ޝޭކަރުގެ "ޕާނީ" ހާއްސަކުރާނީ ސުޝާންތަށް

ޑައިރެކްޓަރު ޝޭކަރު އާއި އެކްޓަރު ސުޝާންތު---

ދުނިޔެ ފެނަށް ޖެހުމުގެ ވާހަކަ ކިޔަދޭ ފިލްމު "ޕާނީ" ހާއްސަކުރާނީ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތަށް ކަމަށް ޑައިރެކްޓަރު ޝޭކަރު ކަޕޫރު ބުނެފި އެވެ.

މި ފިލްމަކީ މީގެ 12 ވަރަކަށް އަހަރުކުރިން ފެށިގެންވެސް ޝޭކަރު ތައްޔާރުވަމުން އައި ޕްރޮޖެކްޓެކެވެ. ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން ޕްރޮޑިއުސްކޮށް ސުޝާންތު ލީޑު ރޯލު ކުޅުމަށް ހަމަޖެހުނު އެ ފިލްމު ވަނީ ވައިއާރްއެފް އިން ދޫކޮށްލައިފަ އެވެ. ޝޭކަރް ބުނީ ވައިއާރްއެފްގެ އަދިތިޔާ ޗޯޕްޅާ އާއި ޝޭކަރް އާ ދެމެދު އުފެދުނު ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ކުންފުނިން މި ފިލްމު ދޫކޮށްލީ ކަމަށެވެ.

އެކްޓަރު ސުޝާންތުގެ މަރާއެކު ޝޭކަރު ވަނީ މި ފިލްމުގެ ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ މި ފިލްމަކީ ސުޝާންތު އަށާއި އޭނާ އަށް ވަރަށް މުހިއްމު ފިލްމެއް ކަމަށާއި އަދި މި ފިލްމު އުފެއްދުމަށް ބުރަ މަސައްކަތެއް ކުރެވުނު ފިލްމެއް ކަމަށެވެ. ނަމަވެސް ޚިޔާލުތަފާތުވުމުގެ ސަބަބުން އެ ކުންފުނިން ފިލްމު ދޫކޮށްލުމުން ސުޝާންތު އާއި ޝޭކަރު ވަރަށް ބޮޑަށް މާޔޫސްވި ކަމަށެވެ.

"ސުޝާންތު ހުރީ ވަރަށް އުފަލުން އަހަރެންނާ އެކު މަސައްކަތްކުރަން ލިބުނީމަ. އަދި ޕާނީ ކަހަލަ ވަރުގަދަ ފިލްމަކާ އެކު މަސައްކަތްކުރަން ލިބުނީމަ. ފިލްމުގެ ސްކްރިޕްޓް ކިޔަމުން ދިޔައިރު ވެސް ސުޝާންތު އެކްޓްކުރި. އޭނާގެ ޝައުގުވެރިކަން ހުރީ ވަރަށް ބޮޑަށް. ކޮންމެފަހަރަކު އަހަރެން ޕްރޮޑަކްޝަން ޓީމާ އެކު މީޓިންއެއް ބާއްވާއިރު ސުޝާންތު ހުންނާނެ އެތަނެއްގައި،"

ޝޭކަރު ބުނީ ދަންވަރު ދޭއް ތިނެއް ޖަހާއިރު ވެސް ސުޝާންތު އޭނާ އަށް ގުޅައި ފިލްމުގެ ވާހަކަ ދައްކާ ކަމަށެވެ. އަދި ފިލްމުގެ މަސައްކަތް ފެށުނުއިރު ސުޝާންތުގެ ކިބައިން ފެނުނު ހިއްވަރުގެ ސަބަބުން އޭނާ އަށް ސުޝާންތު އާ ވަރަށް ގަޔާވެވުނު ކަމަށެވެ.

އޭނާ ބުނީ ވައިއާރްއެފްއިން މި ފިލްމު ނުހަދާނެ ކަމަށް ބުނުމުން ސުޝާންތު ވަރަށް ރުއި ކަމަށެވެ. "ސުޝާންތު އެކަންޏެއް ނޫން. އަހަރެން ވެސް ވަރަށް ރުއިން އެ ދުވަހު،"

ދާދިފަހުން ޝޭކަރު ކުރި ޓްވީޓެއްގައި ބުނީ އުންމީދަކީ މި ފިލްމު ކޮންމެވެސް ދުވަހަކުން އޭނާއަށް ހަދަން ލިބުން ކަމަށާއި އަދި އެ ފުރުސަތު ލިބިއްޖެ ނަމަ މި ފިލްމު އޭނާ ހާއްސަކުރާނީ ސުޝާންތަށް ކަމަށެވެ. އަދި މި ފިލްމު ހަދަން ބޭނުން ވަނީ އިންސާނިއްޔަތަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކާ އެކީގައި ކަމަށް ވެސް އޭނާގެ ޓްވީޓުގައި ވަނީ ބުނެފަ އެވެ.

ޕާނީގެ މަސައްކަތް ހުއްޓުނީ ފިލްމުގެ ޝޫޓިން ފަށަން ވަރަށް ބޮޑަށް ތައްޔާރުވެ ސުޝާންތާ އެކު ގިނަ ރިހާސަލްތަކެއް ވެސް ކުރެވިފައިވަނިކޮށް ކަމަށް ވެސް ޝޭކަރު ވަނީ އަދި މި ފިލްމު ސުޝާންތު އާއެކު ހަދަން ނުލިބުމަކީ އެންމެ ހިތާމަކުރާ އެއްކަންތައް ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.

ހުނަރުވެރި އެކްޓަރު ސުޝާންތު މަރުވީ މިދިޔަ މަހު 14 ވަނަ ދުވަހު އެވެ. އޭނާގެ އެންމެ ފަހު ފިލްމު ދިލް ބޭޗާރާ ވަނީ މިދިޔަ ހުކުރު ދުވަހު ރިލީޒްކޮށްފަ އެވެ. އެ ފިލްމު އަންނަނީ ގިނަ ރެކޯޑުތަކެއް މުގުރަމުންނެވެ.

comment ކޮމެންޓް