ވައިރަހާއެކު އާމްދަނީ ގެއްލި މި އެންމެން ހުސްއަތާ އެނބުރި ގައުމަށް!

އަނބުރާ ގައުމަށް ފުރުމުގެ ކުރިން އެކަހެރިވާން ދާން ތައްޔާރުވެގެން ގޮސް ހުރި ބިދޭސީއެއް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މެންދުރުގެ ގަދަ އަވީގައި އެމީހުން ބޮޑުތަކުރުފާނު މަގު ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ ހުޅުމާލޭ ބަސް ސްޓޮޕަށް ގްރޫޕު ގްރޫޕަށް އެއްވާން ފަށައިފި އެވެ. ގޮސް ތިބީ "ފޮށި ތަންމަތި ބަނދެގެންނެވެ." މިލްކުގައި ހުރި މުދަލެއް ވިއްޔާ ހިފައިގެންނެވެ. ހަވީރުގެ ފިނި އިހުސާސްކުރެވެން ފެށިއިރު، އެތަން އޮތީ ފުރި ބާރުވެފަ އެވެ. އެއްބައި މީހުން ކިއު ހަދާލައިގެންނެވެ. އެ މީހުން އިންތިޒާރު ކުރަމުން ދިޔައީ، ކައިރިކޮށްފައި ހުރި ބަސްތަކަށް އަރައިގެން އެތަނުން ދެވޭނެ ވަގުތަކަށެވެ. ލިސްޓަކުން އެ މީހުންގެ ވަނަވަރު ބެލުމަށްފަހު، ދަބަސްތަކާއި ފޮށިތައް ބަހަށް އަރުވަމުން ދިޔަ އެވެ. ކިއުގެ ފަހަތުގައި ތިބި މީހުން ތިބީ ތަންކޮޅެއް ހަމަޖެހިލައިގެންނެވެ. އެއްބައި މީހުން ބެންޗުތަކުގައި ޖައްސާލައިގެން ތިބި އިރު އަނެއްބައި މީހުން ރައްޓެހިންނާ އަނގަތަޅާށެވެ.

ހުސް ބަންގްލަދޭޝްގެ މަސައްކަތްތެރިންނެވެ. އެކި ދާއިރާތަކުގައި މަސައްކަތް ކުރި މީހުންނެވެ. މިއަދު އެ މީހުން އެތިބީ ވަޒީފާ ގެއްލިފަ އެވެ. އަނބުރާ ގައުމަށް ދާން ބޭނުންވެފަ އެވެ. އެ މީހުން މިއަދު އެ ގެންދަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ އެކަހެރި ކުރާ ފެސިލިޓީއަށެވެ. އެ މީހުން ފްލައިޓަކަށް އަރުވައި ގައުމަށް ފޮނުވާލާނީ އެތަނުގައި ބޭތިއްބުމަށް ފަހު، ކޮވިޑް ޓެސްޓު ކުރުމަށް ފަހު އެވެ.

އަނބުރާ ގައުމަށް ފުރުމުގެ ކުރިން އެކަހެރިވާން ދާން ތައްޔާރުވެގެން ގޮސް ތިބި ބިދޭސީންތަކެއް ބަސް ކައިރީ ކިއު ހަދައިގެން -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކިއުގެ ފަހަތުގައި އެކަހެރިކޮށް ހުރި، އުމުުރުން 26 އަހަރުގެ ބަތުޝާ ރާއްޖެ އައީ މީގެ ހަތް އަހަރު ކުރިންނެވެ. އޭނާ ރާއްޖެ އައީ އާއިލާގެ ހަރަދުތައް ބަލަހައްޓަން ފައިސާ ހޯދާށެވެ. މިހާރު ރާއްޖޭގައި ނުކުރާ މަސައްކަތެއް މަދުވާނެ ކަމަށް ބުންޏެވެ. ވަޑާންކުރާ ތަންތަނާއި، ކެފޭތަކާއި، ޕްރިންޓު ކުރާތަންތަނުގައި އޭނާ މަސައްކަތް ކުރި އެވެ.

ބަތުޝާގެ އާއިލާއަކީ އޭނާގެ މަންމަ އާއި ބައްޕަަ އަދި އަންހެން ކޮއްކޮއެކެވެ. އޭނާ ކިޔައިދިން ގޮތުގައި ރާއްޖެ އައި ފަހުން އެ މީހުންގެ މޫނު ހަމަ ލޮލުން ނުފެނެ އެވެ. އެ މީހުންނާ ދިމާވަނީ ފޯނުން ގުޅައިގެން ނޫނީ ވީޑިއޯ ކޯލުކޮށްގެންނެވެ. އެހެން ކަމުން ހަތް އަހަރު ފަހުން އެ މީހުންނާ ބައްދަލުވާތީ އޭނާ ހުރީ އުފަލުންނެވެ.

ބަތުޝާ ބުނި ގޮތުގައި އޭނާގެ އާއިލާއިން ހަރަދުތައް ބަަލަހައްޓަނީ މައިގަނޑުގޮތެއްގައި އޭނާ ފޮނުވާ ފައިސާއިންނެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން އޭނާ މަސައްކަތް ކުރަމުން އައި ކުންފުންޏަށް ފައިސާ ނުލިބި ވަޒީފާއިން ވަކި ކުރީ އެވެ. މިހާރު ފައިސާ ލިބޭނެ ގޮތެއް ނެތެވެ.

ގައުމަށް ދާން ބޭނުންވެފައި ހުރި ބަތުޝާ، 26، ސަން އާ ވާހަކަ ދައްކަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

"މިހާރު މަސައްކަތް ނެތީ. އަހަރެން ގޭގައި ހުންނަނީ މަންމަ ބައްޕަ. ކޮންމެވެސް މީހާ ހަވާލު ހުންނަން ޖެހެނީނު،" ބަތުޝާ ބުންޏެވެ.

"މިހާރު ހުންނަނީ ކުޑަ ލާރި އަހަރެން އަތުގައި. ގެއަށް ގޮސްފައި ރަނގަޅަށް މަންމަ ބައްޕަ ޑޮކްޓަރަށް ދައްކަނީ،"

އުމުރުން 25 އަހަރުގެ ނަޒްމޫން މީގެ ފަސް އަހަރު ކުރިން ރާއްޖެ އައީ ރިސޯޓެއްގެ ކާޕެންޓްރީ މަސައްކަތަށެވެ. ކޮވިޑް-19ގެ ސަބަބުން އޭނާގެ ވަޒީފާވެސް ގެއްލުނީ އެވެ. އެހެންވެ މުސާރައެއް ނެތި މާލޭގައި އުޅޭތާ ތިން މަސް ވެއްޖެ ކަމަށް އޭނާ ކިޔައިދިނެވެ.

"މިހާރު ތިން މަސް ވަނީ މާލޭގަ އެއްވެސް މުސާރަ ނުލިބެނީ އަތުން ފައިސާ ދަނީ،" ނަޒްމޫން ކިޔައިދިނެވެ.

ނަޒްމޫން ބުނީ، އަމިއްލަ ހަރަދުގައި އަނބުރާ ގައުމަށް ދާ ނަމަވެސް އެއީ ލައްކަ ހަރަދެއް ކަމަށެވެ. އެގޮތުން ޓިކެޓަށް އެކަނި ހަ ވަރަކަށް ހާސް ރުފިޔާ ދާނެ ކަމަށް އޭނާ ބުންޏެވެ. އެއީ އޭނާ އަތުގައި ނެތް އަދަދެކެވެ.

އަމިއްލަ ހަރަދުގައި ރަށަށް ނުދެވި މާޔޫސްވެފައި ހުއްޓާ މި މަހުގެ 22 ހިސާބުގައި ކަމާ ބެހޭ ފަރާތްތަކުން އޭނާ އުޅޭ ތަނަށް ގޮސް އިނގިލީގެ ނިޝާނާއި، ޕާސްޕޯޓު ނަމްބަރާއި، ފޯނު ނަމްބަރު ފަދަ މައުލޫމާތު ހޯދި ކަމަށް ކިޔައިދިނެވެ. އަދި ފުރަން ތައްޔާރަށް ހުރުމަށް އެންގި ކަމަށް ބުންޏެވެ.

"ފިންގާ ނެގީ، ފޯނު ނަމްބަރު ނެގީ ޕާސްޕާޓު ނެގީ. ނަގާފަ ބުނަނީ ގުޅާނޭ. ފޯނު ނަގާށޭ،" ނަޒްމޫން ކިޔައިދިނެވެ.

އަނބުރާ ގައުމަށް ފުރުމުގެ ކުރިން އެކަހެރިވާން ދާން ތައްޔާރުވެގެން ގޮސް ތިބި ބިދޭސީންތަކެއް ފޮށިތަކާއި ދަބަސްތައް ކައިރީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ނަޒްމޫންގެ އާއިލާގެ ތިބެނީ ފަސް މީހުންނެވެ. އެއީ މަންމަ އާއި ބައްޕައާއި ބޭބެއަކާއި އަންހެން ކޮއްކޮ އެވެ. އިނދަޖެހިގެން ގައުމަށް ދިޔުމުގެ ބަދަލުގައި މާ ބޮޑު ހަރަދަަކާ ނުލައި އާއިލާ ގާތަށް ދެވޭތީ އޭނާވެސް ހުރީ އުފާވެފަ އެވެ.

ކިއުގެ އެންމެ ކުރީގައި މީހުން ބޮނޑުވެެގެން ތިބި ސަރަހައްދުގައި ޝަކީލު، 35، ހުއްޓެވެ. އޭނާވެސް ރާއްޖެ އައީ ރިސޯޓެއްގެ ވަޑާމުގެ މަސައްކަތަށެވެ. މިހާރު އޭނާވެސް ރާއްޖޭގައި އުޅޭތާ ހަތް އަހަރުވެއްޖެ އެވެ. ކޮވިޑްގެ ސަބަބުން އޭނާ މަސައްކަތް ކުރަމުން އައި ކުންފުނިންވެސް މުވައްޒަފުން ވަކި ކުރީ ކަމަށް އޭނާ ކިޔައިދިނެވެ.

"މިހާރު ޖޮބް ގެއްލެނީނު. ސިކްސް މަސް މަސައްކަތް ނެތީ. ކޮމްޕެނީވެސް މުސާރަ ނުދެވެނީ. ދެން ކިހިނެއް ހަދަނީ ކޯންޗެއް ކަނީ؟ ލާރި ގެއްލެނީ،" ޝަކީލު ކިޔައިދިނެވެ.

ގައުމަށް ދާން ބޭނުންވެފައި ހުރި ޝަކީލް، 35، ސަން އާ ވާހަކަ ދައްކަނީ -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮންމެ ދުވަހަކު ކެއުމަށް 100 ވަރަކަށް ރުފިޔާ ދާ ކަމަށް އޭނާ ބުންޏެވެ. އަދި ނިދާ ގެސްޓްހައުސްއަށް ދުވާލަކު 70 ރުފިޔާ ދައްކަން ޖެހެެ އެވެ. އެއީ މަހެއްގެ މައްޗަށް ފަސް ވަރަކަށް ހާސް ރުފިޔާ އެވެ. އޭނާ ބުނި ގޮތުގައި މި ހުރިހާ ދުވަހު އުޅެވުނީ ކުންފުނިން ދިން ކާއެއްޗެއްސާއި، އާއިލާއިން ފޮނުވި ފައިސާގެ އެހީގަ އެވެ.

މިއީ މިފަދަ ދެތިން މީހެއްގެ ވާހަކަ އެވެ. ގޮސް ވާހަކަ ދައްކާލި ކޮންމެ މީހަކުވެސް ބުނީ "މަސައްކަތް ނެތީ" ކަމަށެވެ. ގިނަ މީހުން އެނބުރި އެދަނީ އެތައް އަހަރެއް ވަންދެން ބައްދަލު ނުވެ ތިބި އާއިލާ މީހުން ގާތަށެވެ. މުޅިން އާ ފެށުމަކާ ދިމާލަށެވެ.

comment ކޮމެންޓް