ގަނޑުވަރު ތެރެއިން 23

ގަނޑުވަރު ތެރެއިން ލޯބި ވާހަކަ ކަވަރު

"މުސްލިމުން އަރައިގަތީތަ؟ " ޒައިތޫން ބިރުފުޅުގަތުމާއެކު ދަރިކަނބަލުން ގެންނަވާ މޭގައި ޖައްސަވާލެއްވިއެވެ.

"ކަންބޮޑުނުވޭ މަލަކާ. އެބައަންނަން އެކަންތައްތަކުގެ ޚަބަރު ބަލާފައި.." ޔޫގަންނާގެ ފަހަތުން ދާނިޔަލް ހިނގައިގަތުމުން ޒައިތޫން ހާސްކަމާއެކު ގޮވައިލެއްވިއެވެ.

"މަންމާ. އަޅުގަނޑު ބަލާލާފައި ވަރަށް އަވަހަށް އަންނާނަން.."

"އެންމެ ރަގަޅު. ދަރިފުޅާ ބަލައިގެން އުޅެއްޗޭ. މުސްލިމުންނާއިމެދު މަންމަ ބިރުހީވޭ.." ޒައިތޫން ހިތާމަވެރި ނަޒަރަކުން ދަރިފުޅަށް ބައްލަވައިލެއްވިއެވެ. އޭރު އޭނަގެ އަވަހާރަފުޅުވެސް ފިލައިފިއެވެ. ރަސްގެފާނާއި ދަރިކަލުން ސަލާމަތްކުރެއްވުން އެދި ދުޢާކުރެއްވުމުގައި ޒައިތޫން އިންނެވިއިރު ލޫސީވެސް މަންމާފުޅުގެ އެނދުގައި އޮށޯވެލައިގެން ބައްތިއާއި ދިމާލަށް ބަލަން އޮތެވެ. ބައްތީގެ ހުޅުކޮޅަށް ދީވާނާވެފައިވާ ޕަރުވާނާތަކަށް ބަލަން އެހެން އޮތްއިރު ލާވަންގެ ޚިޔާލުތައް ސިކުނޑިއަށް އުދަގޫކުރަމުން ދިޔައެވެ. ފެހި ޖަވާހިރެއްފަދަ ދެލޮލުން ކަރުނަތިކިތައް ބަބުޅައިގަތް ނަމަވެސް އަވަހަށް ފޮހެލައިފިއެވެ. މުސްލިމުންގެ އަނިޔާވެރިކަމުގެ ސަބަބުން އޭނައާއި ލާވަންވެސް ވަކިވާން ޖެހިދާނެހެއްޔެވެ؟ ބައްޕާފުޅާއި ބޭބެ ދާނިޔަލް މުސްލިމުންގެ އަތްދަށުނުވެ ސަލާމަތް ކުރެއްވުމަށް އެދި ދުޢާކުރެވުނެވެ. ލާވަންވެސް ވީހާވެސް އަވަހަށް ރައްކާތެރިކަމާއެކު އަނބުރާ އައުމަށްވެސް އެދެވުނެވެ.

***

ދާމިސް އެ ބުރުޒުގެ މަތިން ހިނގާލިއިރު އެތަނަކީ ތަނަވަސްކޮށް ހަދާފައިވާ ވަރުގަދަ ތަނެކެވެ. ދެފަރާތުންވެސް ނިކުންނަން ދޮރުތަކެއް ހުއްޓެވެ. ކިއްލާގެ ފާރުތައް ހަމައެކަނި އުހީއެއް ނޫނެވެ. އެހާ ފުޅާވެސް ކޮށް ރާނާފައެވެ. އެފާރާއި ޖެހިގެން އަދި ޑަބަލް ފާރެއްވެސް ވެއެވެ. އެތަންވެސް ވަނީ މީހެއްގެ އިސްކޮޅު ދިގުމިނަށެވެ. ދާމިސް އެފާރުމަތިން ސިއްރުން ބަލައިލިިއިރު ކިއްލާތެރޭ ރަސްކަންކުރަނީ ގަދަ އަނދިރިކަމެވެ. ރޭގަނޑުގެ ފަހު ބައިކަމުން އަނދިރިކަން ގަދަވުމާއެކު ހިމޭންކަންވެސް ފެތުރިފައިވެއެވެ. ނަމަވެސް ދޭތެރެއަކުން ރޫމީންގެ ހުނުމުގެ އަޑު އިވިލައެވެ.

"އަހަރެން މިކިއްލާތެރެއަށް ވަދެވޭގޮތެއް ވޭތޯ ބަލާފައި އަންނާނަން. ވަރަށް ހިމޭނުން މިތާ ތިބޭތި. މި ކިއްލާގައި ރޫމީންގެ އަދަދު ވަރަށް ގިނަ. އެހެންވީމަ މިހާރު ހަމަލާދިނުން އެހާ ބުއްދިވެރިކަމަކަށް ނުފެނޭ. ފަތިސްވާންދެން މަޑުކޮށްލާފައި ޔޫގަންނާގެ ލަޝްކަރަށް ހަމަލާދޭނީ. އަހަރެމެންގެ ކަނޑިތަކުގެ ދަށުގައިވެ އެމީހުން ބަލިވާން ހުރިއްޔާ އިރާދަކުރެއްވިއްޔާ ލަހެއްފަހެއް ނެތި އެކަން ވާނެ. ނޫނީ ފަތިސްވުމަށްފަހު ޚާލިދު އަހަރެމެންނަށް އެހީވާން އަންނާނެ. އިރާދަކުރެއްވިއްޔާ އަހަރެމެންގެ ދެ މުޖާހިދުންނަށް ލަޝްކަރަށް ޚަބަރު ފޯރުކޮށްދެވޭނެ. އެބަ އަންނަން............" ދާމިސް ހަރުފަތަކުން ތިރިއަށް ފައިބަންފެށިއެވެ. އަނދިރިކަން ގަދަކަމުން ދެލޯބޮޑުކޮށްފައި ބަލައިލާއިރުވެސް ފެންނަނީ މުޅިންވެސް ކަނު އަނދިރިކަމެވެ. އުޑުމަތިވެސް ބަނައީއެވެ. ދާމިސްއަށް ކިއްލާގެ މެދުގައިވާ ރަސްގެފާނުގެ ހެޑްކުއާޓަރާއި ހަމަޔަށް ފޯރިއެވެ. އެތަން އޮތީ ބައްތިތަކުން ދިއްލާ އަޅާފައެވެ. އިސް އޮފިސަރުންނާއެކު ޔޫގަންނާ އިންނެވިއެވެ. ރަނުން ކުރެހުން އަޅާފައިވާ ހެދުމުގައި މުތީތައް ހަރުކޮށްފައިވާއިރު އިސްތަށިފުޅުގައި ވާ ތާޖުގައިވެސް ވިދަނީ ޖަވާހިރުތަކެވެ. ރަންމުޖުމަރާތަކަށް ގޮމަކަސްތޫރި އަދި ލަންސިމޫ އަޅާ އަންދަމުންދާތީ އެތަނުގައި ވަނީ މީރުވަހެއް ހިފާލާފައެވެ. ބޯ ދޫލަމަތީގައި އިށީދެލައިގެން މަޖުލީސްކުރަން ތިބިއިރު ބޮޑެތި ރާފުޅިތައް ކުރިމަތީގައި އަތުރާލާފައެވެ. ބައެއްމީހުން ތިބީ ފުދޭވަރަކަށް ބޮއިގެން މަސްތުގައެވެ. އަންހެންކުދިން އެމީހުން ގާތުގައި މަޖާކޮށްލަން ތިބިތަން ފެނެއެވެ. ޔޫގަންނާ ނުކުމެވަޑައިގަތުމުން ދާމިސް އަނދިރީގެ ތެރޭ ފިލާހުރެގެން އެމަންޒަރު ބެލިއެވެ. އޭނަ ވަޑައިގަތުމުން އަދި ވަކިން ފޯރިގަދަވިއެވެ. ދާމިސް އިރުކޮޅެއްވާންދެން އެ މަންޒަރު ބަލަން ހުރެފައި އަނދިރީގެ ތެރެއިން އެހެން ދިމާލަކަށް ހިނގައިގަތީ ނިކަން ފަރުވާތެރިކަމާއެކުގައެވެ.

މެންދަމުގެ ހިމޭންކަމާއެކު ފިނިގަދައެވެ. ދާމިސް ހިނގަނިކޮށް ކިއްލާގެ ބޮޑު ދޮރާށި ފެނުމުން ﷲއަކްބަރު ކިޔާލެވުނެވެ. ވަރުގަދަ ލަކުޑިއަކުން ހަދާފައިވާ އެދޮރުގައި އެކިގޮތްގޮތަށް ދަނގަނޑު އަޅާފައިވެއެވެ. އެއީ ޑަބަލް ދޮރާށްޓެކެވެ. ދޮރުފަތް ސިފައިންނަށް ނިދައިލެވޭނެހެން ދެފަރާތުގއި ސިމެންތި އަށި ހަދާފައިވެއެވެ. ބޭރަށް ހުރި ދޮރާށި ހުޅުވައިލެވުމުން ކިއްލާއިން ބޭރަށް ނުކުމެވޭނެއެވެ. އެތެރޭގައި ހުރި ދޮރާށިން ވަދެވެނީ ކިއްލާގެ ތެރެއަށެވެ. ދެފަރާތުގައި ހުންނަ އަށިމަތީގައި ފޯރިމަރާ ސިފައިން އަބަދުހެން ތިބެ ނިކަން ރަގަޅަށް ކިއްލާ ބަލަހައްޓަމުން ގޮސްފައިވެއެވެ. ދާމިސް އެތެރޭގައި ހުރި ދޮރުގައި ހިފިއިރު އެ ދޮރު ހުރީ ތަޅުލާފައެވެ. އޭނަ އިރުކޮޅެއްވާންދެން އެތާ ހިލަތަކުގެ ނިވަލުގައި ހުރެވެސް އެއްވެސް މީހެއްގެ ހިލަމެއްނުވިއެވެ. ކަންފަތް ޖެހުމުން އިވެނީ ނިދާފައި ތިބި ސިފައިން ގުގުރި ދަމާ އަޑެވެ. ރޫމީ ސިފައިން ނިދާފައިކަން ޔަގީންވުމުން ދާމިސްގެ އުއްމީދު ބޮޑުވިއެވެ. މާތްﷲއަށް ހަމްދުކުރިއެވެ. އެވަގުތުވެސް އަތް އުފުލާ ދުޢާކުރިއެވެ.

ދާމިސް ދޮރާށި ކައިރީގައި ހުރި ހިލަތަކަށް ނަޒަރު ހިންގައިލިއެވެ.

ހިލައެއްގެ ތިރިން ޚަންޖަރުން ކޮންނަމުންގޮސް އެހިލަގަނޑު އޮތްތަނުން ނައްޓާލާފައި ބަލައިލިއިރު މީހަކަށް ނުކުމެވޭނެ ވަރުގެ ބާގަނޑެއް ހެދިއްޖެއެވެ. އެތަނާއި ކައިރިވެލިއިރުވެސް ސިފައިިން ގުގުރި ދަމާ އަޑުނޫން އަޑެއް ނީވުނެވެ. އޭނަ އުދަގުލުން އެ ބާ ގަނޑުން ދެމިގަނެގެން އެތެެރެއަށް ވަދެ ބަލައިލިއިރު އެތާ އަށިމަތީ ދިއްލާލާފައި ހުރި ބައްތިއެއްގެ ފަނޑު އަލިކަން ތަނަށް ވެރިވެފައި އޮތެވެ. އަލިކަމުގެ ތެރެއިން ފެނުނީ މުޅިގައިގާ ރަޖާ އޮޅާލައިގެން އަރާމު ނިދީގައި ތިބި ތިން ސިފައިންނެވެ. އޭނަ އެންމެ ކައިރިއަށް އޮތް މީހާގެ ކަރުގައި ޚަންޖަރު ހިންގާލައިފިއެވެ. ހަށިގަނޑާއި ބޯ ވަކިވެގެން ދިޔައިރު ދުނި ޖަހާފައި އޮހިގަން ލޭގަނޑުން ތަނުގައި ކުދި ލޭގެ ކޯރެއް ހެދިއްޖެއެވެ. ދެވަނަ މީހާވެސް ހޭލުމުގެ ކުރިން ބޯ ކަނޑާލިއެވެ. ދެން އޮތް މީހާއަށް ކުއްލިއަކަށް ހޭލެވިގެން އިށީދެ ވަށައިގެން ކަޅި އުކާލިތަނުން ދާމިސްގެ ޚަންޖަރުގެ އެތިފަހަރު އެރީ ސީދާ އޭނަގެ ކަރަށެވެ. ތިން މީހުންގެ ހަށިތައް ދަމައިގެން ގޮސް ގުޅައަކަށް ކަނަކަށް ޖަހާލާފައި އޭނަ ނިކަން ހަމަޖެހިލައިގެންގޮސް ކިއްލާއިން ބޭރަށް ނުކުމެވޭ ދޮރުގެ ތަންޑުތައް ނައްޓައި ދޮރާށި ހުޅުވާލައިފިއެވެ.

"ﷲ އަކްބަރު...." ދާމިސް އުފަލުން ގޮތެއްނެތެވެ. ފަތަހައާއި ނަސްރުގެ އުފާވެރި ރަަހަ މިހާރުވެސް ކަރުގައި ލައިފިއެވެ. ވަގުތުން ތިރިވެވުނީ ސަޖިދައަށެވެ.

ކުރިމަތީގައި ފެންނަން އޮތީ ތަނަވަސް މައިދާނެކެވެ. ދުރުން ފަރުބަދަތައް ކަޅު އަނދިރިކަމުގެ ތެރެއިން ފުރޭތަތަކެއް ފަދައިން ފެންނާން ހުއްޓެވެ. ގަނޑުފެނުގެ އަސަރު އެކުލެވޭ ވައިރޯޅިތައް ހަށިގަނޑުގައި ޖެހެން ފެށުމުން އިތުރަށް ހީކަރުވާގޮތްވުމުން ދެލޯ އެކަނި ފެންނަގޮތަށް މޫނާއި އެކު ރަޖާ އެޅިއެވެ. ދާމިސް އެތެރެއަށްވަދެފައި ދޮރާށި ލައްޕާލި ނަމަވެސް ތަންޑުތައް ނާޅުވައެވެ. އެއަށްފަހު އެތެރެއަށް ވަަދެވޭ ދޮރު ހުޅުވާލާފައި ކުރިއަށް ހިނގައިގަތީ ފަރުވާތެރިކަމާއެކުގައެވެ. ހަރުފަތްތަކުން އަރައިގެން ގޮސް އޭނަ މުސްލިމުން ތިބި ބުރުޒަށް އެރިއެވެ.

"މާތްﷲއަށްޓަކާ ހަގުރާމަކުރާ ލޮބުވެތި މުޖާހިދުންނޭ. މާތްﷲ މި މަސައްކަތުގައި ބަރަކާތް ލައްވާށި. ކިއްލާގެ ދޮރުފާރަވެރިން ނިންމާލާފައި ދޮރާށި ހުޅުވައިފިން. އަހަރެމެންގެ މީސްކޮޅު ވަރަށް މަދު. ކިރިޔާވެސް އެމީހުންނަށް ޝައްކެއް ވެއްޖެއްޔާ ލަޝްކަރު އޮތްގޮތަށް އޮއްސާލާނެ..ނިކަން ފަރުވާތެރިކަމާއެކު ތިރިއަށް ފައިބާ...." ދާމިސްގެ ޖުމްލައިން އެންމެން ހަމްދުކުރިއެވެ. އުފަލުންގޮސް ހިނިތުންވެލެވުނެވެ.

"މާތް ﷲ ރަހުމަތް ލައްވާށި. ކިހިނެއްތޯ މި މަސައްކަތް ނިންމަވާލެއްވީ؟ " މުޖާހިދަކު އަހާލައިފިއެވެ.

"މިވަގުތު ވާހަކަދައްކާނެ ވަގުތެއް ނެތް. ދަނޑިވަޅެއް ލިބުނީމަ ހަމަޖެހިލައިގެން ތި ވާހަކަ ކިޔައިދޭނަން...." ދާމިސް މުޖާހިދުގެ ބުރަކަށީގައި ފިރުމައިލިއެވެ. އޭނަގެ ފަހަތުން ހުރިހާ މުޖާހިދުން އަންނަން އިޝާރާތްކުރިއެވެ. ފަތްތަރުމަތިން ފައިބަން ފެށީ ނިކަން މަޑުންނެވެ. ތިރިއަށް ފޭބުމަށްފަހު މިސްރާބު ޖެހީ ދޮރާށްޓާއި ދިމާލަށެވެ. މުޖާހިދުން ކޮންމެ ފިޔަވަޅެއް އެޅީ އަމިއްލަ ކަންފަތަށް ނީވޭހާ މަޑުން ބަލައިގެންނެވެ. އެބޭކަލުން އެތަނަށް ދިޔަ މަގުމަތީގައި ރޫމީންގެ އޮފިސަރުން ހަގުރާމައިގެ އޮފީހުގައި ބައްތިތައް ދިއްލައިގެން މަޖާނެގުމުގައި އުޅެއެވެ. ރާބޮއި މަސްތުގެ ހާލުގައެވެ. އަންހެންކުދިންވެސް އެމީހުންނާއެކު އުފާކުރުމުގައެވެ. މުޖާހިދުން ނަޒަރު ތިރިކޮށްލައިގެން ތިބެ އަަވަހަށް ހިގާފައިގޮސް ދޮރާށިން އެތެރެއަށްވަނެވެ. ދެފަރާތުގައި ހަދާފައިވާ ސިމެންތި އަށިމަތީގައި އިށީދެލައިފިއެވެ. މުޖާހިދުން ދޮރާށިން އެތެރެއަށް ވަންނަ ތަން ދެކެން ދާދި ކައިރީގައި ހުރި ޒައިތޫނި ގަހެއްގެ ފުރަގަހުގައި ހުރި ސިފައިންގެ މީހަކު ހުއްޓެވެ. އަނގަ ހާވައިގެން ހައިރާންކަމާ ބިރުވެރިކަމާއިއެކު އެމަންޒަރު ބަލަން އޭނަ ހުއްޓެވެ. މުސްލިމުން އެތަނަށް ވަދެގަތް ގޮތަށް ސިކުނޑިއަށް ނަގައި ނުގަނެވުނަސް އެއީ މުސްލިމުންކަން ޔަގީންވެއްޖެއެވެ. އޭނަ އެމުޖާހިދުންގެ އަދަދުވެސް ގުނައިލިއެވެ. އަށާވީސް މީހުންނެވެ. މިއީ އަދި މި މަންޒަރު ބަލާފައި ހުއްޓުން އަރާފައި ހުންނަންވީ ކަަހަލަ ކަމެއްވެސް ނޫނެވެ. އެމީހުންވަނީ މަރުގެ ތުންފަތް މަތީގައެވެ. އޭނަ ދެފަޔަށް ބާރުލާފައި ދުއްވައިގަތެވެ.

"ރޫމީންގެ އޮފިސަރުންނޭ. މުސްލިމުން ކިއްލާއަށް ވަދެއްޖެ.." ރޫމީ ސިފައިންގެ މީހާ ހަޅޭއްލަވައިގަތެވެ.

އޭނަގެ ގަދަ އަޑާއެކު އެންމެނަށް ހިމޭންކަން ލިބި ހުއްޓުން އެރިއެވެ. އޮފީސްތެރޭގެ ހަލަބޮލިކަން ކެނޑި އެންމެންގެ ސަމާލުކަން އެ މީހާއަށް ހުއްޓިއްޖެއެވެ. އެންމެން ތިބީ އާގަމަވެ ދެލޯ ބޮޑުވެފައެވެ. ރާތަށިތައްވެސް އުކާލައިފިއެވެ. ބިރުވެރި ކަމުގެ އިންތިހާއެވެ. ކާރކަސްވެސް ކަންބޮޑުވުމާއެކު އެ ޚަބަރު ގެނައިމީހާއަށް ބަލަން ބަސް ހުއްޓިފައި އިރުކޮޅަކު އިނެވެ.

"މުސްލިމުންނަށް ކިއްލާއަށް ވަދެވޭނީ ކިހިނެއްތަ؟ ތިއީ ބުއްދި ގަބޫލުކުރާކަމެއް ނޫން.." ކާރކަސްގެ އަޑު ރޫރޫ އަޅައިގަތެވެ.

"ސާހިބާ. އަޅުގަނޑުވެސް ލޮލުން ފެނުނީމަވެސް ގަބޫލުކުރާކަށް ފަސޭހައެއްނުވި. އަޅުގަނޑު ބަލަން ހުއްޓާ ބުރުޒުން އެރިގެން އެ މީހުންގޮސް ދޮރާށިން އެތެރެއަށްވަދެ ދޮރު ލައްޕާލައިފި..."އޭނަ ބުނެދިނެވެ.

"ތިވާނީ ކަލެއަށް ހުވަފެނެއް ފެނުނީކަމަށް. މި ސާޅީސް ފޫޓަށްވުރެ އުސް ފާރުތައް ގިރާކޮށް ޖިންނި ޝައިތާނަކަށް ނޫނީ ނޭރޭނެ. މުސްލިމުންނޭ ކިޔަނީ ޖިންނިންނަށްތަ؟ އެފާރުމައްޗަކުން އިންސާނަކަށް ނޭރޭނެ. ކިހިނެއް މުސްލިމުންނަށް އެކަން ކުރެވޭނީ؟ " ކާރކަސް ބުނެލިއެވެ.

"ނޫން މާތް ސާހިބާ. އަޅުގަނޑު ގަހުގެ ފުރަގަހުގައި ފިލާ ހުއްޓާ އެމީހުން އެރުނީ."

"ކިއްލާއަށް ވަންނަން ހުރި ދޮރާށި ތަޅުލާފައި ތަންޑުތައް އަޅުވާފައި ހުންނާނީ. އެތަ ފާރަށް ސިފައިން އެބަތިބި. ތިއީ ކަލެއަށް ކުށްހީއެއް ކުރެވުނީކަމަށްވާނީ" ކާރކަސް ތަންކޮޅެއް ހަމަޖެހިލިއެވެ. އެހެން ސިފައިންވެސް ހީހީފައި ވާހަކަދައްކަން ފެށިއެވެ.

"ތަންޑުތައް ނެއްޓިގޮތަށް ދޮރު ހުޅުވިގޮތެއް ދަންނަވާކަށް އަޅުގަނޑަކަށް ނޭގޭ އެކަމަކު މުސްލިމުން ކިއްލާއަށްވަނީ އަޅުގަނޑުގެ ހިއްސުތައް ސަލާމަތުން ހުއްޓާ. އެމީހުން އެތެރެއަށް ވަދެ ތަންޑުތައް ނައްޓާފައި ލަޝްކަރެއް ވައްދަފާނެކަމުގެ ބިރުހީވޭ............"

ކޮންމެއަކަސް މިލިބުނު ޚަބަރަކީ އަހާފައި ދޫކޮށްލެވޭވަރަށްވުރެ ނުރައްކާތެރި ޚަބަރެކެވެ. އަދި މި ހަގުރާމައިގެ ނުރައްކާތެރި ހާލަތުގައި އޮތުމުން ސިފައިން އަތުން ހެދޭ ކުޑަ ގޯހަކުންވެސް އެންމެންގެ ކަންތައް ނިމިގެން ހިގައިދާނެއެވެ. މުސްލިމުން ވަންގޮތެއް ޚިޔާލުކުރުން ފަސޭހަ ނުވިޔަސް ކާރކަސް އޭނަ އެންމެ އިތުބާރުކުރާ އޮފިސަރުންނަށް އެ ޚަބަރުގެ ތެދުދޮގު ބަލައިގެން އަންނަން އަމުރުކުރިއެވެ. އަދި އޭނަ އިންތިޒާރުގައި އިނީ ހަމަޖެހިގެން ކަމަށް ބޭރުފުށުން ދައްކައިގެންނެވެ. އޭނަ އުއްމީދުކުރީ އެމީހާ ގެނައީ ދޮގު ޚަބަރަކަށް ވުމަށެވެ. ރަގަޅަށް ވިއްޔާ ބޮއިގެން މަސްތުވެގެން ހުރީއެވެ.

އޮފިސަރުން ގޮސް ސިއްރުން ދޮރު ހުޅުވައިލިއިރު އެތަނުގެ އަށިމަތީ މިތިބީ ވަރުގަދަ އަރަބި މުޖާހިދުންނެެވެ. ހަތިޔާރު އަޅާފައެވެ. ބިރުންގޮސް ރޫރޫއަޅާ ހާލުގައި އެމީހުން އެނބުރި ދުއްވައިގަތީ ހޭ ކަނޑާލާފައެވެ. އެމީހުން ބޭނުންވީ ވީހާވެސް އަވަހަށް ކާރކަސް އަށް އެ ޚަބަރު ދިނުމަށެވެ.

"ކިއްލާއަށް މުސްލިމުން ވަން ޚަބަރަކީ ތެދެއްނޫން ދޯ. މަށަށް އެންމެ ކުރިންވެސް އެހެން ހީވިއޭ. ދެން އެމީހުންނަށް ބުރުޒަށް އެރޭނީވެސް ކިހިނެއް؟ ބަންދުކޮށްފައި ހުރި ދޮރާށްޓަކުން ވަންނާނީވެސް ކިހިނެއް؟ ކަލޭމެން ފާރަވެރިންނާއިވެސް ވާހަކަދެއްކިން ދޯ. އެމީހުންނަށްވެސް ތިބުނާ އަރަބިން ފެނުނުކަމަކަށް ނުވާނެ. މުސްލިމުން ކިތަންމެ ހިތްވަރުގަދަވިޔަސް ނުވާނެ ކަންތައް ހުންނާނެދޯ. މި ކިއްލާ ފަތަހަ ކުރުމަކީ އެމީހުންނަށް ކުރެވޭނެކަމެއއް ނޫން......" ކަރކަސް މަލާމާތުގެ ނަޒަރަކުން ޚަބަރު ގެނައިމީހާއަށް ބަލައިލަމުން ހީލައިފިއެވެ.

""ނޫން މާތް ސާހިބާ. އޭނަ ބުނީ ދޮގު ވާހަކައެއްނޫން. އަޅުގަނޑުމެން މިއައީ އެމީހުން ލޮލުން ދެކެފައި. މުސްލިމުން ކިއްލާއަށް ވަނުމުގައި ކާމިޔާބު ކޮށްފި. އެމީހުން ދޮރާށިބަލަން ތިބި މީހުންގެ މައްޗަށް ގަދަވެ ދޮރާށި ފޭރިގެންފި......." އޮފިސަރުން ބިރުން އިސްޖަހާލައިގެން ތިބެފައި ބުނެލައިފިއެވެ.

ކާރކަސްގެ މޫނުގެ ކުލަ ބަދަލުވެ އަނގަ ހަދައިގެން އިރުކޮޅެއްވާންދެން އިނދެފައި ބޮލުގައި އަތް ހާކާލައިފިއެވެ. ޚަބަރު ގެނެސްދިން މީހާގެ ތުންފަތަށް މިފަހަރު މަލާމާތުގެ ހިނިތުންވުން ވެރިވިއެވެ. ބައެއްފަހަރު ބޮޑާކަމަކީވެސް މީހުންގެ ނިމުން ގެނުވާ ނުބައި ސިފައެކެވެ.

"ކަލޭމެން މުސްލިމުން ދެކުނިންތަ؟ "

"ލައްބަ ސާހިބާ. ދޮރާށީގެ ދެފަރާތުގައިވާ އަށިތަކުގައި އެމީހުން ހަމަޖެހިލައިގެން އެބަތިބި. އެހެން ހަގުރާމަވެރިންގެ އިންތިޒާރުގައި ކަމާއިމެދު ޝައްކެއް ނެތް.." އެތަނުން އެކަކު ކިޔާލައިފިއެވެ.

"ކިތައް ހަގުރާމަވެރިންތަ؟ "ކާރކަސް ސުވާލުކުރިއެވެ.

"ޢަޅުގަނޑު ގުނާލިން. އެއީ އަށާވީސް ހަގުރާމަވެރިން..."

"އެންމެ އަށާވީސް މީހުން ކަމުގައި ވިއްޔާ ތި މީހުން ނައްތާލުމަކީ އެއްވެސް ކަމެއްނޫނެއްނު. އަވަހަށް ލަޝްކަރު ތައްޔާރުކޮށްފައި ހަގުރާމައަށް ނުކުމޭ. ތި މީސްކޮޅު އަހަރެމެންގެ ކަނޑިތަކުގެ ދަށުގައި ފަނާވާންވެގެން ކިއްލާއަށް ތި ވަނީ..."ކާރކަސް ބާރު ހިނިގަނޑެއް ޖަހާލައިފިއެވެ. ގެންފައިވާ ބިރު ފިލާ އުފާވެރިކަން އިއާދަވެއްޖެއެވެ. އެހެން ސިފައިންނަށްވެސް ކުޑަ ހިތްވަރެއް ލިބުނަސް މުސްލިމުންގެ ހިތްވަރާއި ކުޅަދާނަކަން އެނގޭތީ ހަގުރާމަކުރަން ޖެހިލުންވިއެވެ. އޭނަގެ އަމުރަށް ވަގުތުން ލަޝްކަރު ހަގުރާމައަށް ތައްޔާރުވާންފެށިއެވެ.

އިރުނާރާތީ އަދިވެސް ކިއްލާތެރޭގައި ރަސްކަން ކުރަނީ އަނދިރިކަމެވެ. ދާމިސްއާއި މުޖާހިދުން ޚާލިދުގެ އިންތިޒާރުގައި ވަގުތުތައް ގުނުމުގައި ތިބީ ހަމަޖެހިލައިގެންނެވެ. އެހާ ރައްކާތެރިިކަމާއެކު ބަލައިގެން އުޅުމުން އެހެން މީހަކަށް ފެނިދާނެކަމަކަށް ފަހަރެއްގައިވެސް ހީކޮށްފައެއްނެތެވެ. ކިއްލާތެރޭގެ ހިމޭންކަން ކެނޑި އަޑުގަދަވާހެން ހީވެފައި ދާމިސް ދޮރާށި ހުޅުވާލާފައި ސިއްރުން ބަލައިލިއިރު ފެނުނީ ތަފާތު މަންޒަރެކެވެ. ހަގުރާމަވެރިން އެކިކޮޅަށް ދުވެ އަމުރުތައް ނެރެމުން ހަގުރާމައަށް ތައްޔާރުވާތަނެވެ. ހަގުރާމައިގެ އޮފީސްވެސް އޮތީ ހުސްކޮށެވެ. ރޫމީންތައް ހަތިޔާރު އަޅާ ތައްޔާރުވާތަން ފެނުމާއެކު ދާމިސްއަށް ދެނެގަނެވިއްޖެއެވެ. އޭނަ މަޑުމަޑުން ދޮރާށި ލައްޕާލައިފިއެވެ.

"އޭ ހިތްވަރުގަދަ މުޖާހިދުންނޭ. ރޫމީންނަަށް އަހަރެމެން ކިއްލާއަށް ވަންކަން އެނގިގެން ހަތިޔާރު އަޅާ ހަގުރާމައަށް ތައްޔާރުވެއްޖެ"

"އެކަމަކު އަޅުގަނޑުމެން ކިއްލާއަށް ވަންކަން އެނގުނީ ކިހިނެއްތަ؟ " މުޖާހިދަކު ސުވާލުކުރިއެވެ.

"އެއެއް ދެނެވޮޑިވެގެންވަނީ މާތްﷲ. އަވަހަށް ހަމަލާދޭން ތައްޔާރުވޭ."

"ކިހިނެއްތޯ މިތަންކޮޅުގައި ތިބެ ހަމަލާދޭނީ؟ "

"މި ދޮރާށިތެރޭ ތިބެގެން ހަމަލާދިނުން ރައްކާތެރިއެއްނުވާނެ. އެކަމަކު އަހަރެމެންނަށް ދޮރާށި ދޫކޮށްލާފައިވެސް ނުދެވޭނެ. ދޮރާށި ހުޅުވާފައި ބޭރަށް ނުކުމެ ހަމަލާދިނުން އެންމެ ބުއްދިވެރިގޮތަކީ. މިތާ އެތެރޭގައި ތިބިއްޔާ ދުނިތައް އުކާ އަހަރެމެންގެ ދުވަސް ދުއްވާލާނެ.. އެހެންވީމަ މިބުނާގޮތަށް ހަދާ. ދޮރާށި ހުޅުވާލައިގެން ތިބެ ހަގުރާމަކުރާނީ. ފަހަތުން ބަޔަކު އަންނާނެކަމަށް ނުބަލާ ހަމައެކަނި ކުރިއަށް ވިސްނައިގެން ހަމަލާދެވޭނެ." ދާމިސް އިރުޝާދުދެމުން ދަނިކޮށް ރޫމީންގެ އަޑުފަށްގަނޑު ގަދަވިއެވެ. އެދިމާލަށް ދުވެފައި އަންނަނީ ފޯރިއާއި ޖޯޝާއެކުގައެވެ. ދުރުގައި ތިބެވެސް ދުނީގެ ވާރޭ އޮއްސައިގަތެވެ. މުސްލިމުން އެތެރޭގައި ތިބެއްޖެއްޔާ ރޫމީންތައް ދޮރާށި ތަޅުލަފާނެއެވެ. އޭރުން މިހާވަރުން ކުރި ބުރަ މަސައްކަތްވެސް ނާކާމިޔާބުވީއެވެ. ﷲއަކްބަރު ކިޔަމުން މުޖާހިދުން ބިރެއް ސިހުމެއްނެތި އައްޑަނަތައް ދިއްކޮށްގެން ރޫމީންގެ ދުނިތަކާއި ކުރިމަތިލިއެވެ. ސުމާރެއްނެތި އެކިގޮތްގޮތަށް އަންނަން ފެށި ދުނިތައް އައްޑަނަތަކަށް ހެރި ފުރެމުން ދިޔަ ނަމަވެސް ހިތްވަރުގަދަ މުސްލިމުންގެ ހިތްވަރަކަށް ބަދަލެއްނައެވެ. ރޫމީން ހަޅޭއްލަވަމުންދާއިރު ކަންފަތްތައް ހަލާކުވާވަރުވިއެވެ. ހަޅޭއްލަވަމުން ދުނިތައް އުކުން އަވަސްކުރިއެވެ. ދުނިތަކުން މުސްލިމުންނަށް އަނިޔާއެއް ވެދާނެކަމުގެ ބިރު ދާމިސްގެ ޚިޔާލު ބަދަލުކުރުވަން މަޖުބޫރުކުރުވިއެވެ.

"މުޖާހިދުންނޭ. އަށް މީހުން ދޮރާށިން އެތެރޭގައި ތިބެފައި ވިހި މީހުން ރޫމީންނަށް ހަމަލާދީ. ހަގުރާމަ އިތުރަށް ވަރުގަދަވެ ސަލާމަތް ނުވާ ހާލަތެއް އަތުވެއްޖެއްޔާ ފަހަތަށް ޖެހުނަސް ދޮރާށި ދޫކޮށްނުލާތި. ކޮންމެ ގޮތެއްވިޔަސް ދޮރާށީގެ މައްޗަށް އަލުން ރޫމީންނަށް ވެރިވެގެންނުވާނެ. މާތްﷲއަށް ވަކީލުކޮށްގެން ފިސާރި ސާބިތުކަމާއެކު ހަމަލާދީ. ކިތަންމެ ގިނަޔަސް ރޫމީންނަކީ ފިޑިބަޔެއް. ބަދުރު ހަގުރާމައާއި ޔަރުމޫކްފަދަ ހަގުރާމައިން އިބުރަތް ހާސިލުކުރޭ. ކިތަންމެ ބައި ގިނަޔަސް މާތްﷲ ނަސްރު ދެއްވައިފި ބަޔަކު ބަލި ނުކުރެވޭނެ.." ދާމިސް ޖިހާދުގެ އާޔަތްތައް ކިޔަވަމުން މުޖާހިދުންނަށް ހިތްވަރު ދެމުން ހަގުރާމައިގެ ތެރެއަށް ނުކުތީ ﷲއަކްބަރު ކިޔަމުންނެވެ. އަށް ހަގުރާމަވެރިން ދޮރާށި ތެރޭ ތިބެ ބާކީތިބި މުޖާހިދުން ރޫމީންނަށް ހަމަލާދިނެވެ. ފުރަތަމަ ކަނޑި އެތިފަހަރުންވެސް ދެތިން މީހުންގެ ބޯ އުދުއްސާލަމުން ރޫމީންގެ ތެރެއަށް ވަދެގަތް އިރު ހިތްވަރުގެ ޅެމެއްވެސް ދާމިސް ކިޔައިލިއެވެ. އޭނަގެ ކަނޑީގެ ހަރަކާތްތައް ނިކަން އަވަހެވެ. އެެހެން ޒުވާނުންވެސް ފުރާނައަށް ބެލުމެއްނެތި ރޫމީންގެ ތެރެއަށްވަދެ ހަގުރާމަކުރަމުންދިޔައެވެ. ދިހަބާރަ މީހުން ގަތުލުކޮށްފައި ބަލާއިރުވެސް ބައިބޯ ކަމުން އެންމެ މީހެއްވެސް މަދުވާހެނެއް ހިޔެއްނުވެއެވެ. ކިއްލާތެރޭ ގުގުމާލާފައިވަނީ ޒަޚަމްވާ މީހުންގެ ރުއިމާއި ކުކުރުމުގެ އަޑެވެ. މުސްލިމުންގެ މީސްކޮޅު މަދުކަމަށް ބުނެ ކާރކަސްވެސް ހިތްވަރު ދެމުން ހަގުރާމައިގެ ތެރެއަށް ނުކުތުމުން ރޫމީންނަށް ހިތްވަރު ލިބި ފޯރިއާއި ޖޯޝާއެކު ކުރިއަށް ޖެހެން ފެށިއެވެ. އެބާރުގަދަ ހަމަލާތަކުން ކޮންމެވެސް ވަރަކަށް މުސްލިމުންކޮޅު ފަހަތަށް ޖައްސާލައިފިއެވެ. ދާމިސްއާއި މުސްލިމުން އަތްފައި ވަރުބަލިވާވަރަށް ހަގުރާމަކުރަމުންގޮސް ކަނޑީގެ އެތިފަހަރުތަކުގެ އަމާޒަށްވެސް ވިއެވެ. ދާމިސްގެ ގަޔަށް އެތައް ހަމަލާއެރިޔަސް އޭނަގެ ހިތްވަރަށް ބަދަލެއް ނައެވެ. އެހެން މުޖާހިދުންވެސް ވަރަށް ބޮޑަށް ޒަޚަމްވެ ވަރުބަލިވާންފެށިއެވެ.

އޭރު ފަތިސްވުމުގެ ކުލަވަރު އުޑުމަތިން ފާއްދާލައިފިއެވެ. އަލިކަން އަނދިރިކަމުގެ މައްޗަށް ވެރިވެގެންފިއެވެ. ހަލަބުގެ ކިއްލާތެރޭގައި ވަނީ ލޭގެ ކޯރުހެދިފައެވެ. ޒަޚަމްވެ މަރުވެފައިވާ މީހުންގެ ހަށިތައް އެގޮތްމިގޮތަށް ބިންމައްޗަށް އެޅިފައިވާ މަންޒަރުންވެސް ބަލިކަށި ހިތްތައް ރޫރޫ އަޅައިގަންނާނެއެވެ. އޭރު ދާމިސްގެ ހަށިގަނޑުގައި ޒަޚަމްވެފައިވާ ތަން ހަތްދިހައަށް ވުރެ މައްޗަށް ހިނގައްޖެއެވެ. ހަށިގަނޑުން ފައިބަމުންދާ ލޭގެ ސަބަބުން ކޮޅަށް ހުންނާނެ ވަރެއްނެތި ދޮރާށްޓަށް ލައްވެލައިފިއެވެ. ކަނޑިއުފުލައިލާނެ ވަރެއްވެސް ނެތެވެ. އެހެން މުޖާހިދުން އޭނަގެ ކުރިމައްޗަށް އެރިއެވެ. ހަމަލާދޭނެ ވަރެއް ނެތުމުން ކުރެވުނު ކަމަކީ ދިފާއުކުރުމެވެ. މުޖާހިދުން ޚާލިދުގެ ލަޝްކަރަށް އިންތިޒާރުކުރިޔަސް ޚަބަރެއް ނުވުމުން ޚަބަރުދޭން ފޮނުވި މީހުންނަށް ކަމެއް ދިމާވެގެން ނުދެވުނީ ބާވައޭވެސް ހިތަށް އެރިއެވެ. މިފަހަރު ރޫމީން ހިތްވަރާއެކު މުސްލިމުންނަށް ހަމަލާދިނުމުން އެންމެ ފަހު ވަގުތުކަމުގައި ހީކުރެވުނެވެ.

ނުނިމޭ

comment ކޮމެންޓް