މާލޭ ސްކޫލުތަކުގައި ގްރޭޑް 7،8ގެ ކިޔެވުން އޯގަސްޓް 16ގައި ފަށަނީ

ޖުލައި 1، 2020: ކޮވިޑް19ގެ ނުރައްކަލާއެކު ސްކޫލްތައް ބަންދު ކުރުމަށްފަހު، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސްކޫލްތައް އަލުން ހުޅުވުން: އަދި ސްކޫލްތަކުގައި ކިޔަވައިދޭން ފެށީ ގްރޭޑް 9-12 އަށް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަންނަ މަހު 16 އިން ފެށިގެން މާލޭގެ ސްކޫލްތަކުގެ ގްރޭޑް 7 އަދި 8ކަށް ކިޔަވައިދޭން އަލުން ފެށުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެެ.

ކޮރޯނާވައިރަހާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް މާޗް މަހު ބަންދުކުރިއެވެ. އަދި އޭގެ ފަހުން ކްލާސްތައް ގެންގޮސްފައިވަނީ ޓެލެކްލާސް އަދި ގޫގަލް ކްލާސްރޫމް ފަދަ ވަސީލަތްތައް ބޭނުންކޮށްގެންނެވެ.

ނަމަވެސް މިމަހުގެ އެކަކުން ފެށިގެން ވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް އަލުން ހުޅުވައިފައެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިވީހާތަނަށް ކިޔަވައިދެމުން ގެންދިޔާއީ ގްރޭޑް ނުވަޔަކުން މައްޗަށް އެކަންޏެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ ގްރޭޑް ހަތެއް އަދި އަށަކަށް ކިޔަވައިދޭން ނިންމީ އެޗްޕީއޭގެ ލަފަޔާއެއްގޮތަށް ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިންވެސް ބުނީ ސްކޫލްތަކުގައި ކިޔަވައިދޭނީ ހުރިހާ ގޮތަކުންވެސް ރައްކާތެރިކަމަށް ބަލައި އެކަން ކަށަވަރުކުރުމަށް ފަހުގައި ކަމަށެވެ.

"ނިއު ނޯމަލް" ގައި ސްކޫލްތަކަށް ދަރިވަރުން ވަނުމުގެ ކުރިން އެމީހުންގެ ފިނިހޫނުމިން ބަލާއިރު ކްލާހަށް ވަދެވެނީ އަތް ދޮޮވެގެންނެވެ. އަދި ކްލާހުގައި ކިޔަވައިދޭއިރު ދުރުުދުރުގައި ތިބެން ޖެހޭއިރު ދަރިވަރުން ތިބެނީ މާސްކު އަޅައިގެންނެވެ.

ކުރިން ކްލާސްތަކުގައި 30 އެއްހާ ދަރިވަރުން ތިބި ނަމަވެސް މިހާރު ގިނަވަގެން ތިބެނީ 15 ވަރަކަށް ދަރިވަރުންނެވެ.

އަލުން ސްކޫލްތައް ހުޅުވިނަމަވެސް އަދިވެސް މާލެއާއި ރަށްރަށުގައި ގިނަ ދަރިވަރުންނަށް ކިޔަވައިދެމުން ގެންދަނީ އޮންލައިން ވަސީލަތްތައް ބޭނުންކޮށްގެން "ޑިސްޓަންސް މޯޑް"ގައެވެ.

comment ކޮމެންޓް