55 ވަނަ މިނިވަންދުވަސް: ތަފާތު އެތައް އިހުސާސްތަކެއް

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 55 އަހަރު ފުރޭ ދިވެހިރާއްޖޭގެ އުފާވެރި މިނިވަން ދުވަހެވެ. މިނިވަން ދުވަހަކީ ރާއްޖޭގެ ހުރިހާ ރަށެއްގައި ކުދިބޮޑު އެންމެން ޝާމިލްވާ ގޮތުގައި އެންމެ ކުލަގަދަ ކޮށް ފާހަގަކުރަމުން އައި އެއް ދުވަހެވެ. އެދުވަހަކަށްޓަކައި ގައުމުގެ ކުދިބޮޑު އެންމެން އިންތިޒާރު ކުރަމުން އައިދުވަހެވެ. ދައުލަތުގެ އެންމެ އިސްވެރިން އެއްމައިދާނަކުން ރައްޔިތުންނަށް ފެނި އުފާވެރިކަމުގެ ރާގުތަކާއި މަންޒަރުތަކުން ހިތަށް ހަމަޖެހުމާއި މިނިވަންކަމުގެ އުފާވެރިކަން އިހުސާސްކޮށްދޭ ދުވަހެވެ.

މިއަދު އަޅުގަނޑުމެން ފާހަގަކުރަމުން މިދަނީ މިނިވަންކަމުގެ އުފަލެވެ. ޤައުމާއި ދީނުގެޙައްޤުގައި އަދި ވަކިން ޚާއްޞަކޮށް މިޤައުމު މިނިވަންކަންމަތީ މިޖީލާ ހަމައަށް ވާރުތަކޮށްދެއްވި އަގުހުރި ކާބަފައިންގެ މިންނެތް ޤުރުބާނީގެ މަތިން ހަނދާންކޮށް އެމާތް އަބުޠާލުންނަށް ޒިކުރާގެ އަގުހުރި މުތީތަކުން ވެދުން ބަރުތީލަ ކުރާދުވަހެވެ.

ޖުލައި 26، 2020: މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަމަވެސް މިނިވަންކަމަށް 55 އަހަރު ފުރިގެން ދާހިނދު މިއަދު އަޅުގަނޑުމެންގެ ހިތްތަކުގައި ފުރި އުތުރެމުން މިދަނީ އުފާވެރިކަމުގެ އިޙުސާސްތަކެކޭ ދެންނެވޭކަށްނެތެވެ.

މިއަދު އަޅުގަނޑުމެން އިންތިޒާރުކުރަމުންދިޔަ ޤައުމީ ދިފާޢީބާރުގެ ޕެރޭޑުގެ ބުންއަޑެއް މިޤައުމުގެ ފަޒާއިން ގުގުމަމުންނެއް ނުދެއެވެ. ސްކޫލުކުދިންގެ ހިތްގައިމު ޙަރަކާތްތަކެއް ވެސް ފެނިގެނެއް ނުދެއެވެ. މުޅި ޤައުމު އަދި މުޅި ދުނިޔެ މިވަނީ ކޮވިޑު19ގެ ނުރައްކާތެރިކަމުގެ ތެރެއަށް ޣަރަޤުވެފައެވެ. ގައުމުގެ މިނިވަންކަމާއި ސިޢާދަތަށް ލޮޅުން އަރާކަމުގެ އިންޒާރުގެ ރަނގަބީލު ޤައުމުގެ ހަބިތުން އެދަނީ އަޅަމުންނެވެ.

އަޅުގަނޑުމެންނަކީ ސިޔާސީ ގޮތުންނާއި އިގްތިސާދީ ގޮތުން މިނިވަން ބައެއްތޯ ސުވާލު އުފެދޭފަދަ އެތައްކަމެއް ދަނީ ހިނގަމުންނެވެ. އަޅުގަނޑުމެންގެ ގައުމުގައި ބިދޭސިންގެ ބާރުގަދަވެ ގައުމީ ސަލާމަތަށް ނުރައްކާތެރިވާކަމުގެ ބިރުވެރިކަން މިވަނީ ވެރިވެފަ އެވެ. މިގައުމުގެ ފަހުރުވެރި ކާބަފައިން ލެޔާއި ފުރާނައިން ގުރުބާންވެ މިޖީލުގެ ދަރިންނާ ހަމައަށް ވާރުތަކޮށް ދެއްވާފައިވާ މިނިވަންކަމުގެ ޝަރަފުވެރިނަން ބައެއްގެ އަޅުވެތިކަމަށް ދާކަމަށްބުނެ ދަނީ އަޑުތައް އުފުލަމުންނެވެ.

ޖުލައި 26، 2020: މިނިވަންދުވަހުގެ މުނާސަބަތުގައި ޖުމްހޫރީ މައިދާނުގައި ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެހެންކަމުން މިއަދު ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ދަރިއަކުވެސް ހެޔޮހިތުން މިކަންކަމާމެދު ވިސްނާ ފިކުރުކުރަން މިވަނީ ޖެހިފަ އެވެ. ތިމާގެ އަމިއްލަ މަސްލަޙަތަށް ވުރެ ޤައުމީ މަސްލަހަތު މިވަނީ އިސްކުރަންޖެހިފަ އެވެ. ތިމާގެ ޖީބަށް ވުރެ ޤައުމީގެ ޖީބަށް ބަރު ކުރެވޭތޯ މިވަނީ ސަމާލުކަން ދޭންޖެހިފަ އެވެ. ތިމާއަށް މިމާއްދީ ދުނިޔެއިން ލިބޭ އަރާމާ އުފަލަކަށްވުރެ ގައުމަށް ލިބޭނެ މަންފާއަކާއި ހަމަޖެހުމަކަށް އިސްކަން ދޭން މިވެނީ މަޖުބޫރުވެފަ އެވެ.

މިއަދު މި ހަންހާރަވެތި ގައުމު އަޅުގަނޑުމެން ކޮންމެ ފަރުދެއްގެ ކިބައިން އެދި އާދޭސް ކުރަމުން މިދަނީ ޤައުމަށް ވަފާތެރިވެދިނުމަށެވެ. ގައުމުގެ މިނިވަންކަމާއި މަތިވެރި ދީނަށް ބުރޫއަރާފަދަ ކޮންމެ ކަމެއް ހުއްޓުވައި ގައުމުއަމާންކަމުގެ އައްސޭރިއަކަށް ތަހުޒީބާއި ތަމައްދުނުގެ ފަޒާއަކަށް ގެންގޮސް ދިނުމަށެވެ. ގައުމީ މަސްލަހަތަށް ލޯބިކުރުމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު