ޝައްކެއް ނެތް، މަސްލަހަތު ފުށުއަރާނީ މިވަރަށް!

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދެހާސްސޯޅަ ވަނަ އަހަރުގެ އެމެރިކާގެ ރިޔާސީ އިންތިހާބަށް ރަޝިޔާއިން ނުފޫޒު ފޯރުވި ކަމަށް ތުހުމަތުވާ މައްސަލައިގައި ކުރަމުން ދިޔަ ތަހުގީގުން އެއްފަރާތްވާކަން ނުވަތަ ތަނާޒުލްވާކަން އެމެރިކާގެ އެޓާނީ ޖެނެރަލް ޖެފް ސެޝަންސް މާޗް، 2017ގައި އާންމުކޮށް އިއުލާން ކުރެއްވި އެވެ. ސެޝަންސް އެގޮތަށް ނިންމެވީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޓްރަމްޕްގެ ކެމްޕޭން ޓީމްގައި އޭނާ އިސްދައުރެއް އަދާކުރައްވާފައިވުމުން، އޭގެ ސަބަބުން ތަހުގީގުގެ އިންސާފުވެރި ކަމާ މެދު ސުވާލު އުފެދުމަށް ފުރުސަތު އޮތަތީ އެވެ. މީގެ އިތުރުން، ރިޔާސީ އިންތިހާބާ ގުޅިގެން މައްސަލައެއް ބަލާނަމަ، އެކަމުން ތަނާޒުލް ވާނެ ކަމުގެ ޔަގީންކަން އޭނާ އާންމުކޮށް ވެސް ދެއްވި އެވެ. އޭނާގެ ނިންމުން ބަދަލުކުރައްވަން ޓްރަމްޕް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ދިޔަ ނަމަވެސް، އެ ނިންމުން އޭނާ ބަދަލެއް ނުކުރެއްވި އެވެ. މިއީ މަސްލަހަތު ފުށުއަރާ މައްސަލަތަކުގައި ދުނިޔޭގެ އެންމެ ތަހުޒީބީ ޑިމޮކްރަސީތަކުގެ ބޭބޭފުޅުން އަމަލު ކުރައްވާ ރީތި ގޮތުގެ ކުޑަކުޑަ މިސާލެކެވެ.

އެހެން ނަމަވެސް ރާއްޖޭގައި ކަން ވަނީ މިހެން ހެއްޔެވެ؟

ޕްރޮސިކިއުޓާ ޖެނެރަލްއަކަށް މިހާރު ހުންނެވި ހުސެން ޝަމީމްއަކީ އެ މަގާމަށް ވަޑައިގަތުމުގެ ކުރިން މިފަހުން ރާއްޖޭގައި ހިންގި އެންމެ ބޮޑު ހިޔާނާތް ހިންގެވި ކަމަށް ތުހުމަތުވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. މީގެ އިތުރުން އެ މައްސަލައިގައި ދެން ތުހުމަތުވާ، އަބްދުﷲ ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ވެސް އޭނާ މަސައްކަތް ކުރެއްވި އެވެ. އަދި މިފަހުން ހާމަވި ގޮތުގައި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ އަދީބުގެ އިރުޝާދަށް ތަންތަނަށް އުފުލި މީހާ، މުހައްމަދު ހުސެއިން (އޮއިއްޓޭ) ތަހުގީގަށް އެއްބާރުލުން ދީ ދައުލަތާ އެކު ހެދި އެއްބަސްވުމުގެ ހުރިހާ ކަމެއްގައި އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މިހާރުގެ ޕީޖީ ޝަމީމް އެވެ.

މިއީ ޝަމީމް ޕީޖީއަކަށް ވަޑައިގަތުމުގެ ކުރިން، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އިސްކޮށް ތިބި ކަމަށް ތުހުމަތުވާ ފަރާތްތަކާ އެކު ޕީޖީ ބެހެއްޓެވި ގާތް ގުޅުންތަކެވެ. ނަމަވެސް، ޕީޖީ އޮފީހުގެ ޕްރޮސިކިއުޓަރުން ވެސް ބައިވެރިވެވަޑައިގެން ހިންގާ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގުގެ ކަންކަމުން ޕީޖީ ޝަމީމް އެއް ފަރާތްވެވަޑައެއް ނުގަންނަވަ އެވެ. ބަހަނާއަކަށް އެމަނިކުފާނު ވިދާޅުވަމުން ގެންދަވަނީ، ހިޔާނާތާ ގުޅިގެން އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތަކުގައި އަދީބުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރައްވާ ކަމަށާއި އަދީބުގެ ވަކީލަކަށް މަސައްކަތް ކުރެއްވީ، ރައީސްގެ ލޯންޗްކޮޅު "ފިނިފެންމާ"ގައި އެއްޗެއް ގޮއްވާލި ކަމަށް އޭނާއަށް ތުހުމަތުވާ މައްސަލައިގައި ކަމަށެވެ. އަދި އޮއިއްޓޭއާ ގުޅޭ ގޮތުން ޕީޖީގެ ތެރޭގައި މައްސަލައެއް ހިނގާ ނަމަ، އެކަމުން ތަނާޒުލްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވި އެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ބޮޑު ތަހުގީގުގެ މައްސަލައިން ތަނާޒުލުވުމާ މެދު ޕީޖީ ޝަމީމް ގެންދަވަނީ ތަކުރާރުކޮށް އިއުތިރާޒް ކުރައްވަމުންނެވެ. އަދި އެކަން ދިފާއުކުރައްވާ ނޫސްތަކަށާއި ޓީވީތަކަށް އެ ބޮޑު ހިޔާނާތާ ގުޅިގެން، މައުލޫމާތު ދެއްވާ އެކަމާ ގުޅިގެން އެމަނިކުފާނުގެ ހިޔާލުތައް ގެންދަވަނީ ވަރަށް ފުޅާގޮތެއްގައި ފާޅުކުރައްވަމުންނެވެ. އެކަމަކު ސުވާލަކީ، އެ މައްސަލައިގައި ތުހުމަތުވާ މީހުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް މަސައްކަތް ކުރައްވާފައިވާ އިރު، އެމްއެމްޕީއާރުސީގެ ތަހުގީގުގެ ކަންކަމުން ޕީޖީ ޝަމީމް ތަނާޒުލް ނުވެ ހުންނަވާ ނަމަ، އެ ތަހުގީގާ މެދު ޝައްކު އުފެއްދުމަށް ޖާގައެއް ނޯންނާނެ ހެއްޔެވެ؟ ޖަވާބު ވަރަށް ސާދާ އެވެ؛ ޝައްކެއް ވެސް ނެތެވެ. ސުވާލު އުފެދޭނެ އެވެ. މިހާރުވެސް ޝަމީމް ހުންނަވައިގެން ތަހުގީގު ގެންދަވާތީ ސުވާލު އުފައްދާ އެތައް ބަޔަކު އެބައުޅެ އެވެ.

ޕީޖީ ޝަމީމްއަކީ ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރައްވާ، އިންސާފުވެރި ބޭފުޅެއް ނޫނޭ އަޅުގަނޑު އެއްގޮތަކަށް ވެސް ދަންނަވަނީއެއް ނޫނެވެ. އެހެން ނަމަވެސް، އެމްއެމްޕީއާރުސީގެ ހިޔާނާތުގައި އެންމެ އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުވާ ބޭބޭފުޅުންގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލް ކަމަށް ވަޑައިގެން، އެބޭފުޅުންނަށް ތުހުމަތުވާ މައިގަނޑު މައްސަލައިން ޝަމީމް ތަނާޒުލް ނުވެ ހުންނެވުން އެއީ އެއްވެސް ބުއްދީގެ ހަމައަކުން ގަބޫލު ކުރެވޭ ކަމެއް ނޫނެވެ. އަދި އެއީ ރީތި ގޮތެއްވެސް ނޫނެވެ. އަދި އެއީ ގައުމީ މަސްލަހަތެއް ވެސް ނޫނެވެ.

އޮއިއްޓޭގެ މައްސަލަތަކުގައި ތަނާޒުލްވަމުން އަންނަކަމަށް ވިދާޅުވާއިރު، އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި ހުންނަވައިގެން ދައުލަތާ ދެމެދު ހެދި އެއްބަސްވުން ސީދާކޮށް އަދި ނުސީދާކޮށްވެސް ގުޅިފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައާ އެވެ. އެހެންކަމުން އޮއިއްޓޭއާ އެމްއެމްޕީއާރުސީގެ ހިޔާނާތާ ވަކިކުރެވެން ނެތްއިރު، އޮއިއްޓޭ އާއި ދައުލަތާ ދެމެދު ކުރާ މުއާމަލާތްތަކަކީ އެ ތަހުގީގަށް އަސަރު ކުރުމާއި ނުކުރުން ބިނާވެފައި އޮންނާނެ ކަމެކެވެ. އެހެން ނަމަވެސް، ދައުލަތާއި އޮއިއްޓޭއާ ދެމެދު ހިންގި މުއާމަލާތްތަކުގެ މެދުވެރިއެއްގެ ގޮތުގައި އޮއިއްޓޭގެ ކޮޅުގައި ހުންނަވާ ޝަމީމް މަސައްކަތް ކުރެއްވި އިރު، ޕީޖީ ކަމަށް ވަޑައިގެން އެމްއެމްޕީއާރުސީގެ ތަހުގީގުން ތަނާޒުލް ނުވެ ހުންނެވުމަށް ދައްކަން ޖެހޭ އެއްވެސް ބަހަނާއެއް ހަގީގަތުގައި އޮވެގެން ނުވާނެ އެވެ. ފެންނާން ހުރި ކަންކަމާއި އަދި ތިލަވެފައި ހުރި ކަންކަމަށް ބަލާއިރު، ނުސީދާ ގޮތުންނާއި ސީދާ ގޮތުން، އެމްއެމްޕީއާރުސީގެ ތަހުގީގުގެ އެތައް ކަމެއްގައި ޕީޖީ ޝަމީމްގެ މަސްލަހަތު ފުށުއަރަ އެވެ. އެއީ މެންދުރުގެ އިރުފަދައިގެން ފެންނަން ހުރި ދޮގު ކުރެވެން ނެތް ހަގީގަތެކެވެ.

ހަގީގަތުގައި ޕީޖީއަކަށް ހުންނަވާ ބޭފުޅެއްގެ އެންމެ ބޮޑު މަސްލަހަތަކަށް ވާން ޖެހޭނީ، ބޮޑު ހިޔާނާތުގެ ތަހުގީގެއްގެ ކަންކަން ޝައްކު ނުކުރެވޭ ވަރަށް ގެންދިޔުމުގައި އޭނާއަށް އަދާ ކުރެއްވެން އޮތް ޒިންމާ އަދާކުރެއްވުމެވެ. ދައުލަތުން ގެއްލުނު ފައިސާ ހޯދައި އެކަމުގައި އިންސާފު ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގައި ރައްޔިތުންގެ މެދުގައި ކިރިޔާ ވެސް ޝައްކެއް އުފެދޭ ގޮތަށް އެ ތަހުގީގުގެ ކަމެއް ހިނގައިގެން ނުވާނެ އެވެ. ކިރިޔާ ވެސް ޝައްކެއް ހިނގާ ކަމެއް ނަމަ ބަޔަކު ސުވާލު އުފަދައްދަން ޖާގަ ނުދެއްވާ އަމިއްލަ ޒިންމާ އަދާކުރެއްވުމަކީ ޝަމީމްގެ ޒިންމާއަކަށް ވެވަޑައިގަންނަވަން ޖެހެ އެވެ.

ނަމަވެސް ހިތާމައަކީ ޕީޖީ ޝަމީމްގެ ފަރާތްޕުޅުން އެކަން ފެނިގެން ނުދިއުމެވެ. އެ މައްސަލައިގައި ޝަމީމްގެ މަސްލަހަތު ވަރަށް ބޮޑަށް ހިމެނޭކަން ހާމަ ނުކުރައްވާ ވަރަށް ފަހަކާ ޖެހެންދެން ވެސް ހުންނެވި އެވެ. އޮއިއްޓޭގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވިކަން ހާމަވީ، ޝަމީމްގެ މައްސަލަ ބަލައިދިނުމަށް އެދި އަމިއްލަ ފަރާތަކުން ބާ ކައުންސިލަށް ހުށަހެޅި މައްސަލައެއްގެ ތެރެއިންނެވެ. އޭގެ ކުރިން ޕްރެސްތަކުގައި އަދި އިންޓަވިއުތަކުގައި ސާފު ސީދާކޮށް ޝަމީމް ވިދާޅުވަމުން ގެންދެވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން، އެއްވެސް ތުހުމަތުވާ މީހެއްގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ނުކުރައްވާ ކަމަށެވެ. އެހެންވެ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ތަހުގީގުން އޭނާ ތަނާޒުލް ވާން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ. މިއަދާ ހަމައަށް ވެސް އެ ސްޓޭންޑްގައި އޭނާ ހުންނަވައިގެން އަންނަނީ ކުރިއަށް ވަޑައިގަންނަވަމުންނެވެ. ބޮޑު ހިޔާނާތާ ގުޅިގެން މަސްލަހަތު ފުށުއަރާ ކަމެއް އޮތްކަން ހާމަކުރެއްވުމުގައި ވެސް ޝަމީމް ހުންނެވީ ފަހަތު ފަޔަށް ބުރަވެ ވަޑައިގެންނެވެ. ދެން އުފެދޭ ސުވާލުތަކަކީ؛ އެކި ބަހަނާތައް ދައްކަވައިގެން ޝަމީމް އެ ތަހުގީގުން އެއްފަރާތް ނުވެ، ހުންނެވުމުގައި އޮތީ ކޮން މަސައްލަހަތެއް ހެއްޔެވެ؟ ޝަމީމް ދިފާއު ކުރައްވަން ބޭނުންފުޅުވަނީ ކޮންބައެއްގެ މަސްލަހަތު ހެއްޔެވެ؟ ހަމަ ހަގީގަތުގައި ވެސް ރައްޔިތުންގެ މަސްލަހަތު އޮތީ ޝަމީމް އޭނާގެ މަސްލަހަތު ފުށުއެރުން އާންމު ނުކުރައްވާ ކުރިއަށް ވަޑައިގަތުމަކަށް ނޫނެވެ.

ދައުލަތުގެ ޕްރޮސިކިއުޓާ ޖެނެރަލްއަކީ އިންސާފުން ބޭރުވެ ވަކި ފަރާތްތަކަށް ޖެހިވަޑައިގެން ކަންކަން ކުރައްވާ ބޭފުޅެއް ކަމަށް ފެންނަ ގޮތަށް މަސައްކަތް ނުކުރެއްވުމުގައި ޕީޖީ ޝަމީމް އަމިއްލައަށް ވެސް އަދާކުރައްވަން ޖެހޭ ޒިންމާ އެކެވެ. އަދި އެއީ ގާނޫނީ ގޮތުން ވެސް ނަގަހައްޓަވަން ޖެހޭ ހަމައެކެވެ. ނަމަވެސް ޝަމީމްގެ ފަރާތްޕުޅުން އެކަމުގައި ފެނުނީ މުޅިން އެހެން މަންޒަރެކެވެ. މަސްލަހަތު ފުށުއެރުން އޮތް ކަމަށް ހާމަވެސް ނުކުރެއްވީ އެވެ. އަދި އެކަން ގަބޫލު ނުކުރައްވާ، އެ ސްޓޭންޑުގައި ކުރިއަށް ވަޑައިގަންނަވަނީ އެވެ.

ޕީޖީއަކަށް ވަޑައިގަންނަވާ ބޭފުޅަކުވެސް އެންމެ ބޮޑު މަސްލަހަތަކަށް ވާން ޖެހޭނީ ބޮޑު ހިޔާނާތުގައި އިންސާފު ގާއިމްކޮށް ދިނުން ނޫން ދެވަނަ ކަމެއް ނޫނެވެ. އެހެން ނަމަވެސް، ޝަމީމް އަމަލު ކުރައްވާ ގޮތުގެ ސަބަބުން އެ ތަހުގީގާ މެދު އާންމުންނަށް ޝައްކު އުފައްދަން އަނެއްކާ ވެސް ފުރުސަތު ލިބެނީ އެވެ. ޝަމީމް ޕީޖީކަމުގައި ހުންވައިގެން އަދި އެކަމުގައި އުފުލައްވާ ދައުވާތައް ވެސް، ކުރީގެ ކުލައިންޓުން ހިމާޔަތްވާ ގޮތަށް ނުއުފުލާނެ ކަމާ މެދު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އެ މައްސަލާގައި ޝަމީމްގެ އަމަލު ކުރެއްވި ގޮތުން ޕީޖީގެ އިންސާފުވެރިކަމާއި ދެ ފުށްފެންނަ، ހަމަހަމަ އުސޫލަކުން އަމަލުކުރާނެ ކަމާ މެދު މިހާރު އޮތީ ކޮން ޔަގީންކަމެއް ހެއްޔެވެ؟ އާންމުންގެ މަސްލަހަތު އެންމެ ބޮޑަށް އޮތް، ބޮޑު ހިޔާނާތުގެ މައްސަލާގައި ޝަމީމްގެ މަސްލަހަތު ފުށުއެރުން ސާފު ސީދަލަށް ވިދާޅުވެދެއްވަން ޝަމީމް ނުކުޅެދުމަކީ އޭނާގެ އިތުބާރު މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭ ކަމެކެވެ. ހަގީގަތުގައި، ޒިންމާދަރު ރައްޔިތުންގެ މަޖިލީހެއް އޮތް ނަމަ، ޝަމީމްގެ އެ މައްސަލަ ބަލަން ވެސް ޖެހޭނެ އެވެ. އޭނާ ހުންނަވައިގެން އެމްއެމްޕީއާރުސީގެ މައްސަލަތައް ކިތަންމެ އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވި ނަމަވެސް، އެކަން ބަލައިގަންނަން ރައްޔިތުންނަށް މިހާރު އުނދަގޫވާނެ އެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ޝަމީމްގެ މަސްލަހަތުގެ ކަންތައްތައް ފޮރުއްވައިގެން ހުންނަވައި އެ ތަހުގީގުގެ ކަންކަމުގައި ގޮތް ނިންމަވަމުން ގެންދެވުމަކީ ޝަމީމް ކޮން މަސްލަތެއް އިސްކުރައްވައިގެން ކުރައްވާ ކަމެއް ހެއްޔެވެ؟ މި ހުރިހާ ސަބަބުތަކަކާ ހުރެ ޝަމީމް ގޮތް ކިޔުއްވައިގެން އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުވާތައް އުފުއްލެވުމަކީ ހަމަ ޖެހޭ ކަމެއް ނޫނެވެ.

comment ކޮމެންޓް