އެލްޓީ، ބްރަދަހޫޑް ޓާފް: އެންގުމަކާ ނުލައި އަތުލި އިރު ބަދަލުވެސް ނުދިން

އެލްޓީއާއި ބްރަދަހޫޑް ގުޅިގެން މާލޭގައި އަޅާފައިވާ ފުޓްސަލް ދަނޑު ---

ދަރުމަވަންތައިގެ އާ ސްކޫލު އެޅުމަށް ވިލާ ކޮލެޖް ދޮރު މަތީ އޮންނަ އެލްޓީ އެންޑް ބްރަދަހޫޑް ފުޓްސަލް ދަނޑު އެންގުމަކާ ނުލައި އަތުލައި، ހަދާފައިވާ އެއްބަސްވުން ބާތިލު ކޮށްފި އެވެ.

މި ފުޓްސަލް ދަނޑަކީ ލިޓްލް ޓައުން (އެލްޓީ) ސްޕޯޓްސް ކްލަބް އާއި ބްރަދަރ ހުޑް ސްޕޯޓްސް ކްލަބަށް، ކުރީގެ ސަރުކާރުން 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރ އިން އެންގްރީމެންޓް އެއް ހެދުމަށްފަހު ދީފައިވާ ދަނޑެކެވެ.

އެއާ އެކު މިހާރު އެތާ އަޅައިފާވާ ޓާފް ދަނޑަކީ ދެ ކްލަބުން އަމިއްލައަށް ހަރަދު ކޮށްގެން އަޅާފައިވާ ފެންވަރު ރަނގަޅު ފުޓްސަލް ދަނޑެކެވެ. އަދި މާލޭގައި ފުޓްސަލް ކުޅޭ ގިނަބަޔަކު ކޮރޯނާ ވައިރަހުގެ ސަބަބުން ދަނޑު ބަންދު ކުރަންދެން އެ ދަނޑު އައީ ބޭނުން ކުރަމުންނެވެ.

ނަމަވެސް ދާދިފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ބޭނުމަކަށް ކޮންސްޓްރަކްޝަން ކުންފުންޏަކާ ހަވާލު ކޮށްގެން އެ ކުންފުނީގެ މުވައްޒަފުން އައިސް ދަނޑު ވަނީ ރޫޅާލައިފަ އެވެ. އަދި އާއްމުވެގެންވާ މަންފާއަށް އެބިން މިނިސްޓްރީއާ ހަވާލުކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ފެންނާތީ ކުރިން ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށް ބުނެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ދަނޑުގެ ވެރި ދެ ކުލަބަށް ސިޓީއެއް ފޮނުވައިފަ އެވެ.

ބްރަދަހޫޑް ސްޕޯޓްސްގެ މެނޭޖަރު މުހައްމަދު ޖަޒްލާން "ސަން" އަށް ވިދާޅުވީ މި މައްސަލަ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފްގެ ސަމާލުކަމަށް ގެނައުމާ އެކު މިނިސްޓްރީން އެ ކުލަބުތަކާއި ރަސްމީކޮށް މީގެ ކުރިން ބައްދަލުކޮށްފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި އެ ދަނޑަކީ މިހާރު އޮތް ހާލަތުން ކޮންމެހެން ވެސް ނަގަން ޖެހޭ ދަނޑެއް ކަމަށް ބުނެފައިވާ ކަމަށާއި، އެކަމަކު އޭގެ ބަދަލުގައި ދެ ކުލަބަށް ލިބުނު ގެއްލުމުގެ ބަދަލު ދޭނެ ކަމަށް ވެސް ބުނި ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެއަށްފަހު އެއްވެސް ހަބަރެއް މިނިސްޓްރީން ނުވާ ކަމަށާއި، ހަދާފައިވާ އެއްބަސްވުމަށް އިހުތިރާމް ކުރާނެ ކަމަށް ކުރިން ބުނި ނަމަވެސް އެ އެއްބަސްވުން މިހާރު ވަނީ ބާތިލު ކޮށްފަ އެވެ.

ދަނޑު އަތުލާނަމަ އަތުލެވޭނީ އެހެން ދަނޑެއް ދީފައި ކަމަށާއި، ނޫނީ ދަނޑަށް ހަރަދެއް ކޮށްފައިވާނަމަ އަދުލުވެރި ބަދަލެއް ދީފައި ކަމަށް ކުރިން މިނިސްޓްރީން ހަދާފައިވާ އެއްބަސްވުމުގައި ބުނެފައިވާކަމަށް ޖަޒްލާން ވިދާޅުވިއެވެ.

އެކަމަކު އެންގުމަކާ ނުލައި ދަނޑު ނަގައި، އެއްބަސްވުން ބާތިލު ކުރި އިރު، އެއްބަސްވުން އުވާލުމުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަން މިނިސްޓްރީން ފުރިހަމަ ކޮށްދޭނެ ކަމަށް ވައުދުވެ ވަޑައިގެންނެވި ނަމަވެސް އެކަންތައްތައް ފުރިހަމަ ކޮށްފައި ނުވާކަން ޖަޒްލާން ވަނީ ފާހަގަ ކޮށްފަ އެވެ.

އެލްޓީ އެންޑް ބްރަދަހޫޑް ފުޓްސަލް ދަނޑުގެ އިތުރުން އެ ދަނޑާ އިންވެގެން އޮންނަ ދެ ވޮލީ ކޯޓުވެސް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލު އެޅުމަށް ނަގައިފަ އެވެ. އެކަމަކު އެތާނގައި އަޅާފައިވާ ދެ ވޮލީ ކޯޓުގެ ބަދަލުގައި މާލޭގައި މިހާރު ހޭންޑްބޯޅަ ކުޅެމުންދާ ދަނޑާއި އިންވެގެން އޮތް ހުސްބިމުގައި އިތުރު ތިން ވޮލީ ކޯޓު އެޅުމަށް ނިންމައި ޔޫތު މިނިސްޓްރީން ވަނީ އެކަމުގެ މަސައްކަތް ފަށާފައެވެ.

comment ކޮމެންޓް