ކޮވީޑް19: ކޭސްތައް އިތުރުވާތީ ދީފައިވާ ލުއިތަކަށް ބަދަލުގެނައުމަށް އެމްއާރުއެމް އިން ގޮވާލައިފި

އެމްއާރުއެމްގެ ޖަލްސާގައި އެ ޕާޓީގެ ރައީސް ވާހަކަަ ދައްކަވަނީ: ކޮވިޑް19 ލުއިތަކަށް ބަދަލުގެނައުމަށް އެޕާޓީން ވަނީ ގޮވާލައިފައި -- ސަން ފަޔާޒު މޫސާ

ކޮވިޑް19 ކޭސްތައް އިތުރުވަމުންދާތީވެ، ދީފައިވާ ލުއިތަކަށް ބަދަލު ގެނައުމަށް ސަރުކާރި ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ގޮވާލައިފި އެވެ.

އެމްއާރުއެމްއިން މިގޮތަށް ގޮވާލީ، މިއަދު ފާހަގަ ކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ތަހުނިޔާ ފޮނުއްވައި، ނެރުނު ބަޔާނުގައެވެ.

އެމްއެއާރުއެމްއިން ނެރުނު ބަޔާނުގައި ބުނީ، މިއަހަރުގެ މިނިވަން ދުވަސް ކުރިމަތިވީ، ނުރައްކާތެރި ކޯވިޑް19ގެ ސަބަބުން އާންމުކޮށް ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައިވާ ދަނޑިވަޅެއްގައި ކަމަށެވެ. އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު ގައިދުރުކަން ބެހެއްޓުމާއި، މާސްކު އެޅުމަކީ ފަރުދީ ޒިންމާއެއްގެ ގޮތުގައި އަޅުގަނޑުމެން އެންމެން ދެކެން ޖެހޭ ކަމަށް އެމްއާރުއެމްގެ ބަޔާނުގައި ބުންޏެވެ. އަދި މިދުވަސްވަރު ކޮވިޑްކޭސްތައް އިތުރުވަމުންދާތީ އެކަމުގެ ކަންބޮޑުވުންވެސް އެ ޕާޓީން ވަނީ ފާޅުކޮށްފައެވެ.

"ކޯވިޑް-19 އަށް ފައްސިވާ މީހުންގެ ޢަދަދު ގިނަވަމުން ދާތީ، މިއީ ސަރުކާރުން ދެއްވާފައިވާ ލުއިތަކަށް ބަދަލު ގެންނަވައި، އެއަށްވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަޅުއްވަން ޖެހޭ ވަގުތެއް ކަމުގައި ދެކެމެވެ. ... [ކޮވިޑް19ގެ] މިހާލަތު ރަނގަޅު ކުރުމަށާއި ރައްޔިތުންނަށް ފަސޭހަ ގޮތްތައް ފަހިކޮށްދިނުމުގައި ދިވެހި ސަރުކާރުން ހަމަޖައްސާފައިވާ އިންތިޒާމުތައް މިހާރަށްވުރެ ހަރުދަނާ ކުރުން މުހިންމު ކަމުގައި ދެކެމެވެ." އެމްއާރިއެމްގެ ބަޔާނުގައި ބުންޏެވެ.

މިހާތަނަށް ރާއްޖެއިން 3،200އަށް ވުރެ ގިނަ މީހުން ވައިރަހަށް ޕޮޒިޓިވްވެފައިވާއިރު، އިއްޔެ އެކަނިވެސް 77 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓްވެފައެވެ. އެޕްރީލް 15 ވަނަ ދުވަހު މާލެ އިން ފެނުނު ފުރަތަމަ ކޭސްއާ ގުޅިގެން އެޅި ބޮޑޭތި ފިޔަވަޅުތަކަށް ލުއި ދިނީ މިމަހު އެކަކުން ފެށިގެންނެވެ.

އެމްއާރުއެމްގެ ބަޔާނުގައި ބުނީ، ކޮވިޑާއެކު ހީނުކުރާ ފަދަ ބޮޑެތި ދަތިތަކަކާ ކުރިމަތި ލާންޖެހިފައިވީނަމަވެސް، މި ކަމުން ސަލާމަތްވެ ކުރީގައި އުޅުނު މިނިވަން ދިރިއުޅުން އިއާދަ ކުރެވޭނީ، އެންމެން އެކުގައި އެކުގައި މަސައްކަތްކޮށްގެން ކަމަށެވެ. އެގޮތުން، ސަރުކާރުގެ އެންގުންތަކާ އެއްގޮތަށް ޢަމަލު ކޮށް، ފަރުދީ ޒިންމާ އަދާ ކުރުމަށް އެމްއާރުއެމްއިން ގޮވާލިއެވެ.

ދުވަހާ ގުޅޭ ގޮތުން އެމްއާރުއެމްގެ ބަޔާނުގައި ބުނީ، ރާއްޖެއަށް މިނިވަންކަން ލިބިފައިވަނީ އެތައް ބަޔެއްގެ ބޮޑެތި ގުރުބާނީތަކާއެކު ކަމަށވެެ. އަދި މިނިވަންކަން ހޯދުމަށްވުރެ، މިނިވަންކަން ދެމެހެއްޓުމަކީ މާ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި ބަޔާނުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

"ކިތަންމެ ގޮންޖެހުން ބޮޑުނަމަވެސް އެކަމުގެ ޒިންމާއާ މައްސޫލިއްޔަތު އެޅިފައި އޮންނަނީ އެއިރެއްގެ ސަރުކާރެއްގެ ކޮނޑުގައެވެ. ހަމައެހެންމެ، އެ މިނިވަންކަން ދެމެހެއްޓުމަށް ރައްޔިތުންވެސް މަސައްކަތްކުރަން ޖެހެއެވެ. އެއީ އެކަންކުރުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ އިން ދިވެހި ދައުލަތާއި ރައްޔިތުންނަށް ލާޒިމްކޮށްފައިވާ ކަމަކަށްވާތީއެވެ." ބަޔާނުގައި ބުންޏެވެ.

comment ކޮމެންޓް