މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދީ، ނޫސްވެރިންނަށް ހުރަސް ނޭޅުމަށް ގޮވާލައިފި

ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސް ކޮށްފި އެވެ.

ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަންކަން މެދުވެރިވިޔަ ނުދިނުމަށް އިލްތިމާސްކޮށް އެ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނޫސްވެރިކަމުގެ މަސައްކަތްކުރުމުގެ ފުރުސަތު ހުރިހާ މީޑިއާތަކަށާއި އެ މީޑިއާތަކުގެ ނޫސްވެރިންނަށް ވެސް ލިބޭކަން ޔަގީން ކުރުމަކީ އެ ކައުންސިލްގެ ގާނޫނީ ޒިންމާއެއް ކަމަށެވެ.

މީގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ވެސް އަދި އެހެނިހެން އިދާރާތަކުން ވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅޭ ފަދަ ކަމެއްކުރުމަކީ އެ ކައުންސިލުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

އެމްއެމްސީން ބުނީ ފަހަކަށް އައިސް ރާއްޖޭގައި ބާއްވާ އެއްވުންތަކާއި މުޒާހަރާތަކާއި އެނޫންވެސް އެފަދަ ބައެއް ހަރަކާތްތައް ކަވަރުކުރުމުގައި ނޫސްވެރިންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ބ. ބޮޑުފިނޮޅުގައި މި މަހުގެ ދެވަނަ ދުވަހު ހިނގި ހަމަނުޖެހުންތަކާ ގުޅިގެން، އެކަމުގެ މައުލޫމާތު ކަވަރުކުރުމަށް ފުލުހުން މީޑިއާތަކަށް ފުރުސަތު ދިނުމުގައި ހަމަހަމަ އުސޫލެއް ގެންގުޅެފައި ނުވާކަން އެމްއެމްސީން ވަނީ ހިތާމައާއެކު ފާހަގަކޮށްފަ އެވެ.

ހަމައެއާއެކު މިމަހުގެ 26 ވަނަ ދުވަހު މާލޭގެ ބައެއް މަގުތަކުގައި އިދިކޮޅު ސިޔާސީ ފަރާތްތަކުން ބޭއްވި މުޒާހަރާ ކަވަރުކުރުމުގައި ހަރަކާތްތެރިވި ނޫސްވެރިންނަށްވެސް ފުލުހުންގެ ފަރާތުން ހުރަސްތައް ކުރިމަތިވެފައިވާކަމުގެ ޝަކުވާ ކައުންސިލުގެ މެމްބަރުންނަށް ލިބިފައިިވާ ކަމަށް ބަޔާނުގައިވެ އެވެ.

އެގޮތުން މުޒާހަރާގެ މަންޒަރު ނުފެންނަ ހިސާބަށް ނޫސްވެރިން ދުރަށް ޖެއްސުމާއި، އެނޫންވެސް މުޒާހަރާގައި ހިނގަމުންދާ ކަންކަން ކަވަރުކުރަން ހުރަސް އެޅޭ ފަދަ ބައެއް ކަންކަން ފުލުހުންގެ ފަރާތުން ކުރިމަތިވެފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް އެމްއެމްސީން ބުންޏެވެ.

ނަމަވެސް މީޑިއާގެ މަސައްކަތަށް ހުރަސްއެޅުމަކީ ފުލުހުންނަށް ނުކުރެވޭނެ ކަމެއް ކަމަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަން ކަމުގެ ގާނޫނުގައި ބަޔާންކޮށްފައިވާކަން އެމްއެމްސީން ވަނީ ފާހަގަކޮށްފަ އެވެ.

"އެހެންކަމުން، ރައްޔިތުންނަށް އެންމެ ސައްހަ މައުލޫމާތު ލިބިދިނުމަށްޓަކައި، ގައުމުގައި ހިނގާ މުހިންމު ކަންތައްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި މީޑިއާތަކަށް ހަމަހަމަ ފުރުސަތު ދިނުމަށާއި މީޑިއާއާއި ނޫސްވެރިންގެ މަސައްކަތަށް ހުރަސްނޭޅޭ ފަދަ ގޮތަކަށް ކަންކަން އިންތިޒާމުކުރުމަށް ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް
އިލްތިމާސްކުރަމެވެ." މީޑިއާ ކައުންސިލްގެ ބަޔާނުގައިވެ އެވެ.

ހަމައެއާއެކު މި ދަނޑިވަޅުގައި ރާއްޖޭގެ ހުރިހާ މީޑިއާތަކާއި ނޫސްވެރިންވެސް، ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ލިބިދޭ މިފަދަ ކަންކަން ކަވަރުކުރުމުގެ ހައްގު ކަށަވަރުކޮށްދިނުމަށް ވެސް އެމްއެމްސީން ވަނީ ހަނދާންކޮށްދީފަ އެވެ.

މީގެ އިތުރަށް މުޒާހަރާތައް ކަވަރުކުރަން ނުކުންނަ ނޫސްވެރިން ވެސް އެ ގާނޫނުގެ ދަށުން މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ހަދާފައިވާ އެއްވުމާ ގުޅޭގޮތުން ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މަސައްކަތަށް ނުކުތުމަށް ވަނީ ހަނދާންކޮށްދީފަ އެވެ.

އެ ގަވާއިދުގެ ދަށުން ބްރޯޑްކޮމް އިން ދޫކުރާ ހާއްސަ ފާސް
އަޅައިގެން މުޒާހަރާތަކާއި އެއްވުންތައް ކަވަރުކުރުމަށް ވެސް އެމްއެމްސީން ވަނީ ނޫސްވެރިންނަށް އިލްތިމާސްކޮށްފަ އެވެ.

comment ކޮމެންޓް