ކުޅުދުއްފުއްޓަށް ބޯކަށް ވާރޭ ވެހި ފެންބޮޑުވެއްޖެ

ކުޅުދުއްފުއްޓަށް ރޭ ވެހުނު ވާރޭގައި އެ ރަށު ތެރެ ފެންބޮޑުވެފައި ---

ހދ. ކުޅުއްދުއްފުށި ސިޓީއަށް ރޭ ވެހެން ފެށި ވާރޭ މިއަދު އިރުއެރިއިރު ވެސް ހުއްޓާނުލައި، އެ ރަށުގެ ބޮޑު ބައެއްގައި ފެންބޮޑުވެއްޖެ އެވެ.

ކުޅުދުއްފުށީ ކައުންސިލް މެންބަރަކު "ސަން"އަށް ވިދާޅުވީ، ރޭ 11:30 އިން ފެށިގެން އެ ރަށަށް ވެހެން ފެށި ވާރޭ ހުއްޓާލާފައިވަނީ މިއަދު ހެނދުނު 11 ޖަހަން ވެފައި ވަނިކޮށް ކަމަށެވެ.

"މުޅި ރަށު އެއްކޮށް ކަހަލަ ގޮތަކަށް އޮތީ ފެން ހެދިފައި. ބައެއް ހިސާބުތަކުގައި އެއް ފޫޓަށް ދެ ފޫޓަށް އަދި ތިން ވަރަކަށް ފޫޓަށް ވެސް ފެން އެބަހުރި. މިހާރު ވެސް ކޮންމެވެސް ވަރަކަށް ކަނި ޖަހާ،" އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ރޭ ވެހުނު ވާރޭގައި އެ ރަށު ތެރެ ފެންބޮޑުވެފައި ---

މަގުތަކުގައި ފެން ހެދިފައި އޮތުމުން ހިނބާ ބިގާވެ އުޅުމަށާއި ދުއްވާ އެއްޗެހި ދުއްވުމަށް ދަތިތައް ކުރިމަތިވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ. އަދި ފެން ޕަމްޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުއްޓަށް ރޭ ވެހުނު ވާރޭގައި އެ ރަށު ތެރެ ފެންބޮޑުވެފައިވާއިރު އެމްއެންޑީއެފުން ފެން ހިއްކުމުގެ މަސައްކަތް ކުރުމުން ދަނީ ---

ފެންބޮޑުވުމުގެ ސަބަބުން ގެތަކަށް ފެން ވަދެ ގެއްލުން ލިބިފައިވާކަން ޔަގީންކަމާއި އެކު ބުނަން ނޭންގުނު ނަމަވެސް ކައުންސިލުން މިހާރު ވަނީ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރެއް ގާއިމު ކޮށްފަ އެވެ. އަދި އެއްވެސް އެހޭތެރިކަމެއް ބޭނުންވެއްޖެނަމަ އޮޕަރޭޝަން ސެންޓަރުގެ ނަންބަރު 6527178 އަށް ގުޅުއި މައުލޫމާތު ހިއްސާ ކުރުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ކުޅުދުއްފުއްޓަށް ރޭ ވެހުނު ވާރޭގައި އެ ރަށު ތެރެ ފެންބޮޑުވެފައި ---

މުޅި ރާއްޖެ އަށް ވެސް މި ދުވަސްކޮޅަކީ ވިއްސާރަ ދުވަސްކޮޅެކެވެ. ބޯކޮށް ވާރެވެހޭނެ ކަމަށް ލަފާކޮށް ހއ. އިން ފެށިގެން ދ. އަތޮޅާއި ހަމައަށް މިހާރު ވެސް މީޓްރޮލަޖީން ވަނީ ޔެލޯ އެލާޓް ނެރެފަ އެވެ.

އެގޮތުން ގަޑިއަކު 23 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވެ ބައެއް ރަށްތަކަށް ރާޅު އަރާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ. އުތުރާއި މެދު ރާއްޖޭތެރޭގެ ކަނޑުތައް ގަދަވާނެ ކަމަށް ބުނެފައިވާއިރު ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

ބައެއް ރަށްތަކަށް ރާޅު އަރާފާނެ ކަމަށް ލަފާކޮށްފައިވާއިރު، ރާޅުގެ އުސްމިން ހުރީ 3 ފޫޓާއި 6 ފޫޓާއި ދެމެދު ކަމަށް މެޓް އޮފީހުން ބުނެއެވެ.

comment ކޮމެންޓް