ފެނަކަ ކަލެކްޝަން ޑޭ: ނުދައްކާ ހުރި ބިލުތަކުގެ ފައިސާ ހޯދަން ފެނަކައިން ދޮރުން ދޮރަށް

އަތޮޅުތެރޭގައި ފެނަކައިން ފޯރުކޮށްދޭ ހިދުމަތަަށް ގިނަ އަދަދެއްގެ ފައިސާ ނުލިބި ހުރުމުން އެ ފައިސާ ހޯދުމަށްޓަކައި ފެނަކަ ކަލެކްޝަން ޑޭ 2020ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންގޮސްފި އެވެ.

ފެނަކައިން ބުނީ އިއްޔެ ހެނދުނު 8:00އިން ހަވީރު 6:00އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގައި އަތޮޅުތެރޭގައި ހިދުމަތްދޭ ފެނަކައިގެ ހުރިހާ ބްރާންޗަކުން ވެސް ބައިވެރިވި ކަމަށެވެ.

އެ ހަރަކާތުގެ ދަށުން ކޮވިޑް19އާ ގުޅިގެން މިހާތަނަށް ކަރަންޓު ބިލުތަކަށް ފައިސާ ނުދެއްކި ހުރި ފަރާތްތަކާ، ސަރުކާރުގެ އެކި މުއައްސަސާ އަދި ކުންފުނި ފަދަ ފަރާތްތަކާ ބައްދަލުކޮށް، ފައިސާ ނުދެއްކޭ ސަބަބު ހޯދައި އެ ފަރާތްތަކަށް ވީ އެންމެ އަވަހަށް ފައިސާ ދެއްކޭނެ ލުއި ފަސޭހަ ގޮތްތައް ހޯދަން ފެނަކައިން ވަނީ މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން މިގޮތަށް އެކި ފަރާތްތަކާ ބައްދަލު ކުރުމުގައި ފެނަކައިން ދާދި ފަހުން ތައާރަފުކުރި ބިލް-ޕޭ އެޕްލިކޭޝަން މެދުވެރިކޮށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ނިޒާމަށް ކަސްޓަމަރުން އަހުލުވެރިކޮށް އެ އެޕްލިކޭޝަން ބޭނުންކުރާނެ ގޮތް އޮޅުންފިލުވައިދީ، އިންސްޓޯލް ކޮށްދިން ވެސް އެ ހަރަކާތުގެ ދަށުން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ފެނަކައިން ބުނީ އެކުންފުންޏަށް ލިބެން ޖެހޭ ފައިސާ ލިބެންދެން، ކުރިއަށް އޮތް ދުވަސްވަތަކުގައި އެކި ސިފަސިފައިގައި އަތޮޅުތެރޭގެ ބްރާންޗުތަކުން މި ހަރަކާތް ކުރިއަށް ގެންދާނެ ކަމަށެވެ.

comment ކޮމެންޓް