ސިޔާސީ އެއްވެސް ޕޯސްޓަކަށް ލައިކެއް ނުދެން: ދާވޫދު

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެއްގައި ދާވޫދު ވާހަކަ ދައްކަވަނީ: ސިޔާސީ ޕޯސްޓަކަށް ލައިކް ދިން ކަަމަށް ބުނާ ވާހަކަ އޭނާ ދޮގު ކުރޭ --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސިޔާސީ އެއްވެސް ޕޯސްޓަކަށް ލައިކެއް ނުދޭ ކަމަށް ސްޕްރިޑެންޓް އޮފް ޕޮލިސް މުހައްމަދު ދާވޫދު ވިދާޅުވެއްޖެ އެވެ.

ދާވޫދު މިހެން ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ އެޑްވައިޒަރު އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ކުރެއްވި ސިޔާސީ ޓްވީޓަކަށް ލައިކް ދިން ކަމަށް ބުނާ ސްކްރީންޝޮޓްތައް ދައުރުވެ، އެކަން ބައެއް މީޑިއާތަކުގައި ރިޕޯޓުކުރުމުންނެވެ.

ނަމަވެސް ދާވޫދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އެ ވާހަކަ ދޮގު ކުރައްވާފަ އެވެ. އޭނާ ވިދާޅުވީ، ސޯޝަލް މީޑިޔާގައި ސިޔާސީ އެއްވެސް ޕޯސްޓަކަށް އޭނާ ކޮމެންޓްކޮށް އަދި ލައިކް ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑަށް އެނގިގެން މިފަދަ ނާތަހުޒީބު އެއްވެސް އަމަލެއްކޮށްފައިނުވާނެއެވެ. އަޅުގަނޑު ކޮށްގެން ހުރި ފުލުހުންގެ ހުވަޔާއި ހިލާފުވާނެ ފަދަ އެއްވެސް ޢަމަލެއް އަޅުގަނޑު ނުކުރާނަމެވެ." ދާއޫދު ވިދާޅުވި އެވެ.

ދާއޫދު ލައިކް ދިން ކަމަށް ބުނާ ސިޔާސީ ޕޯސްޓަކީ، މި ސަރުކާރަށް ފާޑުކިޔައި، ޖަމީލް ކުރެއްވި ޓްވީޓެކެވެ. އެ ޓްވީޓްގައި ޖަމީލް ވިދާޅުވީ، ގައުމުގެ ހުރިހާ ކަމެއް ބޮއްސުން ލައިފި ކަމަށާއި އިދިކޮޅު ލީޑަރު ޖަލަށްލީ މުޑުދާރުކޮށް ޖުޑިޝަރީއަށް ނުފޫޒު ފޯރުވައިގެން ކަމަށެވެ. އަދި މިހާރު ސަރުކާރު އަމާޒަކީ، މިނިވަންކަން ވިއްކާލަން ކަމަށާއި އިދިކޮޅުގެ މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ޓްވީޓްގައި ޖަމީލް ވިދާޅުވެ އެވެ.

"އިރާދަކުރެއްވިއްޔާ ނަތީޖާ ފޮނިވާނެ. ހިލާ ޤައުމް ވިއްކައެއް ނުލެވޭނެ. ކުރިންވެސް ނިމިދިޔައީ ގަދަބަސް ބުނަނިކޮށް" ދާވޫދު ލައިކް ދިން ކަމަށް ބުނާ ޓްވީޓްގައި ޖަމީލް ވިދާޅުވެފައިވެ އެވެ.

ދާއޫދު އެ ޓްވީޓަށް ލައިކް ކުރި ކަމަށް ބުނެ ޝޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ކަންބޮޑުވުންވެސް ފާޅު ކުރި އެވެ. އެގޮތުން، ފުލުހުންގެ ވަޒީފާގައި ހުރި އަދި ހާއްސަކޮށް، ފުލުހުންގެ އިސް މަގާމެއްގައި ހުންނެވި ބޭފުޅަކު އެފަދަ ސިޔާސީ ޓްވީޓަކަށް ތާއީދު ކުރެއްވުމަކީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާވެސް ހިލާފު ކަމެއް ކަމަށް ޝޯޝަލް މީޑިއާގައި ބައެއް މީހުން ހިޔާލުފާޅުކޮށްފައިވެ އެވެ.

comment ކޮމެންޓް