ޒަވީ ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެ

ބާސާގެ ކުރީގެ ކެޕްޓަން ޒަވީ އެޓީމާއެކު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލަނީ --- ފޮތޯ/ އޭޕީ

ބާސެލޯނާއަށާއި، ސްޕެއިނަށް ކުރިން ކުޅުނު ހުނަރުވެރި މިޑްފީލްޑަރު ޒަވީ ހަނަންޑޭޒް ކޮވިޑް19 އަށް ޕޮޒިޓިވް ވެއްޖެކަން އޭނާ ހާމަކޮށްފި އެވެ.

ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް މިޑްފީލްޑަރު ކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ޒަވީ މިހާރު ފެތުރެމުންދާ ކޮވިޑް-19 ގެ ޝިކާރައަކަށް ވެފައިވާކަން އޭނާ އިއުލާން ކުރީ އިންސްޓަގުރާމު މެދުވެރިކޮށް ކުރި ޕޯޒްޓެއްގަ އެވެ. ޒަވީ ބުނީ، އޭނާ ކޮވިޑް-19ށް ޕޮޒިޓިވްވި ނަމަވެސް، ހާލު ރަނގަޅު ކަމަށާއި، ވައިރަހުގެ އެއްވެސް އަލާމާތެއް އޭނާގެ ހަށިގަނޑުން ފެނިފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

މީގެ ކުރިން ވެސް ގިނަ ފުޓުބޯޅަ ތަރިންތަކެއް ކޮވިޑަށް ޕޮޒިޓިވްވިކަން އިއުލާންކުރި އިރު ޒަވީ އެ ބަލި ޖެހުނު އިރު ހުރީ އޭނާ މިހާރު ކޯޗުކަން ކޮށްދެމުން އަންނަ އަލް ސާދުއާ ހަވާލުވެގެން ގަތަރުގަ އެވެ.

ޒަވީ ޕޮޒިޓިވްވުމާއެކު އޭނާ މިހާރު އައިސޮލޭޝަނަށް ބަދަލުކޮށްފައިވާ އިރު، އޭނާ ކޯޗުކޮށްދެމެން އަންނަ ގަތަރުގެ އަލް ސާދަށް މިވަގުތު އިރުޝާދު ދޭނީ ޓެކްނިކަލް ސްޓާފްގެ ހެޑް ޑޭވިޑް ޕްރަޓްސް ކަމަށެވެ.

ޒަވީ ކޯޗުކަން ކޮށްދެމުން އަންނަ އަލް ސާދު މިވަގުތު އޮތީ 32 ޕޮއިންޓާއެކު ލީގުގެ ތިންވަނައިގައެވެ. ލީގުގައި މިރޭ އަލް ސާދު ކުޅޭ މެޗެއް އޮންނާނެއެވެ.

ޒަވީ ވަނީ މިފަހުން ހާއްސަ އިހުތިޔާރެއް ލިބޭ ގޮތަށް އަލް ސާދުގެ އެއްބަސްވުން އާކޮށްފައެވެ. އެ ކުލަބުގެ ޒަވީ އާކޮށްފައިވަނީ އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. މި އެއްބަސްވުމުގައި ވަނީ ޒަވީއަށް ހާއްސަ އިހުތިޔާރެއްގެ ދަށުން ވަކި މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އޭނާ ބޭނުންވާ ކްލަބަކަށް ބަދަލުވެވޭނެކަން ހިމަނާފައެވެ.

ގަތަރުން މިހާތަނަށް އެއް ލައްކަ އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މި ބަލީގައި ގަތަރުން ވަނީ 164 މީހަކު މިހާތަނަށް މަރުވެފައެވެ.

comment ކޮމެންޓް