އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު އުޅުއްވަނީ ޕީޕީއެމްގެ މެމްބަރުން ބިރުގަންނަވަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަ ދައްކަވަނީ އިދިކޮޅު ސިޔާސީ ޕާޓީގައި ހަރަކާތްތެރިވާ ފަރާތްތައް ބިރުގަންނަވަން ކަމަށެވެ.
"އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސްކަން ދެއްވާފައި މިހުރީ ކޮންފަދަ ބޮޑެތި ވައްކަން ތަކުގެ ތުހުމަތު އެޅިފައި ހުރި ބޭފުޅެއް ބާވޭ. ކޮން ނަޒާހަތްތެރިކަމެއް އެ ބޭފުޅެއްގެ އޮންނާނީ،" ޝިޔާމް ވިދާޅުވިއެވެ.
އެއާއެކު ޝިޔާމް ވަނީ އަސްއަދާ ދެކޮޅަށް ތަފާތު ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓްރަކަށް ހުންނެވިއިރު އަސްއަދު ވަނީ ކީރިތި ގުރުއާން ޗާޕްކުރަން ދިނުމުގައި ވައްކަން ކޮށްފައި ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
"ކޯއްޗަކުންތޯ ވައްކަން ނުކުރާނީ. ޗާޕްކުރަން ދިން ފަރާތަކަށް 150،000 ކޮޕީ ޗާޕްކުރަން ދިން. ދެން އިސްލާމިކް މިނިސްޓްރީއިން އެ އަދަދު ހަމަނުވާކަމަށް ބުނެފައި އޮއްވާ ޗާޕްކުރާ ފަރާތަށް ދިނީ 30 މިލިއަން ރުފިޔާ. އެއޮތީ އޭސީސީ ރިޕޯޓުގައި އެވާހަކަ،" ޝިޔާމް ވިދާޅުވިއެވެ.
އަސްއަދު ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނަވައި ރާއްޖޭގެ ކުންފުނިތައް އުފެއްދި ކެޕިޓަލް ހަރަދުގެ ގޮތުގައި 199 މިލިއަން ރުފިޔާ ހަރަދުކޮށްފައި އޮތް ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ ކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެއީ އޮޅުވާލުމެއް ކަމަށާއި 199 މިލިއަން ރުފިޔާ ހަރަދުކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ދައްކަނީ އެއް މިލިއަން ދެ މިލިއަން ރުފިޔާއެއްގެ ވާހަކައެއް ނޫން،" ޝިޔާމް ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ ލިސްޓު މިހާތަނަށްވެސް އާންމެއް ނުކުރެ އެވެ. ކޮމިޝަނުގެ ރައީސް އަސްއަދު ވިދާޅުވީ އެމީހުންގެ ނަންތައް އެނގޭނީ ދައުވާ ކުރުމުން ކަމަށެވެ. އެހެންނަމަވެސް ހިޔާނާތުގެ ފައިސާގައި ޖެހުނު މީހުންގެ އަދަދު 300 އަށް އަރާ ކަމަށް އަސްއަދު ވަނީ ކުރިން ވިދާޅުވެފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފަސް މައްސަލައެއްގައި ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށް ވެސް އަސްއަދު ވަނީ ވިދާޅުވެފައެވެ.