މުޒާޙާރާ ކުރީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އިންސާފަށް ބިރުން: އަނދުން ހުސައިން

ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް

ރޭ މާލޭގައި ބޭއްވި މުޒާހަރާއަކީ، އެމްއެމްޕީއާރުސީގެ ހިޔާނަތުގައި ހިމެނޭ ބައިވެރިން އިންސާފަށް ބިރުން ބޭއްވި މުޒާހަރާއެއް ކަމަށް އެމްޑީޕީ ޕާލިމަންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާ މެމްބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ވިދާޅުވެއްޖެ އެވެ.

ރޭ ކުއްލި ގޮތަށް ޕީޕީއެމް،ޕީއެންސީގެ ލީޑާޝިޕުން ބައިވެރިވެގެން ކުއްލި ގޮތަކަށް ޗާންދަނީ މަގު ހަތަރު އަނގޮޅި ކަންމައްޗަށް އެއްވެ، ފުލުހުންގެ ސަފުތައް ފޫަޅުވާލައި، މާލޭ މަގުތަކުގައި ވަނީ މުޒާހަރާ ކޮށްފަ އެވެ. ނަމަވެސް މި އެއްވުމަކީ، އެ ކޯލިޝަނުން ރަސްމީކޮށް އިއުލާންކޮށްގެން ބޭއްވި މުޒާހަރާއެއް ނޫނެވެ.

އަދުން ހުސައިން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާލުވީ، ޕީޕީއެމް،ޕީއެންސީގެ މެމްބަރުން ނުލާ ރޭ ބޭއްވި މުޒާހަރާއަކީ، އެސެޓް ރިކަވަރީ ކޮމިޝަންގެ ރިޕޯޓުގައި ހިމެނޭ "މުޖުރިމުން" އިންސާފަށް ބިރުން ކުރި މުޒާހަރާއެއް ކަމަށެވެ.

"[އެއީ] މުޖުރިމުން އިންސާފަށް ބިރުން ކުރި މުޒާހަރާއެއް. ތެޅުނު ވަރަކަށް ދާނީ ހުޅުނބު. ވަގުން ހިފާ ހައްޔަރު ކުރާނެ،" އަނދުން ހުސައިން ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަތައް ބެލުމަށް އުފެއްދި އެސެޓް ރިކަވަރީ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ، ހިޔާނާތުގެ ތަހުގީގާ ގުޅޭ ރިޕޯޓެއް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް އަރުވައިފަ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި، ކުރިއަށް އޮތް މަދު ހަފްތާތަކެއްގެ ތެރޭ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ތުހުމަތު ކުރެވޭ ފަސް ފަރާތަކަށް ދައުވާ ކުރަން ފޮނުވޭނެ އެވެ.

ރޭގެ މުޒާހަރާގައި އިދިކޮޅު ކޯލިޝަންނާ މިވަގުތު ހިންގެވުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބދުﷲ އާއި، ދެ ޕާޓީގެ މަޖިލިސް މެމްބަރުން އަދި ނައިބު ރައީސުން ވެސް ބައިވެރިވި އެވެ. މީގެ އިތުރުން މިދިޔަ ދައުރުގައި މަޖިލިސް މެމްބަރުކަން ކުރެއްވި ފަރާތްތަކުން ވެސް ބައިވެރިވެފައިވެ އެވެ. މުޒާހާރާގައި ބޮޑަށް ގޮވާލީ، ސަރުކާރުގެ އިސްތިއުފާ އަށެވެ.

comment ކޮމެންޓް