ރާއްޖޭގެ ކުއާޓާލީ ޖީޑީޕީ ދަށްވެ އިގްްތިސޯދަށް ހީނަރުކަން

ވީއައިއޭގައި ފަތުރުވެރިންތަކެއް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މިދިޔަ އަހަރުގެ ފުރަތަމަ ކުުއާޓަރާ އަޅާވަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރާއްޖޭގެ ކުއާޓަލީ ޖީޑީޕީ 5.9 ޕަސެންޓް ދަށްވެފައިވާ ކަމަށް ނޭޝަނަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސް (އެންބީއެސް) އިން އާންމުކޮށްފައިވާ ކުއާޓަލީ ނެޝަނަލް އެކައުންޓްސްގައި ބުނެފިއެވެ.

އެ އިދާރާއިން އިއްޔެ އާންމުކުރި މި ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ރިއަލް ކުއާޓާލީ ޖީޑީޕީ ހުރީ މާކެޓް ޕްރައިޒް 18،602 މިލިއަން ރުފިޔާގައެވެ. މިދިިޔަ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި މި މިންވަރު ހުރީ 19,778 މިލިއަން ރުފިޔާގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީއަށް އަސަރުކޮށްފައިވަނީ ޓޫރިޒަމް ދާއިރާއަށް އައި ހީނަރުކަމާއި ކޮންސްޓްރަކްޝަންގެ އިތުރުން ހޯލްސޭލްއާއި ރީޓެއިލް ވިޔަފާރިތަކުގެ ސިނާއަތަށް އައިސްފައިވާ ހީނަރުކަމާއެކު އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހުގެ ތެރޭގައި ޓޫރިޒަމް ސިނާއަތް 2.7 ޕަސެންޓް ދަށަށް ގޮސްފައިވާއިރު ކޮންސްޓްރަކްޝަން ދާއިރާއަށް ވަނީ 1.4 ޕަސެންޓްގެ ހީނަރުކަމެއް އައިސްފައެވެ. މީގެ އިތުރުން ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިަަކުގެ ސިނާއަތަށް ވަނީ 1.0 ޕަސެންޓުގެ ހީނަރުކަމެއް އައިސްފައެވެ.

ރާއްޖޭގެ އިގްތިސޯދުގެ ބޮޑުބަޔެއް ޓޫރިޒަމް ސިނާއަތު ކޮންޓްރޯލު ކުރާއިރު ކޮންމެ އަހަރެއްގެވެސް ހަތަރުވަނަ ކުއާޓަރާއި ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ކުރިއެރުން އާދެއެވެ. ސަބަބަކީ ޓޫރިޒަމްގެ ޕީކް ސީޒަން ދިމާވަނީ އަހަރުގެ ފަހުކޮޅާއި ޖެހިގެން އަންނަ އަހަރުގެ ކުރީކޮޅާ ކަމަށް ވާތީއެވެ. ނަމަވެސް 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތަށް ކުރިއެރުން އައިސްފައި ނުވާކަމަށް އެންބީއެސްގެ ތަފާސް ހިސާބުތައް ދައްކައެވެ. އެގޮތުން 2019 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރުގައި ޓޫރިޒަމް ސިނާއަތަށް 3.2 ޕަސެންޓުގެ ކުރިއެރުމެެއް އައިސްފައިވާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ސިނާއަތް ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 5.9 އަށް ވެއްޓިފައެވެ. ފާއިތުވި ތިން އަހަރުވެސް ކުއާޓާލީ ޖީޑީޕީ ހުރީ ޕޮޒިޓިވް ފިގާއެއްގައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓޫރިޒަމް ދާއިރާގެ ގްރޮސް ވެލިއު އެޑެޑް (ޖީވީއޭ) ހުރީ 4.93 ބިލިއަން ރުފިޔާގައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 10.3 ޕަސެންޓުގެ ވެއްޓުމެކެވެ. އަދު 2019 ވަނަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު 6.5 ޕަސެންޓުގެ ދަށްވުމެކެވެ.

މިއީ ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރާ ބެޑްނައިޓްސް މި މުއްދަތުގައި މަދުވުމުގެ ސަބަބުން އައި ބަދަލެއްކަމަށް ސްޓެޓިސްޓިކް ބިޔުރޯގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީގެ 26.5 ޕަސެންޓް ހިއްސާ ކުރީ ޓޫރިޒަމް ސިނާއަތެވެ. މި މުއްދަތުގައި ޖީޑީޕީގައި ދެވަނަ އަށް އެންމެ ބޮޮޑު ހިއްސާއެއް އަދާކުރީ ދަތުރުފަތުރާއި މުއާސަލާތީ ދާއިރާއެވެ. އެއީ ޖީޑީޕީގެ 13.4 ޕަސެންޓެވެ. ޖީޑީޕީގެ 8.7 ޕަސެންޓް ހިއްސާކޮށްފައިވަނީ ޕަބްލިކް އެޑްމިނިސްޓްރޭޝަން ދާއިރާއެވެ.

ރާއްޖޭގެ ޖީޑީޕީ ކުއާޓާއިން ކުއާޓާއަށް ބަލާނަމަ، މިދިޔަ އަހަރުގެ ފަހު ކުއާޓަރާ އަޅާބަލާއިރު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖީޑީޕީ ގްރޯތް ރޭޓު ވަނީ 6.4 އަށް ވެއްޓިފައެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާބަލާއިރު ޖީޑީޕީ ގްރޯތް ރޭޓު، މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުރީ 5.9 ޕަސެންޓުގައެވެ.

comment ކޮމެންޓް