ގައުމަށް ދާން އެދުނު 251 ބިދޭސީންނަކީ ވަޒީފާގައި ތިބި ބައެއްތޯ ސާފުކުރަނީ

'ރެގިއުލަރައިޒޭޝަން ޕްރޮގްރާމް' ގެ ދަށުން 'ރެގިއުލަވައިޒްވާން' އެދޭ ބިދޭސިން ދަފްތަރު ގައި ރަޖިސްޓްރީ ވުމަށްޓަކައި ކިޔޫ ނަންބަރު ދޫކުރުން ގަލޮޅު ދަނޑުގައި ކުރިއަށްދަނީ -- ފޮޓޯ؛ އިކޮނޮމިކް މިނިސްޓްރީ

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް ހުޅުވާލި ފުރުސަތުގައި، ގައުމަށް ދާން އެދި ހުށަހަޅާފައިވާ ބައެއް ބިދޭސީންގެ ވަޒީފާގެ ކަންކަން ސާފުކުރަން އިކޮނޮމިކް މިނިސްޓްރީން ލިސްޓެއް އާންމުކޮށްފި އެވެ.

ބަންގްލަދޭޝް ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ފަށާފައިވާ "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމަކީ ސައްހަ އެޕްލޯއިމަންޓް އެޕްރޫވަލްއެއް ނެތި، ގަވާއިދާ ހިލާފަށް، ރާއްޖޭގައި މަސައްކަތްކުރަމުންދާ ބަންގްލަދޭޝަށް ނިސްބަތްވާ ބިދޭސީ ފަރާތްތަކުގެ ތެރެއިން ގައުމަށް އެނބުރި ދިޔުމަށް ބޭނުންވާ ފަރާތްތައް ގައުމަށް ފޮނުވައިދިނުމަށް ފެށި ޕްރޮގްރާމެކެވެ.

އެހެން ނަމަވެސް ގައުމަށް އެނބުރި ދިޔުމަށް އެދި ސައްހަ އެމްޕްލޯއިމަންޓް އެޕްރޫވަލްއެއްގައި ތިބި ގިނަ ބިދޭސީ ފަރާތްތަކަކުން ވެސް ހުށަހަޅަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިއަދު ބުނެފަ އެވެ.

މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ އެފަދަ ފަރާތްތަކުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅަމުން ދަނީ، ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތްތަކުގެ ވަޒީފާތަކުގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް ކަމަށެވެ.

އެގޮތުން، އެ އިއުލާނާއި އެކު އިކޮނޮމިކް މިނިސްޓްރީން ވަނީ 251 ބިދޭސީންގެ ލިސްޓެއް ވެސް އާންމުކޮށްފަ އެވެ. މިނިސްޓްރީން ބުނީ އެ ލިސްޓުގައިވާ ބިދޭސީ ފަރާތްތަކަކީ ސައްހަ އެމްޕްލޯއިމެންޓް އެޕްރޫވަލްއެއްގައި ތިބި ނަމަވެސް އެ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މިވަގުތު މަސައްކަތްކުރަމުންދާ ފަރާތްތަކެއް ނޫންކަމުގައި ބަޔާންކޮށް، "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް އެނބުރި ދިޔުމަށް އެދި ހުށަހަޅާފައިވާ ބިދޭސީން ކަމަށެވެ.

އެހެންކަމުން އެ ލިސްޓްގައި ހިމެނޭ ބިދޭސީ ފަރާތްތަކަކީ އެމްޕްލޯއިމެންޓް އެޕްރޫވަލް ދޫކުރެވިފައިވާ ވަޒީފާ ދޭ ފަރާތުގެ ވަޒީފާގައި މަސައްކަތްކުރަމުންދާ ފަރާތްތަކެއް ކަމުގައިވާ ނަމަ، އެކަން ބަޔާންކޮށް އޯގަސްޓް ފަހެއްވާ ބުދަ ދުވަހުގެ 14:00ގެ ކުރިން [email protected] އަށް އީމެލް މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އަންގައިފަ އެވެ.

އީމެއިލްގައި ބިދޭސީ ފަރާތުގެ ފުރިހަމަ ނަމާއި، ޕާސްޕޯޓު ނަންބަރާއި އަދި ވަޒީފާ ދޭ ފަރާތުގެ މައުލޫމާތު ހިމަނަން ޖެހޭނެ އެވެ.

އެ މުއްދަތުގައި، އެ ލިސްޓުގައި ހިމެނޭ ބިދޭސީންގެ ތެރެއިން ވަޒީފާ ދޭ ފަރާތުން މިނިސްޓްރީއަށް އަންގާފައި ނުވާ، ބިދޭސީ ފަރާތްތައް "ވޮލަންޓްރީ ރެޕަޓްރިއޭޝަން" ޕްރޮގްރާމްގެ ދަށުން ގައުމަށް ފޮނުވާލާނެ ކަމަށް ވެސް އިއުލާނުގައިވެއެވެ.

އަމިއްލަ ގައުމަށް ދާން ބޭނުންވާ ބިދޭސީންގެ އަތުގައި މުއްދަތު ހަމަނުވާ ޕާސްޕޯޓެއް އޮވެ، އެއްވެސް ސަބަބަކާއި ހުރެ ރާއްޖެއިން ފުރައިގެން ދިއުމުން މަނާކުރެވިފައި ނުވާނަމަ، 24 ޖުލައި 2020 އިން ފެށިގެން 31 ޑިސެމްބަރުގެ ނިޔަލަށް ރާއްޖެއިން ފުރައިގެން ދިއުމުގެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފަ އެވެ.

އެމީހުންނަށް ރާއްޖެއިން ފުރައިގެން ދެވޭނީ، އެކަމަށް އެދޭ ފޯމު (IM07) ފުރިހަމަކޮށް، މުއްދަތު ހަމަނުވާ ޕާސްޕޯޓާއި އެކުގައި އެއާޕޯޓް އިމިގްރޭޝަން ހުށަހެޅުމުންނެވެ. އެ ފޯމު އިމިގްރޭޝަންގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.

ޕާސްޕޯޓުގެ މުއްދަތު ހަމަވެފަވާ ފަރާތްތަކާއި ޓްރެވަލް ޑޮކިއުމަންޓް ހައްދައިގެން ރާއްޖެއިން ފުރާ ފަރާތްތަކަށް ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ، އިމިގްރޭޝަންގެ މޮނިޓަރިން ސެކްޝަން އިން ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 08:30 އިން 11:30 އަށް ކަމަށް ވެސް އިއުލާނުގައިވެއެވެ.

comment ކޮމެންޓް