ނުވަ މަޝްރޫއުއަކަށް އިންޑިއާއިން ދޭ 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކު ހަވާލުކޮށްފި

ކޮމިއުނިޓީ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްތަކަށް އިންޑިއާއިން 85 މިލިއަން ރުފިޔާގެ އެހީ ރަމްޒީކޮށް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ އެކި ރަށްރަށުގައި އިންޑިއާގެ އެހީގެ ދަށުން ހިންގާ ކޮމިއުނިޓީ ޑިވޮލޮޕްމަންޓް ޕްރޮޖެކްޓްތަކަށް ދޭ 85 މިލިއަން ރުފިޔާގެ ރަމްޒީ ޗެކު މިއަދު ދިވެހި ސަރުކާރާ ހަވާލުކޮށްފި އެވެ.

މިއަދު ފޮރިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ރަމްޒީ އެހީ ހަވާލުކޮށް ދެއްވީ އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު އެވެ. އަދި އެހީއާ ހަވާލުވެލެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އެ އެހީ ދެނީ އިންޑިއާ އިން ރާއްޖެއާ އެކު ސޮއިކޮށްފައިވާ އެމްއޯޔޫގެ ދަށުން ނުވަ ޕްރޮޖެކްޓަކަށެވެ. އެއީ މިދިޔަ އަހަރު މާޗް މަހު ސޮއިކުރި "އިންޑިއަން ގްރާންޓް އެސިސްޓެންސް ފޯ އިމްޕްލިމެންޓޭޝަން އޮފް ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވޮލޮޕްމަންޓް"ގެ ޕްރޮޖެކްޓްތަކެކެވެ.

އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ، މަރަދޫ އަދި ހުޅުދޫ މީދޫގައި ހަދާ ގޭދޮށު މަސް ފެކްޓްރީ ޕްލާންޓާއި ހއ. ހޯރަފުށީގައި ބިއްލޫރި ފުޅީގައި ފެން އުފައްދާ ޕްލާންޓް ހިމެނެ އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ، މަރަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫގައި ފަތުރުވެރިކަމުގެ ޒޯންތައް ތަރައްގީކުރުން ވެސް އެ ޕްރޮޖެކްޓްތަކުގެ ތެރޭގައި ހިމެނެ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ވެސް މި މަޝްރޫއުތައް ހިންގުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އިންޑިއާ ސަރުކާރުން ދިން ފައިސާއާ ރަމްޒީކޮށް ހަވާލުވެވަޑައިގަތުމުން އެ މަޝްރޫތަކުގެ އަމަލީ މަސައްކަތް އަވަހަށް ފަށަށް އިތުރު ހިތްވަރެއް ލިބޭނެ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އަދި ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު އަދި ފިނޭންސް މިނިސްޓްރީގެ އޮފިޝަލުން ބައިވެރިވި އެވެ.

comment ކޮމެންޓް