އެންމެފަހުން މަހޭޝް ބަޓް އާއި ކަރަންގެ މެނޭޖަރު ފުލުހަށް!

ސުޝާންތުގެ މަރާ ގުޅިގެން މަހޭޝް ބަޓް އާއި ކަރަން ޖޯހަރުގެ މެނޭޖަރު ފުލުހަށް ހާޒިރުކުރަނީ--

މިދިޔަ މަހު 14 ވަނަ ދުވަހު މަރުވި އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތްގެ މަރާ ގުޅިގެން ބަތަލާ އާލިއާ ބަޓްގެ ބައްޕަ، ޑައިރެކްޓަރު މަހޭޝް ބަޓް އާއި ކަރަން ޖޯހަރުގެ މެނޭޖަރު ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.

ސުޝާންތުގެ މަރުގެ ތަހުގީގު ކުރިއަށް ގެންދިޔުމަށް ފުލުހުން ކުރަން ބޭނުންވާ ބައިވަރު ސުވާލުތަކެއް ހުރުމުގެ ސަބަބުން ކަރަންގެ މެނޭޖަރު އާއި މަހޭޝް ބަޓް މިއަދުގެ ވަގުތެއްގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާނެ ކަމަށް މަހަރަޝްތްރާގެ ހޯމް މިނިސްޓަރު އަނިލް ދޭޝްމުކް ވަނީ ވިދާޅުވެފަ އެވެ.

ހޯމް މިނިސްޓަރު ވިދާޅުވީ ތަހުގީގު ކުރިއަށް ގެންދިޔުމަށް ކަރަން ޖޯހަރު ގެންނަން ޖެހިއްޖެ ހާލަތެއްގައި އޭނާ ވެސް ގެނައުމަށް ތައްޔާރަށް ހުރި ކަމަށެވެ.

ސުޝާންތު މަރުވި ދުވަހު ނޫން އަނެއް ދުވަހު ބަތަލާ ކަންގަނާ ރަނައުތު އިންސްޓަގްރާމްގައި ހިއްސާކުރި ވީޑިއޯއެއްގައި ބުނީ ސުޝާންތު އަމިއްލަ އަށް މަރުވީ ނޫންކަމަށާއި "ބަޔަކު މީހުން ވެގެން އޭނާ މަރާލީ" ކަމަށެވެ. އަދި ބޮލީވުޑްގެ ނެޕޮޓިޒަމްގެ ޝިކާރައަކަށް ސުޝާންތުވެ އޭނާ ކުރިއެރުވިޔަ ނުދޭން ގިނަ ބަޔަކު މަސައްކަތްކުރި ކަމަށް ވެސް ކަންގަނާ ވަނީ ބުނެފަ އެވެ.

ދާދިފަހުން ރިބަޕްލިކް އަށް ދިން އިންޓަވިއުއެއްގައި ކަންގަނާ ވަނީ އެ އެންމެންގެ ނަންތައް އާންމުކޮށް އިއުލާންކޮށްފަ އެވެ. މަހޭޝް، ކަރަން، ރާޖީވް އަދި އަދިތްޔާ އަކީ ސުޝާންތު ކުރިއެރުވިޔަ ނުދޭން މަސައްކަތްކުރި ބައިގަނޑު ކަމަށް ބުނެ ކަންގަނާ ވަނީ އެ މީހުންގެ ވާހަކަތައް އާންމުކޮށްފަ އެވެ. އެއާއެކު ފެނިގެންދިޔައީ ފުލުހުން އަދިތްޔާ އަށާއި ރާޖީވް މަސަންދަށް ސުވާލުކުރަން ފުލުސް އޮފީހަށް ހާޒިރުކުރި ތަނެވެ.

ސުޝާންތު މަރުވެފައި ހުއްޓާ ފެނުނީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ. ޕޯސްޓްމޯޓާމް ރިޕޯޓް ދައްކާގޮތުގައި ސުޝާންތު މަރުވީ ދަންޖެހުމުގެ ސަބަބުން ނޭވާ ހާސްވެގެނެވެ. ނަމަވެސް އޭނާ ދަންޖެހިފައި ހުއްޓާ ފުލުހުންނަށް ވެސް ފެނިފައި ނުވާތީއާ އެކު އޭނާގެ މަރާމެދު ސުވާލު އުފެދޭ ގިނަ ކަންތައްތަކެއް ހުރުމުގެ ސަބަބުން އެ ކޭސް ދަނީ އަދިވެސް ތަހުގީގު ކުރެވެމުންނެވެ. އަދި އެ ކޭސް ސީބީއައި އަށް ޓްރާންސްފާކުރުމަށް ވެސް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ގޮވާލަމުންނެވެ. ބައެއް ފިލްމީތަރިންނާއި، ޑަކްޓަރުންނާއި، ލޯޔަރުންގެ އިތުރުން ބޭރުގެ ނޫސްވެރިން ބުނަނީ ސުޝާންތުގެ މަރަކީ އާދައިގެ މަރެއް ނޫންކަމަށާއި ބަޔަކުވެގެން އޭނާ މަރާލީ ކަމަށެވެ.

comment ކޮމެންޓް