ބަލި ދަރިފުޅު އުރައިގެން މުލިއާގެ ކުރިމަތީގައި އެހީއަށް އެދެފި

މުލިއާގެ ކުރިމަތީގައި ކުއްޖާގެ ބައްޕަ އެހީއަށް އެދެނީ --

ހިތުގެ ބައްޔަކަށް ފަރުވާ ހޯދަން ޖެހިފައިވާ ދަރިފުޅަށް އާސަންދައިގެ އެހީގައި ބޭރަށް ދަތުރުކުރުމުގެ ފުރުސަތު ދިނުމަށް އެދި ދެމަފިރިއަކު ދަރިފުޅު ގޮވައިގެން މުލިއާގެ ކުރިމަތީގައި އެހީއަށް އެދެފިއެވެ.

ކުއްޖާގެ މަންމަ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި އާންމުކޮށްފައިވާ ލިޔެކިޔުންތަކުގައިވާ ގޮތުގައި ދަރިފުޅު ޔޫން މުހައްމަދު ޔުނާންގެ ހިތުގައި މައްސަލައެއް ހުރެއެވެ. އެ ކުއްޖާ އެންމެ ކުޑައިރުވެސް ހިތުގެ އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ. އަދި މިހާރު ދިމާވެފައިވާ އެހެން މައްސަލައެއް ހައްލު ކުރަން އަލުން އޮޕަރޭޝަން ކުރަން ވަނީ ޖެހިފައެވެ.

އެ އޮޕަރޭޝަން ކުރެވެނީ އިންޑިއާގެ ކޮޗީގައި ހުންނަ ލިސެއި ހޮސްޕިޓަލުގައި ކަމަށް އެ ފޭސްބުކް ޕޯސްޓުގައިވެއެވެ. އެއީ އާސަންދަ ކަވަރު ނުކުރާ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލުން ދީފައިވާ ލިޔެކިޔުމުގައި ވާގޮތުގައި ކުއްޖާގެ އޮޕަރޭޝަނަށް ގާތްގަނޑަކަށް 400،000 ރުޕީސް (ގާތްގަނޑަކަށް 5400 ޑޮލަރު) ބޭނުންވާނެއެވެ. އަދި އެއް މަސް ދުވަހު އިންޑިއާގައި މަޑު ކުރަން ޖެހެއެވެ.

ކުއްޖާގެ ބައްޕަ ފޭސްބުކްގައ ބުނީ މުލިއާގެ ކުރިމައްޗަށް ދިޔައީ، ފަރުވާ ހޯދަން އިންޑިއާއަށް ދާން އާސަންދައިގެ ފްލައިޓަކުން ޖާގައެއް ނުލިބި، އެހެން ގޮތެއް ނެތިގެން ކަމަށެވެ.

އާސަންދައިގެ މީޑިއާ އޮފިޝަލު މިކަމާ ގުޅިގެން ވިދާޅުވީ، ކުއްޖާގެ ފަރުވާއަށް އާސަންދަ ވަނީ ހަމަޖެހިފައި ކަމަށެވެ. އެ ދެމަފިރިން ބޭނުންވަނީ ކުއްޖާ އަމްރީތާ ހޮސްޕިޓަލަށް ގެންދަން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް، އެ ހޮސްޕިޓަލަށް އާސަންދައިގެ އެހީގައި ގެންދިޔަ ބައެއް މީހުން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާތީ މި ވަގުތަށް އަމްރީތާއަށް އިތުރު މީހުން ގެންދެވެން ނެތްކަމަށް އޮފިޝަލު ވިދާޅުވިއެވެ. އެހެންވެ، ދެން އާސަންދައިގެ އެހީގައި އިންޑިއާއަށް ގެންދާ މީހުން ގެންދަން ހަމަޖެހިފައި ވަނީ ކިމްސް ހޮސްޕިޓަލަށް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޭޝަންޓްގެ ޕޭރެންޓުން ބޭނުންވަނީ ފަރުވާއަށް އަމްރީތާ ހޮސްޕިޓަލަށް ފޮނުވަން. އެހެން ނަމަވެސް މިހާރު ފަރުވާއަށް އިންޑިއާގެ އަމްރީތާއަށް ގޮސް ތިބި ބަލިމީހުންނާއި އެހީތެރިންގެ ތެރެއިން 3 މީހަކު ކޮވިޑް19 އަށް ޕޮޒިޓިވްވެ އެމީހުން ވަކިން ކަރަންޓީނުކޮށް ބައެއް މީހުން ވަކިން އައިސޮލޭޓް ކުރަން ޖެހުމާ ގުޅިގެން މިވަގުތު އަމްރީތާގަ އިތުރަށް ކަރަންޓީނުކޮށްގެން ފަރުވާދެވޭނެ ޖާގަނެތުމުން، ބުދަ ދުވަހު ފަރުވާއަށް ފުރާ ބެޗް ފޮނުވުމަށް ހަމަޖެހިފައިވަނީ ކިމްސް ހޮސްޕިޓަލަށް. ކިމްސް ހޮސްޕިޓަލަށް ދާން ޕޭރެންޓުން ބޭނުން ނުވުމުން، ދެން އަމްރީތާއަށް ފޮނުވާ ބެޗެއްގައި އެ ކުއްޖާވެސް ފޮނުވާގޮތަށް ހަމަޖެހިފައި އޮތީ. އަދި ވަކިންވެސް ކުއްޖާ އަމްރީތާއަށް ފޮނުވޭނެ ގޮތެއް ހަމަޖެހޭތޯ އާސަންދައިން ދަނީ މަސައްކަތް ކުރަމުން،" އާސަންދައިން ބުންޏެވެ.

މިއަދު ހަވީރު މުލިއާގެ ކުރިމަތީގައި ދަރިފުޅު އުރައިގެން ހުރެ ކުއްޖާގެ ބައްޕަ ފޭސްބުކްގައި ލައިވްކޮށް ބުނީ މުލިއާގެ ކައިރިއަށް އައީ ވަރަށް ގިނަ ތަންތަނުގައި އެހީއަށް އެދުމުންވެސް އެހީ ނުލިބުމުން ކަމަށެވެ. އޭނާ ބުނީ ދަރިފުޅަށް ފަރުވާ ދޭން ސަރުކާރުގެ އިދާރާތަކުން ލިބެން ޖެހޭ އެހީއެއް ނުލިބޭ ކަމަށެވެ.

"މަސައްކަތް އެބަ ކުރެވޭ. އަހަރެމެންނަށް އަހަރެމެންގެ ދަރިއަށްޓަކައި ކުރެވެން އޮތް ގޮތަށް އަހަރެމެން އެބަ މަސައްކަތް ކުރަން. އެކަމަކު އަހަރެމެންނަށް މި ކަމުގައި ސަރުކާރުންވެސް އެއްވެސް ތަނަކުންވެސް އަހަރެމެންނަށް އަސްލު ލިބިދޭން ޖެހޭ އެއްވެސް ކަހަލަ އެއްބާރުލުމެއް ނުލިބި އަހަރެމެންގެ ދަރިއަށް ފަރުވާ ނުލިބޭތީ ހަމައެކަނި އެވާހަކަ ބުނެލަން ބޭނުންވީ،"

comment ކޮމެންޓް