ގޯޑަން ސްޓުއާޓް އެމްއޭސީއެލްގެ ހިންގުމާ ހަވާލުވެއްޖެ

ގޯޑަން އެންޑްރޫ ސްޓުއާޓް: މިއަދުން ފެށިގެން އޭނާ ވަނީ އެމްއޭސީއެލް ހިންގެވުމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފައި --

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯގެ މަގާމަށް ހަމަޖެއްސި އިނގިރޭސީ ވިލާތުގެ ގޯޑަން އެންޑްރޫ ސްޓުއާޓް މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަން އެއާޕޯޓް (ވީއައިއޭ) ހިންގާ ކުންފުނި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީގެ މަގާމަށް ގޯޑަން އެންޑްރޫ ސްޓުއާޓް ހަމަޖެއްސީ، މިދިޔަ ޖޫން މަހު 28 ވަނަ ދުވަހުއެވެ.

އެމްއޭސީއެލް އިން މިއަދު މުވައްޒަފުންނަށް ފޮނުވި ސާކިއުލާގައި ބުނީ، މިއަދުން ފެށިގެން ގޯޑަން އެންޑްރޫ ސްޓުއާޓްް މަގާމާ ހަވާލުވެވަޑައިގެންފައިކަމަށެވެ.

ގޯޑަން ސްޓުއާޓް އަކީ އޭވިއޭޝަން މެނޭޖްމަންޓް ދާއިރާގައި 30 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ބޭފުޅެއް ކަމަށް އެމްއޭސީއެލް އިން މީގެ ކުރިން ވަނީ ބުނެފައެވެ. އެގޮތުން އޭނާ ވަނީ ޔޫރަޕާއި އުތުރު އެމެރިކާ އަދި އޭޝިޔާގެ އޭވިއޭޝަން ދާއިރާގެ މެނޭޖްމަންޓް މަގާމުތަކެއް އަދާކުރައްވައިފަ އެވެ. އަދި އޭވިއޭޝަން ދާއިރާގެ އެކި ކުންފުނިތަކުގައި 20 އަހަރު ދުވަސްވަންދެން ބޯޑް ޑިރެކްޓަރުކަން ވެސް އޭނާ ފުރުއްވާފައިވާކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

ގޯޑަން ސްޓުއާޓް މިއަދު މުވައްޒަފުންނަށް ފޮނުވި މެސެޖްގައި ބުނީ، ކޮވިޑް19ގެ ސަބަބުން ދުނިޔޭގެ ވިޔަފާރިއަށް، ހާއްސަކޮށް ވައިގެ އުދުހުންތަކުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި މިފަދަ ދަނޑިވަޅެއްގައި މުވައްޒަފުންގެ ހިތްވަރާއެކު، ކުންފުނީގެ ހަރަކާތްތަކާއި ހިދުމަތްތައް ދެން އޮތް ހަރުފަތަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"ގޮންޖެހުންތަކަކީ، އޭގެ ސަބަބުން ހެޔޮ ބަދަލުތައްވެސް ވިޔަފާރިއަށް ގެނެސްދޭ ކަމެކެވެ. މިހާރު އަޅުގަނޑުމެންނަށް ކުރިމަތިވެފައިވާ ކޮވިޑް19ގެ ބަލިމަޑުމާއި ގުޅިގެންވެސް ކުންފުނިތަކަށް ރަނގަޅު ބަދަލުތައް އަންނަމުންދާ ކަން ފާހަގަކޮށްލަމެވެ." ގޯޑަން ސޮއިކުރައްވައި، ދިވެހި ބަހުން މުވައްޒަފުންނަށް ފޮނުވި މެސެޖްގައި ވިދާޅުވެފައިވެެއެވެ.

މެސެޖްގައި އޭނާ އިތުރަށް ވިދާޅުވީ، މި ހާލަތު ބަދަލުވަމުންދާ ވަރަކަށް ކުންފުނީގެ ފަރުދީ ރައްކާތެރިކަމަށާއި، ވިޔަފާރި ދެމެހެއްޓުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް ބަދަލުވަމުން ދާނެ ކަމަށެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަތުމުގެ ގާބިލުކަން ކުންފުނީގެ މުވައްޒަފުންގެ އެބަހުރިކަން ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމްއެސީއެލްގެ ހިންގެވުމާ ރަސްމީކޮށް އޭނާ ހަވާލުވެލެއްވިއިރު، ކުރިން ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި، މޫސާ ސޯލިހް ވަނީ އެ ކުންފުނީގެ ހިދުމަތުން ރިޓަޔާ ކުރައްވާފައެވެ. އެ ކުންފުނީގެ އެކި މަގާމުތައް ފުރުއްވި މޫސާ ސޯލިހް ހިދުމަތުން ރިޓަޔާ ކުރައްވާފައި މިވަނީ، 39 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވުމަށްފަހުއެވެ.

https://sun.mv/140609

comment ކޮމެންޓް