ފީވަކު ބަނދަރުގެ 52 ޕަސެންޓު ނިންމާލައިފި

ފީވަކު ބަނދަރުގެ މަސައްކަތް ކުރިއަށްދަނީ -- ފޮޓޯ/ އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ކުރިއަށް ގެންދާ ށ. ފީވަކު ބަނދަރު ޑިޒައިން ކުރުމާއި ބަނދަރު ފުންކުރުމު މަޝްރޫއުގެ 52 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެ ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ.

އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުގެ ދަށުން ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތުގެ 88 ޕަސެންޓް ނިންމައި ބޭރުތޮށިލުމުގެ މަސައްކަތުގެ 66 ޕަސެންޓް ނިމިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން 55،163 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 474 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރާނެ އެވެ.

އަދި 356 މީޓަރު ސަރަހައްދެއްގެ ބޭރުތޮށިލުމާއި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 2،320 ސްކުއެއާ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތިއާއި ނެރު ބައްތި ޖެހުމުގެ މަސައްކަތް ވެސް މަޝްރޫއުގެ ތެރޭގައި ހިމެނެ އެވެ.

ޖުމްލަ 69.3 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫއު ހަވާލުކޮށްފައި ވަނީ 390 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

comment ކޮމެންޓް