓެއް ނޫންކަން.... ބަޓް އައިނޯ ޔޫ ގޮޓް ދި ޕޮޓެންޝިއަލް ޓު ޑޫ ދިސް، އަހަރެންނަށް ހުރިހާ ވަގުތެއް އީއްކޮގެ ޕްރޮޖެކްޓަށް ނުދެވުނަސް، އެކަން ވަރަށް ފުރިހަމަ ވާން އަހަރެން ބޭނުން..." މިހެން ބުނެލަމުން ޒައުލް ހިނިތުންވެލި އެވެ.
"މައްސަލައެއްނެތް، އަޅުގަނޑުގެ އަމިއްލަ ކަމެއްގެ ގޮތުގައި ދެކިގެން ކުރެވުނު އެންމެ ފުރިހަމައަކަށް ތިކަން ކޮއްދޭނަން، ޒައުލް އަޅުގަނޑާއި ދޭތެރޭ ތިބަހައްޓަވާ ގާތްކަން އަޅުގަނޑު ހަނދާން ނައްތައެއް ނުލާނަން، އެކަމަކު... ތިވީގޮތުން މިގެއަށް ތަންކޮޅެއް ގިނައިން އަންނަން ޖެހޭނެކަންނޭގެ" ހާޒިމް ހީލަމުން ބުނެލި އެވެ.
"ހާޒިމްގެ ބައްޕަ އާއިމެދު އަހަރެންގެ ބައްޕަ ބަހައްޓަވާ ގާތްކަން ވަރަށް ރަނގަޅަށް އެނގޭ، އަދި އެކަން ފެނިފަ މިހުރީ، ހާޒިމް އަހަންނަށްވުރެ ދޮށި ވިއެއްކަމަކު ހާޒިމްގެ އުޅުން ރަނގަޅުވެފަ ތިހުންނަ ހިތްހެޔޮ މިޒާޖު އަހަންނަށް ކަމުދަނީ، ދެން ބުނަން، އަހަރެން ގޭގައިއުޅޭ ހުރިހާ އެންމެނަށް އަންގާނަން ހާޒިމް މިގެއަށް އަންނާނެ ވާހަކަ އަދި މިއަދުން ފެށިގެން ހާޒިމްވަނީ އީއްކޮގެ މަސައްކަތަށް ޚާއްޞަ ކުރެވިފައިކަންވެސް އަންގާނަން، އެގޮތް އެންމެ ރަނގަޅެއްނު، އެހެންނޫނަސް އީއްކޮ އާއިއެކު މަސައްކަތް ކުރާ މީހަކު ފޫއްސެއް ނުވާނެ... ހެ ހެ ހެ" ޒައުލް ބުނެލިއެވެ. އަދި ލުއިގޮތަކަށް ހީލިއެވެ.

ރޭގަނޑު ހަތެއް ޖަހަން އުޅެނިކޮށް ކޮޓަރިން ނުކުތް ޔޫހާ އަވަސްވެވަތީ ކިޔާންއަށް ކާއެއްޗެއް ދެވޭތޯއެވެ. އޭރު ގޭތެރެއިން އެކަކުވެސް ފެންނާކަށް ނެތެވެ. އެހެންނަމަވެސް ސިޓިން ރޫމުގައި ޓީވީ ހުޅުވާފައި ހުއްޓެވެ. ވަގުތުން އެއީ އަފްލީންގެ ކަމެއްކަން ޔޫހާއަށް ނަގައިގަނެވުނެވެ. ޔޫހާ ކިޔާންއަށް ކާންދީ ނިމުނުއިރު ވަރުބަލިވެއްޖެ އެވެ. މިރޭ އެއްގޮތަކަށްވެސް ކިޔާން އެއްތާކު މަޑުން އިނދެގެން ކާކަށް ބޭނުމެއްނުވި އެވެ. ކިޔާންގެ ސަކަރާތުގެ އަޑަށް ޝާއިންވެސް ނުކުމެއްޖެއެވެ.
"އަވަހަށް އާދޭ ތުން ދޮންނަން" ޔޫހާ ކިޔާންއަށް ގޮވާލި އެވެ.
އަފްލީންވެސް ކޮޓަރިން ނުކުތްގޮތަކަށް ކިޔާންގެ ފަހަތުން ދުއްވައިގަތެވެ. ޝާއިން ހެމުން ހެމުން ޔޫހާގެ ގާތަށް އައިސް ކާމޭޒު ކައިރީ އިށީނެވެ. އޭނަ ޔޫހާގެ ހަރަކާތްތަކަށް ބަލަންއިނެވެ. ޔޫހާ ކަމަކާ ހިތާމަ ކުރާފަދަ އެއްވެސް އަސަރެއް ނުފެނުނެވެ. ޔޫހާ ކާމޭޒުގައި ތަށިތައް އަތުރަމުން ދިޔަވަގުތު ޝާއިން ޔޫހާއަށް ގޮވާލިއެވެ.
"ކިހިނެއްވީ؟ ހާދަ ގޮތަކަށް ތިގޮވާލީ" ޔޫހާ ބުނެލި އެވެ.
"އަފްލީން ދޮގެއް ނުހަދާނެކަން އަހަންނަށް އެނގޭ، މިވާހަކަ ނުދައްކަން ހުރީ އެކަމަކު ޔޫހާ އަމިއްލައަށް ފެނިގެން މީހަކު ކައިރީ އެއްވެސް ވާހަކައެއް ނުދައްކާނެކަން އަހަންނަށް އެނގޭ، ދެން ބުނެބަލަ، މިއަދު ކިހިނެއްތަވީ؟ ހޮޓެލްގަ ކަމެއް ހިނގީތަ؟ ޕާކްވިއުއަށް ދިޔަފަހުން ޔޫހާ އުޅެނީ ފާޑަކަށް، ނިކަން ވީގޮތެއްވެސް ބުނެބަލަ... އަނެއްކާ ފައުޒީގެ ފަރާތުން ހިތްހަމަނުޖެހޭ ކަންތައްތަކެއް ދިމާވަނީތަ؟ މީހަކު ހުންނަ ގޮތަކުން ނޭގޭނެ ވިއްޔަ..." ޝާއިން ވާހަކަދެއްކީ ތަންކޮޅެއް މަޑުންނެވެ. އޭނަ އާއި ޔޫހާ އާއިދެމެދު ދެކެވޭ ވާހަކަ އަފްލީންއަށް އަޑުއިވެން ބޭނުންނުވާތީއެވެ.
"ނޫން، ފައުޒީގެ ފަރާތުން ޝާއިން ތިހީކުރާ ފަދަ އެއްވެސް ކަމެއް ނުވޭ، އެކަހަލަ ކަމެއް ނުވެޔޭ، ދެން މިހެން އުޅޭއިރު އެކިއެކި ކަންތައްތަކާވެސް ދިމާވާނެއެއްނު... އަހަންނަށްވެސް އެނގޭ މިގޮތަށް އުޅެންޖެހޭއިރު ވަރަށް ގިނަ ކަންތައްތަކާ ކެތްތެރިވާން ޖެހޭނެކަން، ޝާއިން ކަންބޮޑުނުވެބަލަ، އެއްވެސް ކަމެއް ނުވެޔޭ" ޔޫހާ ބުނެލި އެވެ.
"ނުބުނަންދޯ ތިއުޅެނީ" ޝާއިން ބުންޏެވެ.
"ކަމެއްވީނަމަތާ ބުނާނީ، ސީރިއަސްކޮށޭ ޝާއިން، ހަމަ އެއްވެސް ކަމެއްނުވޭ، ބައެއްފަހަރު ރޯލުމުންވެސް ހިތަށް ހަމަޖެހުން ލިބެއެއްނު، އެއިން ކޮންމެ ފަހަރަކީ ސަބަބަކާ ލައިގެން ރޯފަހަރުތަކަށް ވެސް ނުވެދާނެއެއްނު، ދެން ތިވާހަކަ ނުދައްކާ، އެހެންނޫނީ އަފްލީން ސުވާލުކުރާވަރުން އަހަންނަށް މިތާ އިންނަންވެސް އުނދަގޫވާވަރު ކުރާނެ... ޕްލީޒް ޝާއިން، އަހަރެން ބުނީމަ ދެން ގަބޫލުކޮއްބަލަ، އެއްވެސް ކަމެއް ނުވެއޭ" ޔޫހާ ޝާއިންގެ ކުރިމަތީ ހުއްޓިލަމުން ބުނެލިއެވެ. ޝާއިންއަށް އިތުރަށް ސުވާލު ކުރާކަށް ނުކެރުނެވެ. އެހެންނަމަވެސް މިހާދުވަސްވީއިރު އޭނައަށް ޔޫހާ އެނގެއެވެ.

ޔޫހާގެ ހިޔާލުތަކާއި ދުރުވުމަށްޓަކައި ޒައުލް ޕާކްވިއު ހޮޓެލްއަށް ދަނީ ވަރަށްވެސް މަދުންނެވެ. ގިނަ ވަގުތު ހޭދަ ކުރަނީ އަލަށް ހުޅުވަން ހަމަޖެހިފައިވާ ހޮޓެލްގެ މަސައްކަތްތައް ބެލުމުގަ އާއި ހުޅުމާލޭގައި އަޅާ ނިމެމުންދާ ލަގްޒަރީ ހޮޓެލްގެ މަސައްކަތްތައް ބެލުމުގައެވެ. ސިކުނޑިއަށް ވިސްނާނެ ފުރުޞަތު ވެސް ދޭން ޒައުލް ބޭނުން ނުވަނީއެވެ. އަދިވެސް އޭނައަށް ޔޫހާގެ ފަރާތުން ލިބުނު ކުއްލި ޙަބަރު ހަޖަމުކުރާނެގޮތެއް ނޭގެއެވެ. ލާއިގާގެ ސުވާލުތަކަށް ދޭނެ ޖަވާބެއް އޭނަގެ އަތުގައި ނެތެވެ. ބުރަކަށް ނޫޅޭނަމަ އޭނަގެ ސިކުނޑިއަށް ބުރަވެދާނެކަން ގައިމެވެ. އުމުރުގައި މިނޫނީ ދުވަހަކުވެސް ބޮޑު އިމްތިހާނަކާއި ކުރިމަތިލާން ޖެހިފަކައި ނެތެވެ. ކުރިމަތިލުމުގެ ބަދަލުގައި އެކަމާ ދުރަށް ދިއުމަށްޓަކައި ކުރެވުނު އޮތް ކަމެއްވެއްޖެއްޔާ ޒައުލް ކުރާނެކަން ގައިމެވެ. (ނުނިމޭ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު