މަސަައްކަތެއް ކުރުމަށް ކުރެންދުއަށް ގެންދިޔަ ބިދޭސީއަކު ޕޮޒިޓިވްވެއްޖެ

ޅ. ކުރެންދޫ --- ފޮޓޯ : ޕިންޓްރެސްޓް

މަސައްކަތެއް ކުރަން މާލެއިން ޅ. ކުރެންދުއަށް ގެންދިޔަ ދެ ބިދޭސީންގެ ތެރެއިން އެކަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ.

ކުރެންދޫ ކައުންސިލު މެމްބަރަކު ސަން އަށް ވިދާޅުވީ ފަސް މީހުންނާއެކު މާލެއިން ކުރެންދުއަށް ދިޔަ މީހުންގެ ތެރެއިން އެކަކު ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ހޯމް ކަރަންޓީނުގައި ތިބި ފަސް މީހުންގެ 14 ދުވަސް ހަމަކުރުމަށްފަހު އިއްޔެ ނެގި ސާމްޕަލްއިން ޕޮޒިޓިވް ވެފައިވަނީ އެކަކު ކަމަށް އޭނާ ވިދާޅުވިއެވެ.

ކައުންސިލް މެމްބަރު ވިދާޅުވީ ޕޮޒިޓިވް ވެފައިވަނީ ބަންގްލަދޭޝް މީހެއް ކަމަށެވެ.

އެ ބަންގްލަދޭޝް މީހާއަކީ އެރަށުގެ ވަޑާން މަސައްކަތަކަށް ގޮސްފައިވާ ދެމީހުންގެ ތެރެއިން އެކެކެވެ. ދެ މީހުންވެސް ހުރީ އެއް ގެއެއްގައެވެ. ނަމަވެސް ދެވަނަ ބަންގްލަދޭޝް މީހާ ވައިރަހަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށާއި ދެމީހުންގެ ހާލުވެސް ރަނގަޅު ކަމަށް ކައުންސިލު މެމްބަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕޮޒިޓިވްވި މީހާ ވަނީ މިހާރު އެހެން ކޮޓަރިއަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު އަޅާފައިވާ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އެ ރަށުގައި ކޮވިޑް-19 ފެތުރުމުގެ އެއްވެސް ބިރެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެއީ އެމީހުން ރަށަށް ގެނައުމުގައި ހަރަކާތްތެރިވި އެންމެން ވެސް ޕްރޮޓެކްޓިވް ގިއާ ބޭނުންކޮށްފައިވާތީ ކަމަށް ކައުންސިލް މެމްބަރު ފާހަގަކުރެއްވިއެވެ.

comment ކޮމެންޓް