ގޭބަންދާއި ރަށު ބަންދުގެ ސަބަބުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވޭ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ކޮވިޑް ރޯގާގެ ސަބަބުން ގޭ ބަންދާސި ރަށު ބަންދުގައި ރައްޔިތުން ތިބެންޖެހިފައި ވުމުން މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވޭ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ 55 ވަނަ މިނިވަން ދުވަހުގެ މުނާއްސަބަތުގައި ޓުވިޓާ މެދުވެރިކޮށް އިމްރާން ފޮނުވި މެސެޖެއްގައި ވިދާޅުވީ މިއަދު މިނިވަން ދުވަސަ ފާހަގަކުރަން ޖެހިފައި މިވަނީ މިނިވަންކަން ގެއްލުމުގެ އިހުސާސް ކުރެވެމުންދާ ދަނޑިވަޅެއްގައި ކަމަށެވެ.

މިއަދު އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރިމަތިވެފައިވާ ބޮޑެތި ދަތިތައް ވެސް ތަހައްމަލް ކުރަން ޖެހިފައިވާ ކަމަށް އިމްރާން ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ އަޅުވެތި ކަމުން އަރައި ގަތުމަށް ކާބަފައިން ކުރައްވާފައިވާ މަތިވެރި ޖިހާދު ހަނދާންކޮށް ކޮވިޑް 19 އިން އަރައިގަތުމަށް ކަމާ ބެހޭ ފަރާތްތަކުގެ އިރުޝާދާ އެކު ހުރިހާ އެންމެން ގުޅިގެން މަސައްކަތް ކުރުމަށް." އިމްރާން ވިދާޅުވި އެވެ.

އިމްރާން ވިދާޅުވީ ތާރީހަށް ބަލާ އިރު ވެސް ދިވެހިން ގިނަ ދުވަސް ހޭދަކޮށްފައި ވަނީ މިނިވަންކަން މަތީގައި ކަމަށެވެ. އަދި ދިވެހިންނަކީ އަޅުވެތި ކަމަށް ރުހޭ ބައެއް ނޫން ކަމަށް އިމްރާން ވިދާޅުވި އެވެ.

ކޮވިޑް 19 ހަލުވިކަމާ އެކު ފެތުރެން ފެށުމުން ރާއްޖޭގެ އެއްރަށުން އަނެއް ރަށަށް ނުދެވޭ ގޮތަށް ބަންދު ކުރީ އެޕްރީލް 15 ދުވަހު އެވެ. އަދި އެދުވަހުން ފެށިގެން ތިން މަސް ވަންދެން މާލޭގައި ދިރިއުޅޭ މީހުން ޒަރޫރީ ބޭނުމެއްގައި ނޫނީ ގެއިން ނުކުތުން އޮތީ މަނާ ކޮށްފަ އެވެ.

comment ކޮމެންޓް