ސްޕެއިންގެ ކުރީގެ ރަސްގެފާނުގެ ކޮރަޕްޝަނުގެ ތުހުމަތުތަކާ ހެދި ޝާހީ އާއިލާއަށް ލޮޅުމެއް

ސްޕެއިންގެ ކުރީގެ ރަސްގެފާނު ހުއަން ކާލޯސް އާއި ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު ފިލީޕޭ -- ފޮޓޯ: ގެޓީ

މެޑްރިޑް (ޖުލައި 25): ސްޕެއިންގެ ކުރީގެ ރަސްގެފާނު ހުއަން ކާލޯސްގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަނުގެ ތުހުމަތުތަކާ ގުޅިގެން، އޭނާގެ ދަރިކަލުން އަދި މިހާރުގެ ރަސްގެފާނު ފިލީޕޭ ހަވަނަ، ބައްޕާފުޅާ ދުރަށް ޖެހިވަޑައިގަންނަވަން މަސައްކަތް ކުރައްވާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފި އެވެ.

ސްޕެއިންގެ ކުރީގެ ރަސްގެފާނުގެ މައްޗަށް ކޮރަޕްޝަނުގެ ތުހުމަތުކޮށްފައި ވަނީ އޭނާ ރަސްކަމުގައި ހުންނެވި އިރު، 2008 ވަނަ އަހަރު އޭރުގެ ސައުދީގެ ރަސްގެފާނު އަބްދުﷲ ދެއްވި 100 މިލިއަން ޑޮލަރުގެ ފައިސާގެ ހަދިޔާއަކާ ގުޅިގެންނެވެ. އަދި ސްޕެއިންއާއި ސުވިޒަލޭންޑުގެ ޕްރޮސެކިއުޓަރުން ދަނީ އެއީ މައްކާއާއި މަދީނާއާ ދޭތެރޭ ހައި-ސްޕީޑް ރޭލުގެ ނިޒާމެއް ގާއިމުކުރުމަށް ސްޕެއިންގެ ކުންފުނިތަކަކަށް ލިބުނު ކޮންޓްރެކްޓަކާ ގުޅުން ހުރި ފައިސާތޯ ބެލުމަށް ތަހުގީގު ކުރަމުންނެވެ.

އެ ތުހުމަތުތަކާ ގުޅިގެން މިދިޔަ މާޗް މަހު ރަސްގެފާނު ފިލީޕޭ ވިދާޅުވެފައި ވަނީ ކާލޯސްގެ ފަރާތުން ވާރުތަވާ ފައިސާއެއް ގަބޫލު ނުކުރައްވާނެކަމަށެވެ. އަދި ކާލޯސްއަށް ކޮންމެ އަހަރަކު އެލަވަންސެއްގެ ގޮތުގައި ދެއްވާ 217،000 ޑޮލަރު ދެން ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޝާހީ އާއިލާގެ ކަންތައްތައް އިތުރަށް ދެފުށް ފެންނަ ގޮތް ހެދުމަށް ސްޕެއިންގެ ގިނަ އަދަދެއްގެ މީހުން ދަނީ ގޮވާލަމުންނެވެ. އަދި ކާލޯސްގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން ރަސްގެފާނު ފިލީޕޭ ދުރަށް ޖެހިވަޑައިގަތުމަށްޓަކައި، ޝާހީ ގަނޑުވަރު ދޫކުރައްވާ ކާލޯސް ވަޑައިގަތުމަށް ފިލީޕޭ ވިދާޅުވާނެ ކަމަށް ސްޕެއިންގެ މީޑިއާތަކުން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ސްޕެއިންގެ ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކުރާ ގޮތުގައި ކާލޯސް ޝާހީ ގަނޑުވަރު ދޫކުރައްވާ ވަޑައިގަތުމަކީ ވެދާނެ ކަމެއް ކަމަށާއި ނަމަވެސް އެއީ އެ އާއިލާއިން ނިންމާނެ އެވެ.

ސްޕެއިންއަށް ޑިމޮކްރެސީ ގެނައުމަށް މަގުފަހިކޮށްދެއްވި ކާލޯސް ރަސްކަމުން ފައިބައިވަޑައިގަތީ އެ މަގާމުގައި ހުންނަވާތާ 39 އަހަރު ފަހުން، 2014 ވަނަ އަހަރެވެ. އޭނާއަކީ ރަސްކަމުގައި ހުންނެވި ގިނަ އަހަރުތަކުގައި ރައްޔިތުންގެ މެދުގައި މަގުބޫލު ބޭފުޅަކަށްވި ނަމަވެސް، ސްޕެއިންއަށް މާލީ ކާރިސާއެއް ދިމާވެފައި ވަނިކޮށް 2012 ވަނަ އަހަރު ބޮޓްސްވާނާއަށް އެތް ޝިކާރަ ކުރައްވަން ވަޑައިގަތުމާއި ދަރިކަނބަލުންގެ ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން ކާލޯސްއަށް ރައްޔިތުންގެ ނުުރުހުން އަމާޒުވި އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް