މެލޭޝިއާ ސަރުކާރަށް ފާޑުކީ ބަންގުލަދޭޝްގެ މަސައްކަތު މީހަކު ހައްޔަރުކޮށްފި

މެލޭޝިއާއިން ފުރަބަންދު ތެރޭގައި ހައްޔަރު ކުރި ހިޖުރަވެރިންގެ ތެރޭގައި ރޮހިންގާ ރެފިއުޖީންނާއި ކުޑަކުދިން ހިމެނޭ ކަމަށް އެކްޓިވިސްޓުން ބުނޭ -- ފޮޓޯ: ގެޓީ

ކުއަލަލަމްޕޫރު (ޖުލައި 26): ކޮރޯނާވައިރަހުގެ ބަލިމަޑުކަމުގެ ތެރޭގައި މެލޭޝިއާގައި ތިބި ބޭރު މީހުންނާ މެދު އެގައުމުން އަމަލު ކުރި ގޮތަށް ފާޑުކީ ބަންގުލަދޭޝްގެ މީހަކު އެގައުމުން ހައްޔަރުކޮށްފި އެވެ.

އަލްޖަޒީރާގައިވާ ގޮތުން ރައިހާން ކަބީރު ނަމަކަށް ކިޔާ އެ މީހާ މެލޭޝިއާއިން ހައްޔަރު ކުރީ އެ މީޑިއާއިން އުފެއްދި ޑޮކިއުމެންޓްރީއަކަށް އޭނާ ދިން މައުލޫމާތާ ގުޅިގެންނެވެ. "ލޮކްޑް އަޕް އިން މެލޭޝިއާސް ލޮކްޑައުން"ގެ ނަން ދީފައިވާ އެ ޑޮކިއުމެންޓްރީގައި ކަބީރު ވަނީ މެލޭޝިއާގައި ތިބި ސައްހަ ލިޔެކިޔުންތައް ނެތް ބޭރު މީހުންނާ މެދު އެގައުމުގެ ސަރުކާރުން ތަފާތު ކުރުންތައް ގެންގުޅޭ ކަމަށް ބުނެފަ އެވެ. އަދި ފުރަބަންދު ތެރޭގައި އެ މީހުން ހައްޔަރުކޮށް ޖަލަށްލީ ކަމަށް ބުނެފަ އެވެ.

މިމަހުގެ ތިނެއްގައި އެ ޑޮކިއުމެންޓްރީ ދެއްކި ފަހުން މެލޭޝިއާއިން ވަނީ އެގައުމުގައި މަސައްކަތް ކުރުމަށް ކަބީރަށް ދީފައިވާ ހުއްދަ ބާތިލުކޮށްފަ އެވެ. އަދި އިއްޔެ އެގައުމުގެ އިމިގްރޭޝަން ޑިޕާޓްމެންޓުން ވަނީ ކަބީރު ހައްޔަރުކޮށްފައިވާ ކަމަށާއި އޭނާ ޑީޕޯޓުކޮށް، ދެން އެގައުމަށް ނުދެވޭނެ ގޮތަށް ބްލެކްލިސްޓު ކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ސަބަބަކާ ހެދި ކަމެއް އެ ޑިޕާޓްމެންޓުން ހާމަ ނުކުރެ އެވެ.

ކަބީރު ހައްޔަރު ކުރުމުގެ ކުރިން އޭނާ ވަނީ އޭނާ އެއްވެސް ކުށެއް ނުކުރާ ކަމަށާއި ދޮގެއް ނަަހަދާ ކަމަށް ބުނެފަ އެވެ. އަދި އޭނާ ވާހަކަ ދެއްކީ ހިޖުރަވެރިންނާ މެދު ގެންގުޅޭ ތަފާތު ކުރުންތަކާ ބެހޭ ގޮތުން ކަމަށާއި އޭނާ ބޭނުން ވަނީ ހިޖުރަވެރިންނަށް ގަދަރުވެރި ދިރިއުޅުމެއް ލިބުން ކަމަށް ބުނެފަ އެވެ.

"އަހަރެން އެއްވެސް ކުށެއް ނުކުރަން. އަހަރެން ދޮގެއް ނަހަދަން. އަހަރެން ހަމައެކަނި ވާހަކަ ދެއްކީ ހިޖުރަވެރިންނާ މެދު ގެންގުޅޭ ތަފާތު ކުރުންތަކާ ބެހޭ ގޮތުން. އަހަރެން ބޭނުމީ ހިޖުރަވެރިންނާއި އަހަރެންގެ ގައުމަށް ލިބެން ޖެހޭ ގަދަރު ލިބުން. އަހަރެން އުއްމީދު ކުރަނީ ހުރިހާ ހިޖުރަވެރިންނާއި ބަންގުލަދޭޝްއިންވެސް އަހަންނާއެކު ތެދުވާނެ ކަމަށް،" ކަބީރު ބުނި ކަމަށް ޑެއިލީ ސްޓާ ނޫހުން ރިޕޯޓު ކުރި އެވެ.

އަލްޖަޒީރާގައިވާ ގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރު ފުރަބަންދުކޮށްފައި އޮތް އިރު އެ ސިޓީން 2،000އަށް ވުރެ ގިނަ ހިޖުރަވެރި މަސައްކަތްތެރިން ހައްޔަރުކޮށްފައިވެ އެވެ. އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ އެކްޓިވިސްޓުން ވަނީ އެގައުމުން ކުޑަކުދިންނާއި ރޮހިންގާ ރެފިއުޖީންވެސް ހައްޔަރު ކުރި ކަމަށް ބުނެފަ އެވެ.

މެލޭޝިއާގެ ބައެއް މީޑިއާތަކާއި އިސް އޮފިޝަލުން ވަނީ އެ ޑޮކިއުމެންޓްރީގައި ސައްހަ ނޫން މައުލޫމާތު ގެނެސްފައިވާ ކަމަށް ބުނެ ފުލުހުންނަށް ޝަކުވާ ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ވަނީ ތަހުގީގު ކުރަން ފަށާފަ އެވެ.

ނަމަވެސް އަލްޖަޒީރާއިން ވަނީ އެތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި އެ ޑޮކިއުމެންޓްރީއާ ގުޅިގެން އެ މީޑިއާގެ މުވައްޒަފުންނަށް އޮންލައިންކޮށް ފުރައްސާރަކޮށް، މަރުގެ އިންޒާރު ދެމުންދާ ކަމަށް ބުނެފަ އެވެ.

ހިއުމަން ރައިޓްސް ވޮޗްއިން ވަނީ މެލޭޝިއާގެ އެ ނިންމުން ކުށްވެރިކޮށްފަ އެވެ. އަދި އެ ނިންމުމާއެކު އެގައުމުގައި މަސައްކަތް ކުރާ ބޭރު މީހުންނަށް ސަރުކާރުން ފޮނުވައިދޭ މެސެޖަކީ، އެމީހުންނާ މެދު ކިތަންމެ ގޯސްކޮށް އަމަލު ކުރި ނަމަވެސް އެގައުމުގައި ތިބެން ބޭނުން ނަމަ ހަނު ތިބުމަށް ކަމަށް ބުނެފަ އެވެ.

comment ކޮމެންޓް