ފަހު މެޗުތަކުން މޮޅުވެ ޔުނައިޓެޑާއި ޗެލްސީ ޗެމްޕިއަންސް ލީގަށް

ލެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓު ބައްދަލު ކުރި މެޗްގެ ތެރެއިން---- ފޮޓޯ/ލައިވްސްކޯ

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު ހަފުތާގެ މެޗުތައް ރޭ ކުޅުނު އިރު އެ މެޗުތަކުން ހޯދި މޮޅާ އެކު މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ ގަދަ ހަތަރަކުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުތަކަށް ނުކުން އިރު އެއްވަނައިގައި އޮތް ލިވަޕޫލާއި، ރަނަރަޕް މެންޗެސްޓާ ސިޓީ ފިޔަވައި އެހެން އެއްވެސް ޓީމަކަށް ޔޫރޮޕުގެ ޖާގައެއް އޮތީ ކަށަވަރު ނުވެ އެވެ. އެހެން އެކަން އޮއްވާ މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ ތިންވަނައާ އެކު ޗެމްޕިއަންްސް ލީގުގެ ޖާގައެއް ހޯދީ ފަސްވަނައިގައި ލީގު ނިންމާލި ލެސްޓާ ސިޓީ ބަލިކޮށްގެންނެވެ.

ލެސްޓާގެ އަމިއްލަ ދަނޑުގައި 2-0 އިން ބަލިކޮށް، 66 ޕޮއިންޓާ އެކު ލަނޑުގެ ތަފާތުން ޔުނައިޓެޑް އެ މަގާމު ހޯދި އިރު ޗެލްސީ ޗެމްޕިއަންސް ލީގުގެ ފަހު ޖާގަ ހޯދީ ވުލްސް 2-0 އިން ބަލިކޮށް 66 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ ހޯޯދައިގެންނެވެ.

ޔުނައިޓެޑުން މޮޅުވި މެޗުގެ ފުރަތަމަ ގޯލު ލިބުނު ޕެނަލްޓީއަކުން 71 ވަނަ މިނެޓުގައި ޖެހީ ބްރޫނޯ ފެނާންޑޭސް އެވެ. ޖެނުއަރީ މަހު ޔުނައިޓެޑާ ގުޅުމަށް ފަހު މުޅި ޓީމަށް ދިރުން ގެނެސްދިން ފެނާންޑޭސްގެ ޕެނަލްޓީއަށް ފަހު މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑަށް ލީޑު ފުޅާކޮށްދިން ގޯލު ޖަހައިދިނީ ޖެސީ ލިންގާޑެވެ.

މީގެ އިތުރުން ޗެލްސީ ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ވުލްސް އަތުން މޮޅުވި އިރު ގޯލްތައް ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ މޭސަން މައުންޓާއި އޮލިވާ ޖިރޫ އެވެ. ޖިރޫގެ ލަނޑު ޖަހަން އެސިސްޓްކޮށްދިނީ މައުންޓެވެ.

ރޭގެ މެޗުގެ ބައްޔާ އެކު ލަނޑުގެ ތަފާތުން ވުލްސް ވަނީ ތާވަލުގެ ހަތްވަނައަށް ވެއްޓި ލީގުން ލިބޭ ޔޫރޮޕުގެ ޖާގަ ގެއްލިފަ އެވެ. އެހެން ނަމަވެސް މިފަހަރުގެ ޔޫރޮޕާ ލީގު ކާމިޔާބުކޮށް އަދި ވެސް އެ ޓީމަށް ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭނެ އެވެ.

ޕްރިމިއާ ލީގުގެ ކުޅުން ނިމުނުއިރު އިނގިރޭސި ފުޓްބޯޅައިގެ ސީޒަން ނިމޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހު ޗެލްސީ އާއި އާސެނަލް ވާދަކުރާ އެފްއޭ ކަޕްގެ ފައިނަލަށް ފަހު އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން ފެށުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހު އެވެ.

އެ މެޗުން އާސެނަލް އަތުން ޗެލްސީ މޮޅުވެއްޖެ ނަމަ ޗެލްސީން ޔޫރަޕުގެ ޖާގައެއް ކަށަވަރުކޮށްފައިވާތީވެ އެފްއޭ ކަޕް ޗެމްޕިއަނުންނަށްދޭ ޔުރޮޕާ ލީގުގެ ޖާގަ، ދެން ލިބޭނީ ހަތްވަނާގައި އޮތް ވުލްވްސްއަށެވެ.

comment ކޮމެންޓް