ޑިއަރ ލިލީ 6

މާތްﷲ ގުރުއާންގެ އިސްރާ ސޫރަތުގައި ވަހީ ކުރައްވާފައިވަނީ މިފަދައިންނެވެ." مَّن كَانَ يُرِيدُ ٱلْعَاجِلَةَ عَجَّلْنَا لَهُۥ فِيهَاދުނިޔޭގެ އަރާމަށް އެދޭ މީހާ ދަންނާށެވެ. ތިމަންރަސްކަލާނގެ އިރާދަކުރައްވާކަމެއް ތިމަންރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް އަވަސްކޮށްދެއްވާ ހުށީމެވެ. "

***

ދުނިޔެއަކީ ދުވަސްކޮޅެއްގެ އުފަލަކަށް ވާހިނދު އިންސާނާއަށް އަބަދުވެސް ދުވެވެނީ ހަމައެކަނި ދުނިޔޭގެ އުފަލާއި އަރާމުގެ ފަހަތުންނެވެ. އާޚިރަތަށް ދެވެނީ ހުސް އަތާއެވެ. ވަޒީފާއަށް ދަމުން ބުރަކޮށް އުޅުނަސް ނަމާދުކޮށް ޒިިކުރުކުރުން މަތީ ތިބުމަކީ މާދަމާ ކަށްވަޅުގައި ހޭލަން ޖެހުނަސް ފައިދާ ކުރުވާނެކަމެކެވެ. ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނީ ނަސީބުވެރިންނަށެވެ. ގަދައަޅާ މަސައްކަތްކުރާ މުއުމިނުންނަށެވެ.

"ޔޫ ވިލް ފްލައި ހައި އިންޝާﷲ ދޮންތާ.." ކެމީލާ ހިނިތުންވެލިއެވެ.

"ދޮންބެ. ޓެލްމީ އެބައުޓް ދަ އިންޓަވިއު..."

ކިޔާންގެ ޖުމްލައިން ޒައިރާއަށް ނަށާލެވުނެވެ.

"ދޮންބެ. އައި ވޯންޓް ދެޓް ޖޮބް. ޕްލީޒް..." ކެމީލާވެސް ނިކަން ގަޔާވިއެވެ. ކުޑަކުދިން ދެކެ ލޯބިވެ ކުޅޭހިތުން އުޅޭކުއްޖަކަށް ވުމުން ނެނީއެއްގެ ގޮތުގައި ހުރުމުގެ ފުރުސަތެއް ލިބުމުން އިންތިހާއަށް އެކަމަށް އެދެވުނެވެ.

"ލިލީ އިހަށް ކިޔަވާނީ. ކިޔަވާ ނިމިގެން ޖޮބަކަށްދާނީ އިނގޭ. ޒައިރްވެސް އެޖޮބަށް އެހާ ފިޓްއެއް ނޫން އެކަމަކު ފަސްޓްއެއިޑް ކޯސް ދަސްކޮށްފައި ހުރީމައާއި ފަތަން އެނގެންޏާ ޕްލަސްޕޮއިންޓެއް ކަމަށް ދެކެނީ. އެކުދިންގެ މަންމަ ސުޕަވައިޒްކުރާނެ. ސޯ ކުދިންނާއެކު ކުޅެލާ ދިވެހިބަސް ދަސްކޮށްދީ. " ކިޔާން ވޮލެޓުން އެއްހާސް ރުފިޔާގެ ފަސް ނޫޓުދިއްކޮށްލުމުން ޒައިރާގެ ލޯ ތަރަތަރަޖަހައިގެން ދިޔައެވެ. "ޝޮޕިން ކޮށްލާ. ރީތި ހެދުމާއި ދަބަހެއް އަޅައިގެން އިންޓަވިއުއަށް ދާނީ.."

"ފަސްޓް އިމްޕްރެޝަން ޕާފެކްޓްވާން ވާނެތާ..." ޒައިރާ އެތާ ހުރެ އިންޓަވިއުއަށް ފަރިތަކުރަން ފެށިއެވެ. ކެމީލާ ކަރުކެހިލާފައި އަޑުތަންކޮޅެއް ބަރުކޮށްލާފައި ސުވާލުކުރަންފެށިއެވެ. ޒައިރާ އާއި ކެމީލާއާއި ދެކުދިން އެ ސަކަރާތެއްގައި އުޅުނުއިރު މާމަވެސް މަޖާވެގެން ހީހީ އިނެވެ. އިރުގަނޑަކަށްފަހު ކިޔާން މާމަގެ ކޮޓަރިއަށް ގެންގޮސް މާމަ އަރާމު ކުރަން އެނދުގައި ބޭއްވިއެވެ. ގައިގާ ރަޖާ އަޅާލަދިނެވެ. ފެންފުޅިއެއް ގެނެސް އެނދުގެ ސައިޑް ޓޭބަލްމަތީ ބެހެއްޓިއެވެ. އެނދުގެ މަގަތުގައި މާމައާއި ވާހަކަދައްކާލަން އިރުކޮޅެއްވާންދެން ކިޔާން އިންއިރު ވެކްސިންތައް ޖަހަން ހައްޖު އޮފީހަށްވެސް މާދަން ދާން ޖެހޭނެކަމުގައިވެސް ބުންޏެވެ.

***

"ވައި ޑޫ އައި ހޭވް ދިސް ކްރޭވިން ފޯ އައިސް؟ "ކެމީލާ ގަނޑުފެން ކާންފެށިއެވެ. ހީކަރުވައިގަންނަ ގޮތްވުމުން މުޅި ގަޔާ އެއްކޮށް ރަޖާގަނޑު އޮޅާލައިގެން ސޯފާގައި ކުރުގެޅިގެން އޮތެވެ.

ޒައިރާ ބާޒާރުކޮށްލަން ޖައްސައިލީ ކައިރީގައި ހުރި ފިހާރައަކަށެވެ. ފަސްހާސް ރުފިޔާއަށް ބްރޭންޑެޑް އެއްޗެހިވެސް ގަނެވިދާނެތާއެވެ. ނަމަވެސް ޒައިރާ ގެނައި ލުއީވީިޓޯން ދަބަސް ނިކަން އަގުހެވެވެ. ހުރިހާ ސާމާނުތައްވެސް އޮރިޖިނަލް ނޫންކަމުގައި ބުނީ ހަމަޖެހިލާފައެވެ.

"އޮރިޖިނަލް ނުގަތީ ކީއްވެ؟" ކެމީލާ ހައިރާންވިއެވެ.

"ސަބަބަކީ ލިލީ އެހާވަރުން ބޭކްކުރަން އުޅޭތީ އަވަނެއް ގަންނަން ފައިސާކޮޅެއް ބާކީކުރަން. ރަށުން އެއްކޮށްފައި ހުރި ފައިސާ ލީމަ އަވަނެއް ގަނެވޭނެ. އަދި އައިސިން ޖަހާ އެއްޗެއްސާއި ސާމާނުވެސް ގަނެލެވޭނެ. އަވަހަށް ތައްޔާރުވެލައިގެން ހިނގާ.."

ފިހާރައަށް ވަދެ ކޭކު ފިހާ އަވަނަކާއި ކޭކުއަޅަން ބޭނުންވާ ސާމާނުތައް ގަނެލައިގެން ބޭރަށް ނުކުތްއިރު އުޑުމަތި ބަނަވެ މޫސުމް ގޯސްވެއްޖެއެވެ. ފިނިވެގަދަކަމުން ހީކަރުވާ ވަރުބަލިވެފައި ހުއްޓަސް ކެމީލާ އެކަމެއް ހަދާނެއް ނެތެވެ. ނޫނީ ހަދާން ކުރަން ބޭނުން ނުވަނީއެވެ. އޭނަ ހުރީ މަޖާވެލާފައެވެ. މަގަށް ނުކުމެ ކާރެއް ހޯދަން ކެމީލާ އަތް ނަގަންފެށިއެވެ. އެހެން ދަތުރުކުރާ ކޮންމެ ކާރެއް ދިޔައީ މީހުން ގޮވައިގެންނެވެ. ޕްރައިވެޓް ކާރެއް ހުއްޓުވަން އަތް ނެގުނުއިރުވެސް އެއީ ޕްރައިވެޓް ކާރެއްކަމެއް އެކުދިންނަށް ރޭކާނުލިއެވެ. ޑްރައިވަރު ގާތުގައި ޑިކީ ހުޅުވާލަދޭން އެދުމުން އިސްކޮޅުން ދިގު ޒުވާނަކު ނުކުތެވެ. އިރުގެ ދޯދިތައް ބޮސްދީފައިވާ ހަމަކާއި ގަދަމުށިކުލައިގެ އިސްތަށިގަނޑެކެވެ. ކުލަޖައްސާފައި ނޫންކަމެއްވެސް ނޭގެއެވެ.

ކާރުތެރޭ މަޑު މިއުޒިކެއް ޖަހާލާފައި ލުއި ސެންޓެއްގެ ވަސް ހިފާލާފައެވެ. އޭސީ ފިނިކަމުން މީހަކު ގަނޑުވެދާނެއެވެ. ކެމީލާގެ ދަތްދޮޅިއަށް ދާންދެން ރޫރޫ އަޅަންފެށިއެވެ. އައި ގަދަ ކޮޅިގަނޑާއެކު ބާރު ގުގުރީގެ އަޑު ކާރުތެރޭގެ ހިމޭންކަންވެސް މުގުރާލައިފިއެވެ. އިސާހިތަކު ވާރޭގެ ބޮޑެތި ތިކިތައް ކާރުގެ ފުރާޅާއި ވިންޑްސްކްރީނަށް ހަމަލާދިނެވެ. ނަމަވެސް އޮހިގަތް ވާރޭ އަޖައިބެއްފަދަ ގޮތަކަށް ހުއްޓި ބާރު ވައިރޯޅިތަކަށް ތަން ދިނެވެ. ޒައިރާއާއި ކެމީލާ އެ ޒުވާނާއަށް ސަމާލުކަމެއް ނުދީ އަމިއްލަ ވާހަކަތަކެއްގައި ތިއްބެވެ.ވާރޭ ހުއްޓާލިކަން އެނގުމުން ޒައިރާ ހަމްދުކުރިއެވެ. އޭނަގެ ނަޒަރުގައި ބާރު ވައިރޯޅިއާއި ރާޅުއެރުންފަދަ ގުދުރަތީ މުސީބާތްތަކަކީވެސް ބަލައިލަން އުފާވެރި ރީތި މަންޒަރުތަކެވެ. އޭނަ ލޯބިކުރަނީ ތޫފާންތަކަށެވެ. ދިރިއުޅުން ހިމޭންވުމަށްވުރެ ތޫފާންގެ ތެރޭ މަރުވުންވެސް އޭނައަށް މަޖަލީއެވެ. ކުއްލިއަކަށް ކެމީލާ ކާރުތެރެއަށް ހޮޑު ދުއްވާލީ އެއްވެސް އިންޒާރަކާނުލައެވެ. ޒައިރާ އަވަހަށް ދަބަސް ހުޅުވާލާފައި ޓިޝޫނެގިއެވެ. އެޒުވާނާގެ ގަޔަށްވެސް ހޮޑު ބުރައިގެން ނުދާކަމެއް ނޭގެއެވެ. އޭނަގެ ކާރުތެރެ ހަލާކުކޮށްލީމަ ރުޅިއައިސްގެން އެކުދިންނާއި ދިމާލަށް ހަޅޭއްލަވައިގެންފާ މަގުމެދަށް ދޫކޮށްލާނެކަމަށް ޒައިރާ ހީކުރިއެވެ. ޑްރައިވަރު އޯކަށް ދެމިތަން ޒައިރާއަށް ފެނުނެވެ.

"ސޮރީ......." ޒައިރާ އަވަހަށް ކެމީލާގެ އަނގަމަތި ފޮހެދެމުން ޒުވާނާއާއި ދިމާލަށް ބަލައިލަމުން ބުނެލި ލަފުޒުގެ ފަހުބައި އޮތީ އަނގައިގެ ތެރޭގައެވެ. "އެކަމަކު އަސްލު އައިމް ނޮޓް ސޮރީ. ކީއްވެކަމެއް ނޭގޭ. "

އެޒުވާނާ ބަލައިލީ ހަމްދަރުދީގެ ނަޒަރަކުންނެވެ. ކެމީލާއާއި ނަޒަރު އަމާޒުވިއެވެ.

"ހޮސްޕިޓަލަށް ގެންދަންތަ؟ " އޭނަ އަހާލިއެވެ.

"ނޫން. އައިމް ފައިން ނައު..."ކެމީލާ ފުޅާކޮށް ހިނިތުންވެލިއެވެ. ހުރިހާ ދަތްތަކެއް ދައްކާފައެވެ.

"ކާރަށް އެރީމަ ކާރ ސިކް ވީ. އެހާވަރު ކަމެއްނޫން ދޯ. އެންމެންވެސް ހޮޑުލައި. މިއީ ދުނިޔޭގައި އަލަށް ހިނގިކަމެއްނޫން....." ޒައިރާ ރުޅިއައީ އެޒުވާނާ މޭނުބައި ކޮށްފައި އިނީތީއެވެ. މީހަކަށް ހަމްދަރުދީވާކަށްވެސް ނުދަންނަ ފިރިހެނެކެވެ. އެކަމަކު ހޮޑުވަހުން އުދަގޫވަންޏާ ކާރުގެ ބިއްލޫރި ތިރިކުރާކަށްވެސް ނޭގުނީހެއްޔެވެ. އެކުދިން ބުނި ހިސާބަށް ޒުވާނާ ގެނެސްދިނުމުން ޝުކުރު އަދާކޮށްފައި ޒައިރާ ފައިސާ ދިނީ އިތުރު ފަސް ރުފިޔާ ލާފައެވެ. ޑްރައިވަރު ފައިސާގައި ނުހިފަން އުޅުނީމަ ޒައިރާ އޭނަގެ ލުއީ ވީޓޯން ދަބަސް ފެންނަގޮތަށް ކޮނޑު އަރުވާލާފައި އޭގައި އަތް ޖައްސައިލީ އެދަބަހަށް ސަމާލުކަން ގެނުވާފަދަ ގޮތަކަށެވެ. މަޝްހޫރު ބްރޭންޑެއްވީމަ ލޮލުގައި އަޅައިގަންނާނެތާއެވެ.

"އިޓްސް އޯކޭއޭ. އެހެން މީހުން ޓިޕްސް ނުދިނަސް އަހަރެމެންނަކީ އެހެން ލެވެލްއެއްގެ ބަޔެއް......"

ޒުވާނާ ވަކި އެއްޗެކޭ ނުބުނެ ފައިސާ ގައި ހިފީ ހިފަން ނުހިފަން ކަހަލަ ގޮތަކަށް އިނގިލިތަކުގެ ކުރީކޮޅުންނެވެ. މިއީ ކޯންޗެއްހެއްޔޭ ބުނާފަދަ ނަޒަރުން ބަލަން އިނދެއެވެ. ގޯޅިކަން މައްޗަށް ގޮސްފައި އަދި އަމިއްލައަށް ފައިބާ ސާމާނު ނަގާދޭން އޭނަ ޚިޔާލެއްނުކުރިއެވެ. އޭނަ އެހެން ލާފައި ދިޔަ ބަންގްލާދޭޝް ޒުވާނަކަށް ގޮވާފައި އެކުދިންގެ ސާމާނު ގޯޅިކަންމައްޗަށް ބާލަދޭން އެންގިއެވެ.

"ވެދެއްވި ހުރިހާ އެހީއަކަށް މާތްﷲ ހެޔޮ ޖަޒާ ދެއްވާނެ.." ޒައިރާ މާމަގެ ވާހަކަތައް ހަދާން ކޮށްލިއެވެ. މާމަ ކޮންމެ މީހަކު ހެޔޮކަމެއްކޮށް ދިނަސް ޝުކުރު އަދާކުރާނީ އެކަހަލަ ގޮތަކަށެވެ. "ޝުކުރިއްޔާ" އެލަފުޒަށްވުރެ ހެޔޮ ދުޢާއެއް މާރަގަޅު ނޫންހެއްޔެވެ؟.

***

އެ ޒުވާނާ އިނީ މަޖާވި ވަރުން އެތެރެ އެތެރެއިން ހީލައެވެ. ޓިޕްސް އޭ ކިޔާފައި އެންމެ ފަސްރުފިޔާ ދީފައި އަދި ފޮނިކަނޑައިލި ވަރުން މީހަކު ހިނި ނާންނާނެހެއްޔެވެ. ފަސްރުފިޔާއަކީ މީހަކު ޓިޕްސް ދީފައި އަދި ލުއީ ވީޓޯން ދަބަސް އިޝްތިހާރުކުރަން އޭނަގެ ލޯމައްޗަށް ދިއްކުރާވަރުގެ އަދަދެއް ހެއްޔެވެ. އޭނަ އެއްއަތް ފަރުވާކުޑަގޮތަކަށް ހުންގާނުގައި ބާއްވައިގެން އަނެއް އަތުން އިންސްޓްގްރާާމްގައި އިނގިރޭސިބަހުން ލިޔުނެވެ. "މި އަންހެންކުދިން މަށާއި ހެދި އުޅޭވަރުން މިއުޅެނީ ނޭވާވެސް ލެވޭނެ ގޮތެއް ނެތިގެން. އަހަރެންގެ ޕްރައިވެޓް ކާރަށް އަރަންވެގެން ޓެކްސީއަކަށް އަތްނަގާ ކަމަށް ހެދިވެސް ގާތަށް އަންނަނީއޭ. މިވަރުން ކިހިނެއް މަގަށް ނުކުންނާނީ. ލޮލް."

***

"އެއީ ޖިންނިއެއްތަ؟ ހީ ޑިޑިންޓް ލުކް ރިއަލް. އައި މީން ހީޒް ގޯޖަަސް. ދެން ހަމަ އަނގައިން ބުނުމެއްނެތި މަގުން ދިޔަ މީހަކަށް ހިޓްލަރުހެން އޯޑަރު ދީފައި ސަމާނުތައް އަދި ގޯޅިކަންމައްޗަށް ޖަހާފައި ދާންވީތަ؟ ގެއާއި ހަމަޔަށް ގެންގޮސްދިންނަމަ.ޑްރައިވަރުންވެސް އުޅޭ ފާޑެއް. ދެން ފެނިއްޖެއްޔާ ހިތުން ނުފިލާވަރުގެ ލަނޑެއް އެ ފިރިހެނާއަށް ދޭނަން......... "ޒައިރާ ކުދި ކިޔަމުން އަވަން އަޅާފައި ހުރި ފޮށިގަނޑު ކޮނޑަށް ލީ ދާދި ފަސޭހަކަމާއެކުގައެވެ. ފިރިހެނެއްގެ ހިތްވަރު ހުރި ފަދައެވެ.

"ޑްރައިވަރު ގާތު ގޯޅިކަން މައްޗަށް ލާދޭށޭ ބުނީމަ އޭނަ ލާނީ މިތަނަށް ތާ. ނޮޓް ހިޒް ފޯލްޓް. ހީ ވޯޒް ކައިންޑް. ވަރަށް ލަވިން ސްމައިލެއް ލިލީއަށް ދިނީ....."

"ސީރިޔަސްކޮށް އޭނަ ރަގަޅު އެކަމަކު އެވާނީ އަަހަރެމެންގެ ރިޗްކަން އެނގި ފަހަތު އަޅުވައިގަންނަންވެގެން ކަމަށް. އޭނަ އަދި މިގޭ ގޯޅިކަންމަތިން ފެންނަން ނުފަށައިފިއްޔާ ނަސީބެއް....."

ކެމީލާ ކޭކު މިކްސަރު ނެގިއެވެ. ބަންގާޅީ ކުއްޖާއަށް އެ މަންޒަރު ފެނި ހަމްދަރުދީވެގެން ބާކީ ހުރި ސާމާނުތައް ގެއާއި ހަމަޔަށް ގެންގޮސްދީފައި މުސާރަ ހޯދަން ބުނެލިގޮތުން ޒައިރާ ލޯ ބޮޑުކޮށްލިއެވެ.

"މަ ބުނެގެނެއްނޫން. ކަލޭ އަމިއްލައަށް ވޮލަންޓިއާކޮށްފައި އަދި ފައިސާއޭ އެބަކިޔައެއްނު. އެކަމަކު ދެން.......މަޑުކުރޭ" އެމީހާ އަނގަ ރަކިވީވަރުން ޒައިރާ ދަބަސް ހާވާލާފައި ދިހަރުފިޔާ ދިނުމުން އެޒުވާނާ ހިނގައްޖެއެވެ.

"އެދިޔައީ އެންމެ ފަހު ލާރިކޮޅު ދޯ ދޮންތާ.." ކެމީލާވެސް ދަބަސް ހާވަންފެށިއެވެ.

"ނޯ ވޮރީސް ލިލީބެލްސް. ދޮންތަ ޖޮބަށް ދާންފެށީމަ އުދުހިފައި އުޅޭނީ.." ޒައިރާ ކުޑަކޮށް ނަށައިލުމުން ކެމީލާ ހޭންފެށިއެވެ.

ގެއަށް ވަންއިރު ވަރުބަލިވެ އަނގަ ހުޅުވިފައި ހުއްޓަސް ޖޫސް ތަށްޓެއް ބޯލައިގެން ކެމީލާ އުޅެގަތީ ކޭކު ފިހުމަށެވެ. ކޭކު އަވަނަށްލާފައި ރަޖާ އަޅައިގެން ސޯފާގައި އޮތްވާ ކޭކު ފިހޭ މީރުވަސް ސިޓިންރޫމްގައި ހިފާލައިފިއެވެ. ވާރޭގެ އަޑުވެސް އެއްވާނަކަށް ހިފާލާފައިވެއެވެ. އެހެންވެ ލޮލަށް ބަރުވަމުންގޮސް ނިދީގެ އާލަމަކަށް ދަތުރުކޮށްފިއެވެ. ޒައިރާ ވެސް ކޮޓަރިއަށްވަން ގޮތަށް ނެޓްގައި ވަގުތު ބޭކާރުކުރަން އޮވެވުނީއެވެ. ކެމީލާ ހޭލެވުނީ އެއްޗެއް އަނދާ ވަސް ނޭފަތުގައި ޖެހިގައެވެ. ފުންމައިގެން ތެދުވެ ގޮސް އަވަންގެ ތެރެ ބަލައިލެވުނެވެ. އެހާވަރުން އެޅި ކޭކުގެ މަތީބައި އެނދީއެވެ. ކޭކު ފިހާއިރު އެއްވަރަށް ހޫނުކޮށް ބަހައްޓަން ހުރި ބައި ކެމީލާއަށް ނުޖެއްސުނީއެވެ. ކިޔާން ގެއަށް އައުމުން ހަތަރުމީހުންވެގެން ކޭކުގެ މަތީބައި ކަފާލާފައި ކޭކު ކާލިއެވެ. ކިޔާންގެ ހިތް ޒައިރާއަށް ތައުރީފުކުރިއެވެ. އެހާވަރުން ފެޝަނާއިހެދި އުޅޭ ކުއްޖަކު ކޮއްކޮއަށްޓަކާ އެވަރުގެ ގުރުބާނެއް ވުމަކީ ކުޑަކަމެއް ނޫނެވެ. އެއްވެސް އަމިއްލަ އެދުމެއްނެތް ސާފު ލޯތްބެއް އެ ހިތުގައިވެސް ވާކަން ސާބިތުކޮށްދިނީ އެ އަމަލުންނެވެ. ތިމާގެ އުފަލަށްވުރެ އެހެން މީހުންގެ އުފަލަށް އިސްކަން ދޭން ކޮންމެ ކޮންމެ މީހަކަށް ނޭގޭނެއެވެ. އެކަމުގެ ބަދަލެއްގެ ގޮތުން ކިޔާން އިތުރު ފަސްހާސް ރުފިޔާވެސް ދިނެވެ.

***

އިންޓަނޭޝަނަލް ސްކޫލްގެ ޔުނިފޯމް އަޅާ ތައްޔާރުވެ ނިމުނުއިރު ޒައިރާ އޭނަގެ ބޯ އިސްތަށިގަނޑު ރީތިކޮށް ގަތާލަދީފިއެވެ. މޫނުން މައުސޫމްކަމާއި ރީތިކަން ފެންނައިރު ކޮންމެވެސް ވަރަކަށް ވަރުބަލިކަން ފެންނާން ހުއްޓެވެ. ދެލޯ ކައިރި ވަޅުވަދެ ތުންފަތުގައި ހުންނަ ތެތްކަން ގެއްލިފައެވެ. ބައްޔަކާއި ހަގުރާމަ ކުރާ ކުއްޖެއްފަދައެވެ. އެހާ ހިއްކެވެ. އޭނަ ދަބަސް ކޮނޑުގައި އަޅުވާލައިގެން ހިނގައިގަތްތަނާ ވާރޭވެހިގަތުމުން ޒައިރާ ކުޑަ ހިފައިގެން ދުވެފައި އައެވެ. ސްކޫލް ކިތަންމެ ކައިރިވިޔަސް ޒައިރާ ކެމީލާއާއެކު އެހިސާބަށް ދިޔައެވެ. ބޮޑީގާޑެއްނެތި އެކަނި ފޮނުވަން ޒައިރާގެ ހިތް ނޭދުނީއެވެ.

ކެމީލާ ކޮރިޑޯއިން ހިނގާފައި ދިޔައީ އެހެން ކުދިންނަށް ބަލައިލުމެއްނެތިއެވެ. ކުއްލިއަކަށް ކޮންވެސް ކަހަލަ އެއްޗަކަށް އެރިފައި ކައްސާލައިގެން ވެއްޓުނުގޮތަށް ފައި މެށި އަތަށްވެސް ތަދުވެއްޖެއެވެ. ކުދިންތަކެއްގެ މަލާމާތުގެ ހުނުމުގެ އަޑުން ލަދުގަންނަ ގޮތްވި ނަމަވެސް ޖެހުނުލެކަށްވުރެ އަވަހަށް ތެދުވުނެވެ. ކެމީލާ އިސްއުފުލައިލިއިރު ޒުވާން ފިރިހެންކުއްޖަކާ ނަޒަރު ބައްދަލުވިއެވެ.

"ސްކޫލް ކެޕްޓަން ޖުއާން އަލީ ތައިމޫރް..." ކައިރީގައި ހުރި ކުއްޖަކު ތައާރަފުކޮށްދިނެވެ.

ކެމީލާއަށް ޖުއާންއާއި ހީލެވުނީ ބޭ އިޚުތިޔާރުގައެވެ. ޖުއާންއަށް އެކުއްޖާގެ ހިތްވަރާއިމެދު ހައިރާންވިޔަސް ހިނިތުންވުމުގެ ބަދަލު ދޭން ޟަމީރު މަޖުބޫރުކުރުވިއެވެ. ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރުވިއެވެ. އެހާ އަވަހަށް ތުން ފިތާލާފައި ބުމަ ކައިރިކޮށްލައިފިއެވެ. ނޭގިވެސް ކެމީލާ ހީލުމުން އެހެން އެކުވެރިންނަށް އެކަން ވީ ޖޯކަކަށެވެ. ކެމީލާ މޮޔަކުއްޖެއް ކަމަށްވެސް ހީކުރެވުނެވެ. ކޮންމެ ހާލެއްގައިވެސް ހިނިތުންވާ ހިތްވަރުގަދަ ހިތްހެޔޮ ފުރާނައެއްކަން އެހެން ކުއްޖަކަށް އިހުސާސް ނުކުރެވުނީއެވެ. އެހެން މީހުންގެ ނުބައި ކަންތައްތަކަށްވެސް މާފުދޭ ނުބައި ވިސްނުން ގެންގުޅޭ ޒާތުގެ ކުއްޖެއްކަމެއް އެ ސިޔާސަ މޮޅު ކުދިންނަށް ނުވިސްނުނީއެވެ.

ފުރަތަމަ ނަޒަރުންވެސް ކެމީލާގެ ހިތުގައި ޖުއާންއަށް ހިތުގައި ނޭގޭފަދަ ލޯތްބެއް ޖެހުނެވެ.

"އަތަށް ތަދުވިތަ؟ "ޖުއާން އެހިއެވެ.

ކެމީލާ މަޑުކޮށްލުމެއްނެތި ދާން ހިގައިގަތުމުން އެހެންކުދިންގެ ހުނުމުގެ އަޑު ކޮރިޑޯގައި ގުގުމާލާފައި ހުއްޓެވެ. ކެމީލާއަށް ޖެއްސުމަށް އޭނަގެ ފަޔާއި އަމާޒުކޮށް ދޮންކެޔޮ ތޮށިގަނޑެއް އެއްލާލާފައި މާ މާތްވާންވެގެން އަދި ހަމްދަރުދީވެސް ފައުޅުކުރީވިއްޔައެވެ. ކޮންމެގޮތެއް ވިޔަސް ޖުއާންއަށް އެކުއްޖާގެ ފަރާތުން ފެނުނު ފަރުވާ ކުޑަކަމާއި އޭނަގެ ސުވާލަށް ޖަވާބު ނުދީ ދިޔުމުން ކުށްވެރި ކުރުމަށް އެހެން އެކުވެރިން ބާރު އެޅިއެވެ.

"އިޓް ހާޓް ޔޯ އިގޯ. ނޫންތަ؟ "އެކަކު އެހިއެވެ.

"ވިލްޖެ މައުސް އެއްވީމަ ކުޑަކޮށް އެކަހަލަ ފާޑެއްވާނެ. ޕްރެޒިޑެންޓްގެ ސަން ކަން ނޭގުނީމަވެސް ހިތާމަކޮށްފިން. ގަދަރުވެރިން ވަކިކުރާން އެކަހަލަ ކުދިންނަކަށް ނޭގޭނެ. ޕްރެޒިޑެންޓް ސުވާލެއްކުރިޔަސް ރޮބޮޓެއްފަދައިން ޑަކް ހިގުމެއްގައި ދާނީ...." އަންހެންކުއްޖަކު ތުއިވެލާފައި ކިޔާލިއެވެ.

ކެމީލާ ކްލާސްރޫމަށް ވަދެ އިށިން އިރުވެސް މާ ރަަގަޅަކަށް ސިކުނޑިއަށް އެއްޗެއް ނުވަދެއެވެ. "ބްރެއިން ފޮގް"ވެފައި ހުރި ފަދައެވެ. މޭނުބައިކޮށް ހޮޑުލެވޭގޮތްވެއެވެ. ރިއްސަނީ އަތުގައި އެކަނިއެއް ނޫނެވެ. ދެފައި ފަޅައިގެން ގޮސްދާނެހެން ހީވިއެވެ. އެވަރުންވެސް ކިޔަވަން ބޭނުންވިއެވެ. ކިޔަވާ މޮޅުކުއްޖަކަށް ވުމުގެ ހުވަފެން އެހިތުގައި ވިއެވެ. އެކްލާހުގެ ކުދިންގެ ތެރެއިން އުމުރުން އެންމެ ބޮޑީ އޭނައެވެ. އެކަމަކު ހިކިކަމުންނާއި މޫނުމަތީގައި ހުންނަ ޅަކަމުން އެކަން އެހެން މީހަކަށް ފާހަގައެއް ނުކުރެވޭނެއެވެ. ދޭތެރެއަކުން ސްކޫލް ކެޕްޓަންގެ ލާނެތްކަން ހަދާންވެ ހިނިވެސް އައެވެ. ކްލާސް ނިމުނުއިރުވެސް ކެމީލާއަކަށް ޖުއާންއާއި ދިމާވުމުގެ ނަސީބެއް ނުލިބުނެވެ. ގެއަށް އައުމާއެކު ޒައިރާ ސުވާލުކުރަން ފެށުމުން ސްކޫލް ތެރެއަށް ވެއްޓި ފަޔަށް ތަދުވީކަމުގައި ބުންޏެވެ. ފައިގައި ހުރީ ތަންތަންގަނޑު ނޫފައިގެންފައެވެ. އޭނަ ގަނޑުފެން އަޅާދިނެވެ. ހޮސްޕިޓަލަށް ގެންދާން އުޅުމުން ކެމީލާ އިންކާރުކުރިއެވެ. ބޭސްލީމަ ރަގަޅުވެދާނެކަމުގައި ހީކުރެވުނެވެ. އެހާ ބަލިވެ އުޅެމުންވެސް ކެމީލާ ކަޕްކޭކު ހެދުމުގެ މަސައްކަތުގައި އުޅުނެވެ. އެދުވަހު ކޭކު ކުރީދުވަހަށްވުރެ މީރުވިޔަސް ތަންކޮޅެއް ހަރުކޮށް ހުރުމުން ހިތްހަމަޖެހޭވަރެއް ނުވިއެވެ. ޒައިރާ ހިތްވަރުދިނެވެ. އެދުވަހު އައިސިންޝުގާ އަދި ވިޕްކްރީމްވެސް ގެނެސްދިނެވެ. ޒައިރާގެ އަތުގައި ހުންނަ ފައިސާވެސް ގިނައިން ޚަރަދުކުރަނީ ކެމީލާއަށެވެ.

***

ޝައުން ނެނީގެ މުސާރަ ދެހާސް ރުފިޔާއަށް ހެދީ ކިޔާން ބޮލަށް ވަދެގެންނެވެ. އެންމެ ކުރިން އޭނަ ކަނޑައެޅީ ތިރީސްހާސް ރުފިޔާއެވެ. ކިޔާން ބުނި ގޮތުން އޭރުން ޕީއެޗްޑީ ހަދާފައި ތިބި ތައުލީމީ މީހުންވެސް އެ ވަޒީފާއަށް ކުރިމަތިލާނެއެވެ. ހަގީގީ މުސާރަ ކަނޑައަޅަންވާނީ ވަޒީފާއަށް އެކުއްޖަކު އައުމުން އެކުއްޖާގެ އުޅުމާއި ސުލޫކަށް ބަލާފައެވެ. ފައިސާއާއި ހެދި އައުމަށްވުރެ ކުދިން ބަލާދޭ ހިތުން އަންނަ ހިތްހެޔޮ ކުދިން ހޮވަން ކިޔާންގެ ޚިޔާލު ރަގަޅުކަމުގައި ޝައުންވެސް ގަބޫލުކުރިއެވެ.

ޒައިރާއާއި އިންޓަވިއު ކުރީ ޝައުން ފޯނުން ގުޅައިގެންނެވެ. އެކުއްޖާގެ ވާހަކަ ހުރީ ޝައުން ހިތްހަމަޖެހޭ ގޮތަކަށެވެ. ނަމަވެސް އެލީނާއާއި ބައްދަލުކުރަން އެގެއަށް އެކުއްޖާ ގެންނަން ޝައުން ނިންމިއެވެ. ކޮންމެ ގޮތެއްވިޔަސް ޒައިރާ މަސައްކަތްކުރާނީ އެލީނާއާއެކުގައި ތާއެވެ. އެގޭގައި އެކުއްޖާއަށް މަސައްކަތް ކުރެވޭނީ އެލީނާގެ ހުއްދަޔާއި ރުހުން ލިބިގެންނެވެ.

އުށްބައްތި ޗާންދަލިޔާގެ އައްޔާއިއެކު ބިއްލޫރި ފާރުން ބަގީޗާއަށް ބޯކޮށް ވާރޭ ވެހެމުންދާ މަންޒަރު ފެންނަނީ ނިކަން ހުވަފެނީ ކޮށެވެ. ފިނި ހިފާލާފައިވާއިރު ތަނުގައި ހިފާފައިވަނީ މީރުވަހެކެވެ. އަގުބޮޑު ފަރުނީޗަރުތަކާއި އަލިތަކުން ކާކޮޓަރި ފެންނަނީ އަރާމު ހިތްފަސޭހަ ތަނެއްގެ ގޮތުގައެވެ. ޝައުން އެކަނިމާ އެކަނި ކާން އިނެވެ. ރަންމުށިކުލައަށް ދާ ބުޅި އިސްތަށިގަނޑަށް ވެރިވެ ހައިލައިޓްވެފައިވާއިރު ފެންނަލެއް ހިތްގައިމެވެ. އެލީނާ ކާކޮޓަރިއަށް ވަދެފައި އެންމެ ކުރިންވެސް ލޮލުގައި އަޅައިގަތީ ޝައުންގެ އިސްތަށިގަނޑެވެ. ހަސަދަވެރިނުވާ ވަރެއް ނޫނެވެ. އަބަދުވެސް ޝައުންގެ އިސްތަށިގަނޑު ފެނުމުން އެލީނާ އެކަމާ ދެރަވެއެވެ. އޭނަ ވައްތަރުވަނީ ވާހަކަތަކުގައި ސިފަކޮށްފައިވާ ވެމްޕަޔަރު ޖިންނިއެއް ފަދައިންނެވެ. ލޮލުގައި ހުންނަ ތޫނު ބާރަކުން އެލީނާ ޖެހިލުންވާ ފަހަރު އާދެއެވެ. އެވަރުންވެސް އެލީނާ ދުވަހަކު އޭނަގެ ހިތުގައި ޝައުންއަށްޓަކާ އައުންސެއްގެ ބިރު ވާކަމަކަށްވެސް ނުދައްކައެވެ. އޭނަގެ ހިތުގައި ގަދަކުރުވަން ބޭނުންވަނީ ނަފްރަތެވެ. މީގެ އަށް އަހަރު ކުރީގެ ހާދިސާ ދުވަހަކު ހިތުން ނުފިލާނެއެވެ. ދުވަހަކު އެކަމަށް މާފެއް ހައްގެއް ނޫނެވެ. އަބަދަށްޓަކާ އެ ރުޅިވެރިކަމާއި ނަފްރަތު އޭގެ ތާޒާކަމާއެކު ބާއްވަން އެލީނާ ދައްކަން ޖެހެނީ އެހެން ކުލަވަރެކެވެ.

"އަދި ކިރިޔާ ގެއަށް އަންނަން ތިއެގުނީ؟ " އެލީނާ ގެ ފަން އިސްތަށިގަނޑު ވޫލްކޮޅުގެ ގައިދުން މިނިވަންކޮށްލަމުން ހުޅިއެއް ޖެހިއެވެ. ގަޔަށް ބާރު ކުރު ޓީޝާޓަކާއި ކަކުލާއި ހަމަޔަށް އޮތް ހަރުވާޅެއްގައި ހުރިއިރު މޭކަޕަކާއި ނުލާވެސް ރީއްޗެވެ. ރޭގަނޑަށް މޭކަޕް ދޮވެ ތާޒާ ވެލާއިރު ބަގީޗާގައި ތެމިފައިވާ ފިނިފެންމަލެކޭ ތަފާތެއްނެތެވެ.

"މާދަން މިގެއަށް އަންހެންކުއްޖެއް އަންނާނެ. ކަމުދަންޏާ އޭނަ ނެނީއެއްގެ ގޮތުގައި ގެންނަންވީ. ޑިސައިޑް ކުރާނީ މަށެއްނޫން...." ޝައުން ދެއްކީ އެހެން ވާހަކައެކެވެ.

"އަހަންނަށް ބޮޑަށް ރަގަޅީ ސަފަރު ކައްދަ ކަހަލަ ހަންޑިއެއް ލޫކާ ބަލަން ގެނައިއްޔާ. އެނޫން މީހަކަށް ލޫކާ މައިތިރި ނުކުރެވޭނެ. ސަތޭކަ ކުދިންނާއި ލޫކާ އެއްވަރު ހަމަ ހުވާ..ޓްވިންސްއިން ލިބުނުއިރު ދެ އަންހެންކުދިން ލިބުނުނަމަ....." އެލީނާ މިންވަރުފުޅާއި ނުރުހި ވާހަކަދައްކާފައި ހިތާހިތުން އެކަން ކުށްވެރިކުރިއެވެ.

"ލިލީ ބަލަނީ ދެން ކާކު؟ "

"އާއިޒާވެސް ލިލީ ބަލާދީފާނެ. އެހެން އެއްވެސް މީހަކަށް ލިލީއާއިމެދު އިތުބާރެއް ނުކުރެވޭނެ. އެ ލޫކާ ގަނޑު ހަލަނިކަމުން ނޫންމަ އެކަނިވެސް ލިލީ ބެލިދާނެ. ލިލީ އަކީ ހަމަ ސްވީޓްހާޓެއް...................." އެލީނާ ފްރިޖް ހުޅުވާލާފައި ކުޑަކޮށް ދިޔާވެފައިވާ ޗޮކްލެޓް އިނގިލިން ލޮވެލަމުން ކާންފެށިއެވެ. އަނގަަމަތީގައި ހުރީ ޗޮކްލެޓެވެ. މެދު ދަތުގައި ޗޮކްލެޓް އުނގުޅި ހަޑިވިއެވެ.

"މަންމަ ސަފަރު ކައްދައަކަށް ދޫކުރޭތަ. ލޫކާ ނުލަފާ ކުއްޖަކަށް ހެދިއްޔާ ހެދީ އޭނަގެ މަންމަ. ބޭޑް ޕޭރެންޓިން ގެ މިސާލެއް ތީ......... " ޝައުން ގެ ވާހަކަ ހުރީ ރުންކުރު ގޮތަކަށެވެ.

"އާރްގ............." އެލީނާއަށް އޭނަ ސަފަރުކައްދައާއި އަޅުވާ ކިޔުމުން އައި ރުޅީގައި ބޭނުންވީ ޝައުންގެ އަނގައިގާ ދަތް އަޅާ ކަނޑައިގަނެގެން ލޭ އޮހޮރުވާލާށެވެ. އޭރުން ދެވަނަ ފަހަރަށް އޭނައާއި އެކަހަލަ ހަންޑިއަކާއި އަޅުވާ ކިޔަން އަނގަ ހުޅުވަންވެސް ނުކެރޭނެއެވެ. ހުރިތާ ހުރެ އޭނަ ޚިޔާލުގައި އެކަންވެސް ކޮށްލައިފިއެވެ.

"އެންމެ ޕޭރެންޓެއްތަ ހުރީ؟ އާނ އެއީ ހަމަ ތެދެކޭ. ސިންގަލް ޕޭރެންޓަކަށް ކުދިން މެނޭޖްކުރާ އިރު އެހެން މީހަކަށް ފާޑެއް ނުކިޔޭނެ. އަބަދު ވައިރަސްތަކާއި އެކު އުޅެފައި ގެއަށް ވަދެފައި ކުދިން ގެންގުޅޭގޮތާއިމެދު އަދި ކްރިޓިސައިޒްކުރަން އެނގެނީ. ތިމާއަށް ލޫކާއަށް ޓައިމް ނުދެވޭކަމެއް ނުދަނޭ. ފްރައިޑޭގައި ނޫނީ ލޫކާ ގޮވައިގެން މިސްކިތަކަށް ނުދެވޭ. ޝޭޚެއްހެ ކާފަ ދަރިއެއް އެކަމަކު އަދި ގުރުއާން ރަގަޅަށް ނޭގޭ......................." އެލީނާ ތުން ފިތާލައިގެން ހަށަން ބަދެލައިގެން ހުއްޓެވެ.

"ވާހަކަ ނުދައްކާ މިތަނުން ދޭ..."

"އަހަރެންގެ ގެކަން ހަދާން ނައްތާނުލާ. ބައްޕަ ގިފްޓަކަށް ދެއްވި މަގޭ އަމިއްލަގޭގައި ބޭނުންގޮތަކަށް އުޅުމުގެ ހައްގު އޮންނާނެ. ރަށުފުރޭތަ ރަށަށްގަދަވާނެއޭ ބުނާ އުސޫލުން މަގޭ އަމިއްލަ ގޭގައި މިނިވަންކަން އޮންނާނެއެއްނު..." އެލީނާ ޗޮކްލެޓް ހުސްކޮށްފައި ކަރުދާސްގަނޑުގައި ދޫ ލައިފިއެވެ.

"އެކަމަކު މީހުން އިމްޕްރެސްކުރަން އަހަރެން ޔޫޒްކުރަން އެބަޖެހޭ. މަށަކީ އެލީނާގެ ޓްރޮފީ ދޯ. ޝޯ ކޭސްއަކަށް ލާފައި މީހުންނަށް ދެއްކެން.........." ޝައުން ތެދުވެ ޓިޝޫއަކުން އަތް ފޮހެލިއެވެ.

"އިގޯގެ ބޮޑުކަމުން ދުނިޔޭގައި ނުގަނޭ. ސުބުހާނަﷲ....." އެލީނާ އައޫޒުވެސް ކިޔާލައިފިއެވެ. އެންމެފަހުން އެވާހަކަ ނިމުނީ އެލީނާ ޝައުން ފިރިހެނަކާއި އަޅުވާ ކިޔަން ފެށީމައެވެ. އެހެންމީހުންނާއި ދުރުން އުޅޭއިރުވެސް މާ ގާތް ފިރިހެނަކު ހުންނަކަމަށް އާއިޒާ ބުނީއްސުރެ އެލީނާ ހުންނަނީ އެވާހަކަ ދައްކާނެ ފުރުސަތެއް ނުލިބިފައެވެ.

"** އޮފް އެލީނާ...." ޝައުން ލޯ ހަނިކޮށްލާފައި ބުނެލިގޮތުން އެލީނާ ސިހިއްޖެއެވެ. ޝައުންގެ އަނދިރި ފަރާތް އޭނަ ހުންނަނީ ނުދައްކަން ކެތްކޮށްލައިގެންނެވެ. އެކަމަކު މިރޭ މިހާ ރުޅި ގަދަވާންވީ ސަބަބެއް އެލީނާގެ ވިސްނުމަކަށް ނައެވެ.

ނުނިމޭ

comment ކޮމެންޓް