ވިދިވިދިގެން 9 ވަނަ ފަހަރަށް ޔުވެންޓަސް ލީގު ކާމިޔާބު ކޮށްފި

އިޓާލިއަން ލީގުގެ ތަށި ޔަގީންގުމާ އެކު ޔުވެންޓަސްގެ ކުޅުންތެރިން އުފާފާޅު ކުރަނީ --- ފޮޓޯ/ލައިވްސްކޯ

އިޓާލިއަން ލީގުގައި ބާކީ ދެ މެޗު އޮއްވާ ސަމްޕްޑޯރިއާ ބަލިކޮށް ޔުވެންޓަސްއިން އިޓާލިއަން ލީގުގެ ޗެމްޕިއަންކަން ވިދިވިދިގެން ނުވަ ވަނަ ފަހަރަށް ކާމިޔާބުކޮށްފި އެވެ.

ޔުވެންޓަސްގެ އަމިއްލަ ސްޓޭޑިއަމުގައި ރޭ ކުޅުނު އެ މެޗުން ސަމްޑޯރިއާގެ މައްޗަށް އެ ޓީމުން ކުރި ހޯދީ 0-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ޔުވެންޓަސް ލީގު ޗެމްޕިއަންކަން ކަށަވަރުކުރީ ކުޅުނު 36 މެޗުން 83 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް އިންޓަ މިލާނަށް 36 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެޓަލާންޓާއަށް 36 މެޗުން ލިބިފައިވަނީ 75 ޕޮއިންޓެވެ.

މިފަހަރުގެ ލީގު ތަށްޓާއެކު ޔޫރަޕުގެ ގަދަ ފަސް ލީގުގެ ތާރީހުގައި ވެސް ޖެހި ޖެހިގެން އެންމެ ގިނަ ފަހަރަށް ލީގު ކާމިޔާބުކުރުމުގެ ޝަރަފު ޔުވެންޓަސްއަށް ވަނީ ލިބިފަ އެވެ. ޔުވެންޓަސްއާ ދެން އެންމެ ގާތުން ވާދަކުރާ ބަޔާން މިއުނިކުން ވަނީ މި ސީޒަނުގެ ޖަރުމަން ލީގު ކާމިޔާބުކޮށް ޖެހިޖެހިގެން އަށްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

މި މެޗުގެ ލީޑް ޔުވެންޓަސްއިން ނެގީ ހިލޭ ޖެހުމަކުން މިރަލެމް ޕިޔަނިޗް ފަހި ކޮށްދިން ހުސް ފުރުސަތެއްގެ ބޭނުން ހިފައިގެން ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. މިއީ އޭނާ މި ސީޒަނުގައި ޖެހި 31 ވަނަ ލީގު ގޯލެވެ. އޭނާ މި ލަނޑު ކާމިޔާބު ކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ރޮނާލްޑޯއަށް ވުރެން ހަމައެކަނި އިތުރަށް މިފަހަރުގެ އިޓާލިއަން ލީގުގައި ޖަހާފައިވަނީ ލާޒިއޯގެ ފޯވާޑް ޗީރޯ އިމޮބިލޭ އެވެ. އޭނާ ވަނީ 34 ގޯލު މި ސީޒަނުގައި ޖަހައިފަ އެވެ.

ރޭގެ މެޗުގެ 67 ވަނަ މިނެޓުގައި ޔުވެންޓަސްގެ ލީޑު ފުޅާ ކޮށްދިނީ ފެޑަރީކޯ ބެނާޑެޝީ އެވެ. އެ މެޗުގެ މެޗުގެ 77 ވަނަ މިނެޓުގައި ސަމްޕްޑޯރިއާގެ މޯޓެން ތޯސްބީއަށް ވަނީ ރަތްކާޑެއް ދައްކައިފަ އެވެ.

comment ކޮމެންޓް