އަލަށް އުފަންވާ ކުދިންނަށް މަންމައިންގެ ފަރާތުން ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަ: ދިރާސާ

އަލަށް އުފަންވާ ކުދިންނަށް މަންމައިންގެ ފަރާތުން ކޮވިޑް ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާއަކުން ވަނީ ދައްކާފަ --

ނިއު ޔޯކް (ޖުލައި 25): ކޮވިޑް-19 ޖެހިފައިވާ މަންމައިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އަޅާ ނަމަ، އެމީހުންގެ ފަރާތުން އަލަށް އުފަންވާ ކުދިންނަށް ބަލި ޖެހުމުގެ ފުރުސަތު ކުޑަ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދަ ލާންސެޓް ޗައިލްޑް އެންޑް އެޑޮލެސެންޓް ޖާނަލްގައި ޝާއިއުކޮށްފައިވާ އެ ދިރާސާ ހަދާފައި ވަނީ ކޮވިޑް-19 ޖެހިފައިވާ 116 އަންހެނަކަށް މާޗް 22 އާއި މެއި 17އާ ދޭތެރޭ ލިބުނު 120 ކުދިން އޮބްޒާވްކޮށްގެންނެވެ. އެ ދިރާސާ ކުރިއަށްގެންދިޔަ އިރު އޭގެ ތެރެއިން ގިނަ ކުދިން ތިބީ މަންމައާ އެއް ކޮޓަރިއެއްގަ އެވެ. ނަމަވެސް އެއީ މަންމައާ ހަ ފޫޓު ދުރުގައި، ބަންދުކޮށްފައި ހުންނަ އެނދެއްގަ އެވެ. އަދި ގާތުންދޭ އިރު މަންމަމެން ތިބެން ޖެހެނީ މާސްކު އަޅައިގެންނެވެ.

މީގެ އިތުރުން ވައިރަސް ފެތުރުން ހުއްޓުވުމަށް އަތް ދޮންނަށް ޖެހޭ ގޮތް ފަދަ ކަންތައްތައް ބަޔާން ކޮށްފައިވާ ސިއްހީ ގައިޑްލައިންތަކަށް އެމީހުން އަމަލު ކުރަން ޖެހުނެވެ.

އެ ދިރާސާގައިވާ ގޮތުން އެ ކުދިން އުފަންވިތާ 24 ގަޑި އިރު ފަހުން ހުރިހާ ކުދިންވެސް ކޮރޯނާވައިރަހަށް ޓެސްޓު ކުރި އެވެ. އަދި 79 ކުދިން ފަސް ދުވަހާއި ހަތް ދުވަހާ ދޭތެރޭ އަދި 72 ކުދިން 14 ދުވަސް ފަހުން ޓެސްޓު ކުރި އެވެ. އެ ދިރާސާގައިވާ ގޮތުން އޭގެ ތެރެއިން އެއްވެސް ކުއްޖަކު ވައިރަހަށް ޕޮޒިޓިވް ނުވެ އެވެ.

މީގެ އިތުރުން އެއް މަސް ފަހުން އޭގެ ތެރެއިން 53 ކުއްޖެއްގެ ހާލު ބެލި ކަމަށާއި އެކުދިންގެ ހާލު ރަނގަޅު ކަމަށާއި އާދަޔާ ހިލާފު ކަމެއް ފާހަގަ ނުވާކަން ދިރާސާގައިވެ އެވެ.

އެހެންކަމުން، ވައިރަސް ފެތުރުން ހުއްޓުވުމުގެ ގޮތުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާ ނަމަ، ކޮވިޑް-19 ޖެހިފައިވާ މަންމައިންނަށް ރައްކާތެރިކަމާއެކު ގާތުން ދެވޭނެކަން މި ދިރާސާއިން ދޭހެވާ ކަމަށް ދިރާސާ ހެދުމުގައި އިސް ދައުރެއް އަދާ ކުރެއްވި ޕީޑިއެޓްރިކް އިންފެކްޝަސް ޑިޒީސް ސްޕެޝަލްސްޓި ޑރ. ޕެޓްރީޝިއާ ޑެލަމޯރާ ވިދާޅުވި އެވެ.

މީގެ އިތުރުން، އެ ދިރާސާ ކުރިއަށް ގެންދިޔުމުގައި އިސްކޮށް ހުންނެވި ޑރ. ކްރިސްޓިން ސަލްވަޓޯ ވަނީ ކޮވިޑް-19 ޖެހިފައިވާ އާ މަންމައިންނަށް އެ ދިރާސާގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހިތްހަމަޖެހުމެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މަންމަގެ ފަރާތުން ދަރިފުޅަށް ވައިރަސް ފެތުރުމުގެ ނުރައްކަލާ ބެހޭ ގޮތުން އަދި ބޮޑެތި ދިރާސާތައް ހަދަން ޖެހޭކަން ފާހަގަ ކުރައްވާފަ އެވެ.

ޑރ. ސަލްވަޓޯއަކީ ނިއު ޔޯކްގެ ޕްރެސްބިޓޭރިއަން/ވެއިލް ކޯނެލް މެޑިކަލް ސެންޓަރުގެ ޕީޑިއެޓްރިކް އިންފެކްޝަސް ޑިޒީސެސް ޑިވިޝަންގައި އެންމެ އިސްކޮށް ހުންނަވާ ބޭފުޅާ އެވެ.

"ކޮވިޑް-19 ޖެހިފައިވާ އާ މަންމައިންގެ ފަރާތުން އެމީހުންގެ ދަރިންނަށް ކޮވިޑް-19 ޖެހުމުގެ ނުރައްކާ ކުޑަކަން އަޅުގަނޑުމެންގެ ދިރާސާއިން އަންގައިދޭނެ ކަމަށް އަޅުގަނޑުމެން އުއްމީދު ކުރަން. ނަމަވެސް، މަންމަގެ ފަރާތުން ދަރިފުޅަށް ބަލި ފެތުރުމުގެ ނުރައްކާތައް އިތުރަށް ދެނެގަތުމަށްޓަކައި ބޮޑެތި ދިރާސާތައް އަދި ހަދަން ޖެހޭ،" ސަލްވަޓޯ ވިދާޅުވި އެވެ.

ދުނިޔޭގައި މިހާތަނަށް 15 މިލިއަނަށް ވުރެ ގިނަ މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން ނުވަ މިލިއަން މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ.

comment ކޮމެންޓް