ބޮޑު ހިޔާނާތް: މުޅި ނިޒާމްގެ ފެއިލްވުމެއް!

އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އަސްއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- ފޮޓޯ/ ރައީސް އޮފީސް

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ތެރެއިން، ގާނޫނީ އިމުން ބޭރުން، ނުއަގުގައި ދިވެހި ރައްޔިތުންްގެ މުދަލުގެ ގޮތުގައި ހުރި 37 ރަށާއި 12 ފަޅު ދޫކޮށްލި އިރު، ގޯހެއް ހިނގާކަމުގެ އިޝާރާތެއް އެއްވެސް ފަރާތަކުން ކޮށްފައެއް ނުވެ އެވެ.

އެއް މޭޒެއްގެ މަތިން ހަތަރު ބިލިއަނެއްހާ ރުފިޔާގެ އަގުހުރި ލިޔެކިޔުންތައް ބަދަލުކޮށް ނިންމާލިއިރު، ދައުލަތުގެ އިދާރާތަކާއި، ބޭންކުތަކާއި، ފާރަވެރި އިދާރާތައް ވެސް ތިބީ ލޯމަރައިގެންނެވެ--ނިދާފައިތޯ ނުވަތަ ހޭވެރިކަމުގައިތޯ ކަމެއް ނޭނގެއެވެ.

އެހެންކަމުން ބޮޑު ހިޔާނާތް ތަހުގީގު ކުރުމަށް އުފެއްދި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަންގެ އެންމެ ބޮޑު މަގުސަދަކަށް ވެސް ވެގެން ދިޔައީ ދައުލަތުގެ ނިޒާމުގެ ތެރެއިން މިވަރުގެ ބޮޑުކަމެއް ހިނގައިގެން ދިޔަ ގޮތް ހޯދައި ދެނެގަތުމެވެ. ދެން ކުރިއަށް އޮތްތަނުގައި މިވަރުގެ ކަމެއް ހިނގައިގެން ނުދާނެވަރު ކުރުމެވެ.

އެ ކޮމިޝަނުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސް އަހުމަދު އަސްއަދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ބޮޑު ހިޔާނާތެއް ހިންގީ ރާއްޖޭގެ ޓޫރިޒަމް ގާނޫނުގައި އޮތް އިސްތިސްނާ ހާލަތެއް ބޭނުންކޮށްގެން ކަމަށެވެ.

"އެ އިސްތިސްނާ ހާލަތަކީ ސަރުކާރުގެ ބައިވެރިިވެގެން ޖޮއިންޓް ވެންޗާއެއް ހަދައިގެން، ސަރުކާރަށް އަމިއްލަ ބަޔަކާ އެކީގައި ވިޔަފާރި ކުރެވޭ ގޮތަށް ރަށެއް، ބީލަމަކާ ނުލާ ދެވިދާނޭ. މި އޮންނަ އޮތުމުގެ ނާޖާއިޒު ފައިދާ ނަގައިގެން މި ހިޔާނާތް ހިންގުމަށް އެކަން ބޭނުންކުރީ،" އަސްއަދު ވިދާޅުވި އެވެ.

ޖޮއިންޓް ވެންޗާގެ "އިސްތިސްނާ" ހާލަތު ގާނޫނަށް އުފަންކުރީ، އަސްއަދު ވިދާޅުވި ގޮތުގައި، އައްޑުއަތޮޅު ވިލިނގިލީގައި ރިސޯޓެއް ތަރައްގީކުރުމަށް ތިން ހަތަރު ފަހަރެއްގެ މަތިން އިއުލާނުކުރުމުންވެސް އެކަން ވާގޮތް ނުވުމުންނެވެ. އެހެން ނަމަވެސް މިހާރު އެފަދަ އިސްތިސްނާ ހާލަތެއް ބޭނުންކުރަން ޖެހޭކަމަށް ކޮމިޝަނުން ގަބޫލުނުކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ. ދެއްވި ސަބަބަކީ، ރާއްޖޭގެ ކޮންމެ ހިސާބެއްގައިވެސް އިންވެސްޓްކުރާނެ މީހުން ލިބުމުގައި ދަތިކަމެއް ނެތުމެވެ.

"އާންމުކޮށް މިކަހަލަ ކަންކަމުގައި އިސްތިސްނާ ހާލަތެއް ގެންނަނީ އަޅުގަނޑުމެން މިކިޔާ މާކެޓް ފެއިލިއާއެއް އަތުވެއްޖެ ނަމަ އެކަމަށް އެޑްރެސް ކުރަން ވެގެން. އެގޮތުން ދީފަ އޮތް އިސްތިސްނާ ހާލަތެއް ޖާއިޒް ނޫން ގޮތުގައި ބޭނުންކޮށްގެން މިކަން ކޮށްފައި މި އޮންނަނީ،" އަސްއަދު ވިދާޅުވި އެވެ.

އެހެންވެ، ފުރަތަމަ ބަދަލުކުރަން ޖެހެނީ ގާނޫނުގައިވާ އިސްތިސްނާ އެ ހާލަތެވެ.

ހިޔާނާތުގައި ހުރިހާ ދާއިރާއެއްގެ ބައިވެރިވުން ހިމެނޭ!

ކޮމިޝަނުގެ ތަހުގީގުގައިި ދެން ބެލީ، ހިޔާނާތުގައި ބައިވެރިވެފައި ވަނީ ވަކި ދާއިރާއަކުން ވަކި ލެވަލްއެއްގެ ބައެއް ތޯއެވެ. ނަމަވެސް ކަން ހިނގާފައި އޮތީ އެހެނެއް ނޫނެވެ. މިކަމުގައި ވަކި ދާއިރާއެއް އިސްތިސްނާ ކުރެވޭކަށް ނެތް ކަމަށް އަސްއަދު ވިދާޅުވި އެވެ. ވަރަށް ގިނަ އިދާރާތަކުން މިކަމުގައި އަމަލީގޮތުން ބައިވެރިވި އިރު، އެހެން އިދާރާތަކުން ބަހެއް ނުކިޔާ ހިމޭނުން ތިބީ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހިޔާނާތް ހިންގަން ވަސީލަތެއްގެ ގޮތުގައި ދައުލަތުގެ ހިއްސާ އޮތް ކުންފުންޏެއް ބޭނުންކުރި އިރު، އެކަމުގައި ބައިވެރިވީ ހަމައެކަނި ކުންފުނީގެ މެނޭޖިން ޑިރެކްޓަރާ ހިންގަން ހުރި މީހަކުތޯ ވެސް ކޮމިޝަނުން ބެލި އެވެ.

"އެހެނެއް ނޫން. އަޅުގަނޑުމެންގެ ތެރޭގައި ގާނޫނުތައް އެބަހުރި. ކުންފުުނީގެ ގާނޫނުގައި އެބަ އޮތް، އޭގަ އެބަ ބަޔާންކުރޭ ޒިންމާވާންޖެހޭ ގޮތްތައް، ޒިންމާވާން ޖެހޭ މީހުން. އޭގެ ތެރޭގައި އެބަ ހިމެނޭ ބޯޑުގެ ޒިންމާތައް ވެސް. ބޯޑުގެ ޒިންމާތައް ވެސް މިވަނީ އަދާނުކުރެވިފައި،" އަސްއަދު ވިދާޅުވި އެވެ.

ޗެކުތަކެއް އެންޑޯސްކޮށްގެން މިވަރުގެ ބޮޑު ފައިސާގެ މުއާމަލާތެއް ކުރެވުނު އިރު ބޭންކިން ސެކްޓާ ކޮބައިހެއްޔެވެ؟ މި ބޮޑު ވައްކަން ހިނގައިގެން ދިޔަ އިރު ބޭންކިން ސެކްޓާ ތެރެއިން ކަންބޮޑުވާންޖެހޭ ފަދަ ކަންތައްތަކެއް ހިނގާފައިވާކަން އަސްއަދު ފާހަގަކުރެއްވި އެވެ.

"ހާއްސަކޮށް ނެގޯޝަބަލް އިންސްޓްރުމަންޓްސް ނުވަތަ ފައިސާގެ ގޮތުގައި ބަދަލުކުރެވޭ ތަކެތީގެ ވާހަކަ. އެ ގާނޫނު ބޭނުންކޮށްފައި އޮތީ އެންމެ ރަނގަޅަށްތޯ. އެ ގާނޫނާ އެކީގައި ބޭންކުތަކުގެ އެތެރޭގައި ހުރި ޕޮޓެންޝަލް ރެގިއުލޭޝަންސް، ނޫނީ އެބޭފުޅުން ކަންތައްތައް ގޯހުން ގޯހަށް ނުދިއުމަށް ހުރި ގަވާއިދުތައް ހަރުދަނާ ގޮތުގައި އިމްޕްލިމެންޓް ކުރަންޖެހޭ ގަވާއިދުތައް އެންމެ ރަނގަޅަށްތޯ ކުރެވިފައި ހުރީ. އެކަން ވެސް ވެފައި ހުރީ އެންމެ ރަނގަޅަކަށް ނޫން،" އަސްއަދު ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ މިހާރު އެކަންކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އައިސްފައިވާ ކަމަށާއި އެހެން ނަމަވެސް އަދިވެސް މިކަހަލަ ކަމެއް ހިނގައިދާނެ ކަހަލަ ކަންތައްތަކެއް ހުރިކަމަށެވެ.

ހަމައެއާއެކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ އިހުމާލު، ނުވަތަ ފެއިލްވުމެއް މިކަމުގައި އޮތްކަން އަސްއަދު ފާހަގަކުރެއްވި އެވެ.

"މާލީ ކަންތައްތައް ބަލާ، އެކަންތައް ހަމައަކަށް އަޅުވަން އޮންނަ އިދާރާއެއް ކަމުގައިވާ އެމްއެމްއޭ އިން ކިހިނެތްތޯ އަމަލުކުރެއްވީ. އޭގަ ވެސް އަޅުގަނޑުމެންނަށް ފެންނަނީ ފެއިލިއާ ތަކެއް. އެހެންވީމަ މުޅި ސިސްޓަމް ފެއިލިއާއެއް ގޮތަށް އަޅުގަނޑުމެން ކްލެސިފައި މި ކުރަނީ މިކަން މިހެން ފެންނަން އޮތަތީ،" އަސްއަދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އަސްއަދު ވަނީ އިތުރު ކަންބޮޑުވުމެއް ވެސް ފާޅުކުރައްވައިފަ އެވެ. އެއީ ސަރުކާރުގެ މަގާމެއްގައި ހުންނަ މީހަކު ކުރާ ކަމަކުން ކޮރަޕްޝަނަށް މަގުފަހިވެއްޖެ ނަމަ އެ މައްސަލައިގައި ދައުވާ ކުރެވުނު ނަމަވެސް، އެކަމުގައި ބައިވެރިވާ ވިޔަފާރިވެރިޔާ ކުށްވެރިވެފައި ނުވުމެވެ.

މިކަން މިހެން އޮތުމުން ވިޔަފާރިވެރިން ބަޔަކު ލައްވާ ގޯހެއް ހައްދުވައިގެން ދައުލަތުގެ މުދަލެއް ހޯދުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި އެމީހުން އެކުރާ ކަމަކީ ކުށަކަށް ނުވެ ދާ ފަދަ ހާލަތެއް އުފަންވާ ކަމަށް އަސްއަދު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ ހުރިހާ ކަމެއް ހުރީ މިކަމަށް ފަހިވެފަ. އެސްއޯއީސީތައް ކަވަރެއް ގޮތުގައި ބޭނުންކޮށްގެން، ނޫނީ ސަރުކާރުގެ ކުންފުނިތައް ކަވަރަކަށް ބޭނުންކޮށްގެން ކުރަމުން ދިޔައީ ހަގީގަތުގައި ވެސް އަޅުގަނޑު ދަންނަވާނީ މިއީ މާޒީން ފިލާވަޅު ލިބިގެން ކޮށްފައި އޮތް ކަމެކޭ،" އަސްއަދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޮންމެ ސަރުކާރަކުން ވެސް އިސްތިސްނާ ހާލަތު ބޭނުންކުރަނީ އެބަޔަކު ބޭނުންވާ ގޮތަށް ކަމަށާއި އެހެންކަމުން ގާނޫނުގައިި އޮތް އިސްތިސްނާ ހާލަތު މިހާރު އޮތުމުގެ ބޭނުމެއް ނެތް ކަމަށާއި އަދި އޮންނަ ނަމަ އެކަން އިތުރަށް ހަރުދަނާ ކުރަން ޖެހިފައިވާ ކަމަށެވެ.

ވަކި މީހަކު ޒިންމާ ކުރުވާފައި ނިންމޭކަށް ނެތް!

ގާނޫނާ ހިލާފަށް ނުއަގުގައި ރަށްތަކެއް ދޫކޮށްގެން ލިބުނު ފައިސާ އެމްއެމްޕީއާރްސީގެ ތެރެއަށް ވަންނަނީ ޗެކެއްގެ ސިފައިގަ އެވެ. ދެން އެ ޗެކް، ބޭންކަކުން އެންޑޯސްކޮށްގެން ފޮނުވަނީ އަމިއްލަ ކުންފުންޏަކަށެވެ. އަމިއްލަ ކުންފުންޏަށް ފޮނުވާލައި، އެ ޗެކް ނަގުދު ފައިސާއަށް ބަދަލުވާ ހިސާބުން، ޓްރެކް ގެއްލުނީ އެވެ.

އަސްއަދު ވިދާޅުވީ މިގޮތަށް މިކަން ހިނގައިދިޔަ އިރުވެސް އަދިވެސް ފެނިގެން ދަނީ އެންމެ މީހަކު ޒިންމާކުރުވާ ތަން ކަމަށާއި، އެހެން ނަމަވެސް ކުންފުނިތަކަކީ ހަމައެކަނި މެނޭޖްމަންޓުގައި ތިބޭ މީހުން ނޫން ކަމަށާއި، ކުންފުނީގެ ބޯޑަކީ ވެސް ޒިންމާ އުފުލަން ޖެހޭ ބައެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ހިނގާދިޔަ އިރު ބޭންކް އޮފް މޯލްޑިވްސް އިން ވެސް ހުންނާނޭ އަހަރީ ރިޕޯޓުތައް ނެރެފަ. އެއްވެސް ކަހަލަ މައްސަލައެއް އުޅޭ ކަމަކަށް އެބޭފުޅުންގެ އޮޑިޓް ކޮމެޓީއަކުން ވެސް އަދި އެހެން ފަރާތަކުން ވެސް ފާހަގަކޮށްފައެއް ނޯންނާނެ. އެހެންވީމަ ހަމައެކަނި މެނޭޖްމަންޓް ނޫނީ ވަކި ބޭފުޅަކު އެކަނި ޒިންމާ ކުރުވާފަ އަޅުގަނޑުމެންނަކަށް ދޫކޮށްލެވޭ ވަރު ކަމެއް ނޫނޭ މި ކަމަކީ،" އަސްއަދު ވިދާޅުވި އެވެ.

ހިޔާނާތުގެ ފައިސާ އެސްއޯއެފްގެ ތެރެއަށް ދިއުމަށްފަހު، ދެން އޭގެން ބޭނުންކޮށްފައިވާ ގޮތް ބަލައިލުމުން ވެސް، މިއީ މުޅި ސިސްޓަމް ފެއިލްވެ، މުޅި ސިސްޓަމްގެ ބައިވެރިވުން ކޮންމެސް ގޮތެއްގައި އޮވެގެން ކޮށްފައިވާ ކަމެއް ކަން ސާފުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެ ފައިސާ ބޭނުންކޮށްފައި ހުރީ އަމަލީގޮތުން އެކަމުގައި އުޅުނު މީހުންގެ އަމިއްލަ ފައިދާއަށާއި، ސިޔާސީ މީހުންނާއި، ޕަބްލިކް އޮފިޝަލުންނަށާއި މިނިވަން މުއައްސަސާތަކުގައި ތިބި މީހުންނާއި ނުވަތަ ފާރަވެރި އިދާރާތަކުގައި ތިބި މީހުންނާއި ޖުޑީޝަރީގައި ތިބި މީހުންނަށާއި އަދި ބައެއް އާންމު ރައްޔިތުންގެ ކަންކަމުގަ އެވެ.

"ކުރުކޮށް ދަންނަވާ ކަމަށް ވާނަމަ، މީގެން ވަކި އެއްވެސް ބަޔަކު އިސްތިސްނާ ނުވާ ގޮތަށް، ގިނަ ބަޔަކަށް މީގެ މަންފާ ކޮށްފަ ހުރީ، ނޫނީ މީގެ ނާޖާއިޒް ގޮތުގައި ފައިސާ ލިބިފަ ތިބި މީހުން ވަރަށް ގިނަ، ވަރަށް ގިނަ ސެކްޓާތައް އެބަހުރި. ޖުމްލަކޮށް ދަންނަވާ ނަމަ ވަކި ސެކްޓާއެއް ވަކި ބަޔަކު މީގެން އިސްތިސްނާ ކުރެވޭކަށް ނެތް،" އަސްއަދު ވިދާޅުވި އެވެ.

އަސްއަދު ވިދާޅުވީ ތަހުގީގުގެ ހޯދުންްތަކުން ފާހަގަވި ގޮތުގައި، ރަށްތަކާއި ފަޅުތައް ނަހަމަ ގޮތުގައި ދޫކޮށްގެން ދައުލަތަށް ހަތަރު ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް ވަނީ ގެއްލިފަ އެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދައުލަތަށް ލިބިފައި ވަނީ 1.2 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ކޮޅުވެސް ހިޔާނާތުގެ ތެރެއިން ގެއްލުނީ އެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ މިހާރު ހިޔާނާތާ ގުޅޭ ރިޕޯޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އަރުވަައިފަ އެވެ. އަސްއަދު ވިދާޅުވީ އެ ރިޕޯޓުގައި ތަހުގީގަށް ފާހަގަވި ކަންކަމާއި ރެކޮމެންޑޭޝަންތައް ހިމަނާފައިވާނެ ކަމަށެވެ.

އެގޮތުން މައްސަލައަށް ގާނޫނީ ހަމަތަކުގެ ތެރެއިން ހައްލެއް ހޯދުމާ އެކު، އިގްތިސާދީ މަންފާއާއި އިގްތިސާދީ ގޮތުން ބަލަންޖެހޭ ކަންތައްތަކަށް ބަލައިގެން މިކަމަށް ހައްލެއް ހޯދުމަށް ރިޕޯޓުގައި ހިމަނާފައިވާނެ ކަމަށް އަސްއަދު ވިދާޅުވި އެވެ.

އެއީ މަދަނީ މައްސަލައެއް ނަމަވެސް، ރަށެއް ހޯދުމުގައި އެއްވެސް ކަހަލަ ޖިނާއީ މައްސަލައެއް ހިނގާފައި ވާނަމަ އެކަން ހުއްޓާލެވިގެން ނުވާނެ ކަމަށްވެސް ރެކަމެންޑޭޝަންގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއީކީ ހައްލެއް ހޯދޭނެ ކަމެއް ނޫން އެއަށް ލިބެންވާ އަދަބު ނޫން ހައްލެއް އޮތް ކަމަށް ނޫން. ޖިނާއީ މައްސަލައެއް ދޫކޮށްލެވިގެން ނުވާނޭ. ދެން ހަމަ ކަނޑައެޅިގެން ސާބިތުކޮށް ރަށެއް ހޯދުމުގެ ތެރޭގައި ހިޔާނާތުގެ ކަމެއް ނުވަތަ އޭގެ ތެރޭގައި ކޮރަޕްޝަނެއްގެ އަމަލެއް އޮތް ނަމަ، އެއާ އެނޫން ގޮތްގޮތަށް މި ދަންނަވަނީ އާމްސް ލެންތުގައި ކަމަށް ބެލިގެން ވިޔަފާރިވެރިިޔަކު ނުވަތަ އިންވެސްޓަރަކު ހިންގާފައިވާ ކަމަކާ ދެކަންތައް ތަފާތުކުރުން އެއީ ރެކޮމެންޑޭޝަންް ތެރޭގައި ދަންނަވާފައި ވާނެ،" އަސްއަދު ވިދާޅުވި އެވެ.

ކޮމިޝަނުން ބުނީ ދައުލަތުގެ އެއްވެސް މުދަލެއް އަމިއްލަ ފަރާތްތަތަކަށް ހަވާލުކުރެވޭ ނަމަ އެ ހަވާލުކުރެވޭ މަގުސަދަކީ އެ ބޭނުންކޮށްގެން މަންފާއެއް ހޯދާ އެ މަންފާއިން ރައްޔިތުންނަށް ވެސް މަންފާވުން ކަމަށެވެ.

އެހެންކަމަށް ވާއިރު، ބައެއްގެ އަތްމައްޗަށް ރަށެއް ނުވަތަ އެއްޗެއް ދޫކޮށްލައިގެން އޭގެން ޓެކްސްގެ ފައިދާ، ވަޒީފާގެ މަންފާއެއް، އިގްތިސާދީ ދިރުމަކަށް މަންފާއެއް ނުލިބޭ ގޮތަށް ރައްޔިތުންގެ މުދާ ބަޔަކު އަތުގައި ބެހެއްޓުމުގެ އެއްވެސް ކަހަލަ ޖަސްޓިފިކޭޝަނެއް ނެތް ކަމަށް ވެސް އަސްއަދު ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ މީހުންގެ އަދަދު މިހާރު 300 އަށް އަރާފައިވާއިިރު، އޭގެ ތެރެއިން ފަސް މީހަކަށް ދައުވާކުރަން ފޮނުވަން މިހާރު ވަނީ ތައްޔާރުވެފަ އެވެ. ކޮމިޝަނުން ބުނީ ހިޔާނާތުގެ ފައިސާ އަތަށް އެރި، ނުވަތަ އެމީހެއްގެ އަތް މަތިން ދައުރުވި ކޮންމެ މީހަކީ ކުށްވެރިއަކަށް ވުން ލާޒިމު ނޫން ކަމަށެވެ.

comment ކޮމެންޓް