ޝަރީއަތް ނިމެންދެން ޖަލަށްލާފައިހުރި އީރާނު މީހަކު މަރުވެއްޖެ

މެއި 14، 2020: އައިޖީއެމްއެޗް ހޮސްޕިޓަލުގެ ބޭރުގައި ބަޔަކު މަޑުކޮއްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މަސްތުވާތަކެތީގެ މައްސަލައެއްގެ ޝަރީއަތް ނިމެންދެން ޖަލަށްލާފައި ހުރި އީރާނުގެ މީހަކު މަރުވެއްޖެއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ބުނީ އައިޖީއެމްއެޗްގައި ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވީ އީރާންގެ ރައްޔިތެއްކަމަށްވާ އުމުރުން 49 އަހަރުގެ ރަހުމަތުﷲ ކަމަށެވެ. އޭނާ މަރުވީ މިރޭ 11:49 ގައެވެ.

އޭނާ އަކީ ދިގު މުއްދަތަކަށް ކެންސަރަށް ފަރުވާ ހޯދަމުން އައި މީހެއް ކަމަށް ވެސް ކަރެކްޝަންސް އިން ބުންޏެވެ.

އޭނާ ޝަރީއަތް ނިމެންދެން ޖަލަށްލީ މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ތުހުމަތުގައެވެ.

ރަހުމަތުﷲ ނިޔާވުމާ ގުޅިގެން ކަރެކްޝަންސް އިން ވަނީ އެކަން އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސާވިސް، މޯލްޑިވްސް ޕޮލިސް ސާވިސް އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް އަންގާފައެވެ.

ރަހުމަތުﷲ އަކީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި ބ. އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރު ސަރަހައްދުން މަސްތުވާތަކެއްޗާއެކު ކޯސްޓް ގާޑުން ހިފެހެއްޓި އީރާނުގެ ބޯޓުގެ ފަޅުވެރިއެކެވެ. އެ ބޯޓުގެ އިތުރު ހަ ފަޅުވެރިއަކު ވެސް ތިބީ ޝަރީއަތް ނިމެންދެން ޖަލަށްލާފައެވެ.

comment ކޮމެންޓް