ޔޫއެންޑީޕީއާއި ހޯމް މިނިސްޓްރީ ގުޅިގެން މީޑިއާ ކެމްޕޭނެއް ފަށަނީ

ޔޫއެންޑީޕީއާއި ގުޅިގެން ހޯމް މިނިސްޓްރީން ކުރިއަށްގެންދަން ނިންމާފައިވާ މީޑިޔާ ކެމްޕޭނަށް ތައްޔާރުވުމުގެ މަސައްކަތް ފަށައިފިއެވެ.

މިއީ ޔޫއެންޑީޕީގެ އިންޓެގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕޭނެކެވެ.

އެ ކެމްޕޭނަށް ތައްޔާރުވުމަށްޓަކައި މަސްލަހަތުވެރިންގެ މެދުގައި އިއްޔެ އޮންލައިން މަސައްކަތު ބައްދަލުވުމެއް ވަނީ ކުރިއަށްގެންގޮސްފައެވެ. އެ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މާހިރު އީސާ އެވެ.

އެ މަސައްކަތު ބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާ މެދު މަޝްވަރާ ކުރުމެވެ. އަދި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ހިޔާލު ބަދަލުކޮށް، ކެމްޕެއިން މެދުވެރިކޮށް މުޖުތަމައުއަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން ވެސް މަޝްވަރާކުރި އެވެ.

މީގެއިތުރުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާއީ ބަދަހިކަމާއި މިކަމާ ގުޅިގެން މުޖުތަމައުއަށް ދިމާވާ މައްސަލަތަކާއި މައްސަލަތައް ހައްލުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރި އެވެ. މި މަޝްވަރާތަކުގެ އަލީގައި މީޑިއާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ވަނީ ފާހަގަކޮށްފަ އެވެ.

މަސައްކަތު ބައްދަލުވުމުގެ ކުރިން އިޖުތިމާއީ ބަދަހިކަމާއި ރާއްޖޭގެ މިހާރުގެ ހާލަތާ ގުޅޭ ގޮތުން ވެސް ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފަ އެވެ. މި މަސައްކަތު ބައްދަލުވުމުގައި 30 ފަރާތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ސަރުކާރުގެ މުއައްސަސާތައް، ޖަމިއްޔާތައް އަދި ގުޅުންހުރި އެހެން ފަރާތްތައްވެސް ހިމެނެ އެވެ.

comment ކޮމެންޓް