އެމްޑީއެން އާއި އުތެމައާ ދެކޮޅަށް ފިޔަވަޅު އަޅަން ގޮވާލައިފި

މަދަނީ ޖަމިއްޔާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން---

އިސްލާމްދީނާށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަދި އުތެމަ ޖަމިއްޔާއާ ދެކޮޅަށް ވަގުތުން ވަގުތަށް ފިޔަވަޅުއެޅުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލައިފި އެވެ.

އިސްލާމްދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް އެމްޑީއެން އިން ރިޕޯޓް ނެރުމުން ޔޫތު މިނިސްޓްރީން ވަނީ އެ ޖަމްއިއްޔާ އުވާލައިފަ އެވެ. ނަމަވެސް އެ ޖަމްއިއްޔާގެ ނަމުގައި ބަޔާންތައް އަންނަނީ ނެރެމުންނެވެ.

އަދި އެ ރިޕޯޓު ނެރުމުގައި ބައިވެރިވި އެއްވެސް ބަޔަކަށް ފިޔަވަޅު އަޅާފައި ނުވާ ކަމަށް ބުނެ، ބައެއް ދީނީ އިލްމުވެރިންނާއި އިދިކޮޅު ސިޔާސީ ޕާޓީތަކުން އަންނަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ.

އެމްޑީއެންގެ ރިޕޯޓްގެ ބައެއް ކަންކަމަށް އުތެމަ ޖަމިއްޔާ އިން ވަނީ ތާއީދުކޮށްފަ އެވެ.

މަދަނީ ޖަމިއްޔާތައް ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަދަނީ ޖަމިއްޔާތައް ތަމްސީލްކުރައްވާ ރައްޔިތުންގެ އިއްތިހާދުގެ ރައީސް އިބްރާހިމް މުހައްމަދު ވަނީ އުތެމައާ މެދު ފިޔަވަޅު އަޅާފައިނުވާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.

"އަޅުގަނޑުމެންނަށް މި ބައްދަލުވުން ބާއްވަން ޖެހުނީ އެމްޑީއެން މިޖަމިއްޔާ އުވާލުމަށްފަހު ވެސް އަޅުގަނޑުމެންނަށް އަޑުއިވިގެން މިދިޔައީ އުތެމަ ނަމަކަށް ކިޔާ ޖަމިއްޔާއަކުން އެމްޑީއެންގެ އެ ރިޕޯޓް ދިފާއުކޮށް އޭގައި ހުރި ރާއްޖޭގެ ގާނޫނޫތަކާއި ގަވައިދުތަކާ ފުށައަރާ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުވާ މާއްދާތަކަށް ބާރުދީ އަދި އެކަން ރާއްޖޭގައި ތަންފީޒުކުރުމަށް ބާރުއަޅާ ރިޕޯޓެއްގެ އަޑު އަޅުގަނޑުމެންނަށް އިވިގެން މިދިޔައީ،" ދީނީ އިލްމުވެރިންގެ ނަމުގައި ދެތިން ބޭފުޅަކު ބައިވެރިވި ނޫސްކޮންފަރެންސުގައި އިބްރާހިމް ވިދާޅުވި އެވެ.

ސްވިޒަލެންޑްގެ ޖެނީވާގައި އޮންނަ ސިންޑޯ ކޮމެޓީގެ 77 ބައްދަލުވުމަށް އެ ރިޕޯޓް އުތެމައިން ވަނީ ހުށަހަޅައިފަ އެވެ.

އެ ރިޕޯޓަށް އިޝާރާތްކޮށް އިބްރާހިމް ވިދާޅުވީ އުތެމައިގެ ރިޕޯޓްގައި ރާއްޖޭގައި ފައްޅި އެޅުމަށާއި އެހެން ދީންތަކަށް ޖާގަދީ ޒިނޭގެ ހައްދު ގާނޫނީ އުގޫބާތުން އުނިކުރަން ގޮވާލައިފައިވާ ކަމަށެވެ.

ރާއްޖޭގެ ގާނޫނު އަސާސީގެ މައިގަނޑު މަސްދަރަކީ އިސްލާމް ދީންކަމަށް ވެފައި އިސްލާމްދީން ހިމާޔަތްކޮށް ގާނޫނު އަސާސީން ލިބިދޭން ޖެހޭ ހިމާޔަތް ކަށަވަރުކުރުމަށް ޓަކައި ވަކި ވުޒާރާއެއް ހުރިކަން އޭނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

"ރާއްޖޭގައި އިސްލާމީ ޝަރީއަތްތަކާ އިސްލާމީ ގާނޫނުތަކާ ފުށޫއަރާގޮތަށް އެއްވެސް ބަޔަކު އެއްވެސް ނަމެއްގައި އުފުލައިފިއްޔާ ދިވެހިންގެ ވަހުދަތު ގެއްލި ހަލާކުވެގެން ހިނގައިދާނެކަން. އެކަންބޮޑުވުން އަޅުގަނޑުމެންގެ އޮތުމާއެކު އަޅުގަނޑުމެން ދިވެހި ސަރުކާރަށް ގޮވާލަން ބޭނުން ވަނީ އެމްޑީއެން އަދި އުތެމައިގެ މުވައްސިސުންނަށް ގާނޫނީ ފިޔަވަޅު އަޅުއްވައިދެއްވާށޭ. މިހާރުން މިހާރަށް އެބޭފުޅުންގެ މައްޗަށް ކުރެވެން ހުރި ދައުވާތައް ކުރައްވާ ގާނޫނީ އިޖުރާތްތަކެއް ފުރިހަމަކުރައްވާށޭ،" އިބްރާހިމް ވިދާޅުވި އެވެ.

އެހެންނޫންނަމަ އެކަން ވަގެން ދާނީ ވަގަކު ދަބަހެއް ވަގަށް ނެގުމުން ދަބަސް ނެގުމަށް ފަހު ވަގުމީހާ ދޫކޮށްލުން ފަދަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް