ދިވެހިންގެ މިނިވަންކަން ސިފައިން ދަމަހައްޓާނެ ކަމުގެ ޔަގީންކަން މާރިޔާ ދެއްވައިފި

މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގައި ރައީސް ސޯލިހު އާއި އެކު މިނިސްޓަރު މާރިޔާ (ވ) -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދިވެހިންގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމުގައި ސިފައިން ދެމިތިބޭނެ ކަމުގެ ޔަގީންކަން ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދެއްވައިފި އެވެ.

ދިވެހިރާއްޖެ އަށް ރަސްމީކޮށް މިނިވަންކަން ލިބުނުތާ 55 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޑިފެންސް މިނިސްޓާރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ، ރާއްޖެ އަކީ ޒަމާނުއްސުރެން މިނިވަންކަން މަތީ އޮތް ބައެއް ކަމަށާއި މި މިނިވަންކަމުގެ ސިއްރަކީ އަޅުގަނޑުމެންގެ ކާބަފައިން ގެންގުޅުނު ހިކުމަތު އަމަލީ ކަމަށެވެ.

އެގޮތުން ކާބަފައިން އަމަލުކޮށްފައިވަނީ ވަރަށް ވެސް ވިސްނުންތެރިކަމާއި އެކުކަން މާރިޔާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މިނިވަންކަން އެ ގޮތުގައި އަންނަން އޮތް ޖީލުތަކަށް ގެންގޮސްދިނުމަކީ އަޅުގަނޑުމެންގެ ބޮޑު ވާޖިބެއް ކަމަށެވެ.

"މި ވާޖިބު އަދާކުރުމުގައި އެންމެ އިސްދައުރެއް ކުޅޭ އެއްބަޔަކީ ދިވެހި ސިފައިން. ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިގްލާލު ދެމެހެއްޓުމަށްޓަކައި ދިވެހި ސިފައިން ވެފައިވާ ގުރުބާނީ އަދި ވަމުންދާ ގުރުބާނީ އަޅުގަނޑު މިއަދު ފާހަގަކުރަން. މިގޮތުގައި ސިފައިން ދެމިތިބޭނެ ކަމުގެ ޔަގީންކަން އަޅުގަނޑު މިއަދު ދިވެހި ރައްޔިތުންނަށް އަރުވަން،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން، ރާއްޖޭގެ އިގްތިސޯދަށް ކުރިމަތިލާންޖެހުނު ދަތިތަކާއެކު، ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން އަޅަމުން ގެންދާ ފިޔަވަޅުތަކާ ގުޅިގެންނާއި، ކޮވިޑް-19 އާ ގުޅިގެން، އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ތަފާތު ފިޔަވަޅުތައް އަޅަމުން އަންނާތީ މިނިވަން ދުވަހުގެ އިހްތިފާލުތައް މިއަހަރު ނުބާއްވާން ވަނީ ނިންމާފަ އެވެ.

މިނިވަން ދުވަހާ ގުޅިގެން މިއަދު އޮތީ ރާއްޖޭގެ ހުރިހާ ރަށެއްގައި ދިދަ ނެގުމާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދިވެހި ގައުމާ މުހާތަބު ކުރެއްވުމެވެ. އެ ދެ ހަރަކާތް ވެސް މިހާރު ވަނީ ނިމިފަ އެވެ.

comment ކޮމެންޓް