ކުރެންދޫ ނަރުދަމާގެ މަސައްކަތް ނިމި، ޓެސްޓް ކުރަނީ

ޅ. ކުރެންދޫ --- ފޮޓޯ : ޕިންޓްރެސްޓް

މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިއުއެސްސީ) އިން ޅ. ކުރެންދޫގައި ގާއިމުކުރާ ނަރުދަމާ ނިޒާމުގެ މަސައްކަތް ނިމި އެ މަސައްކަތް ޓެސްޓް ކުރަން ތައްޔާރުވެއްޖެ އެވެ.

އެމްޑަބްލިއުއެސްސީއިން ބުނެފައިވަނީ ކުރެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތުގެ 99 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. މިހާރު އޮތީ ޓެސްޓް ކުރުމުގެ މަސައްކަތަށް ވީއިރު އެ ނިޒާމު ޓެސްޓުކޮށް ކޮމިޝަން ކުރުމަށްޓަކައި ހައުންސިން މިނިސްޓްރީއަށް މިހާރު އެދިފައިވާ ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން ކުރެންދޫގެ ނަރުދަމާ ނިޒާމުގެ މައި ނެޓްވޯކް ގާއިމުކޮށް 366 ގެއެއްގައި ޖަންގްޝަން ބަހައްޓައި އެ ގެތަކަށް ވަނީ ނަރުދަމާ ކަނެކްޝަން ގުޅައިދީފައި ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެފައިވެއެވެ.

ކުރެންދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް އަމަލީ ގޮތުން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު 20 ގައެވެ.

އެ މަޝްރޫއުގެ ދަށުން 6،000 މީޓަރުގެ ނަރުދަމާ މައި ނެޓްވޯކްއާއި 720 މީޓަރުގެ ޕަންޕިން ލައިންއެއް ވަނީ ގާއިމުކޮށްފައެވެ. އޭގެއިތުރުން ދެ ޕަމްޕިން ސްޓޭޝަނާއި ސީ އައުޓްފޯލް އަދި އިދާރީ ބިލްޑިން އެއްވެސް ވަނީ ގާއިމުކޮށްފައެވެ.

މިނިސްޓްރީގެ ފަރާތުން އެމްޑަބްލިއުއެސްސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއަކީ 29.4 މިލިއަން ރުފިޔާގެ މަޝްރޫއެއް ކަމަށް އެމްޑަބްލިއުއެސްސީއިން ބުނެއެވެ.

comment ކޮމެންޓް