މިއަދުވެސް ބައެއް ސަރަހައްދުތަކަށް އުދަ އަރާފާނެ

ވިއްސާރަވެ ކަނޑުގަދަ ދުވަހެއްގައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ މިއަދުގެ އެކި ވަގުތުތަކުގައި އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޯލްޑިވްސް މީޓިއޮރޯލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ސަރަހައްދުތަކަށް މޫސުން ގޯސްވެ އުދަ އެރުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ވަނީ އިއްޔެވެސް ބުނެފައެވެ.

މެޓް އޮފީހުން ބުނެފައިވަނީ މިރެއާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގުގުރުމާއެކު ވިއްސާރަކުރާނެ ކަމަށެވެ. އަދި ދެކުނުގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.

ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެ ކަމަށް މެޓް އޮފީހުން ބުންޏެވެ. އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖޭހެނެއެވެ. މެޓް އޮފީހުން ބުނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށެވެ.

ދެކުނުގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަ ވާނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ވަގުތު ބައެއް ސަރަހައްދުތަކަށް އުދަ އެރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް